އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއަށް ޕާލަމެންޓް ތެރޭގައި ހަމަލާދީފި
އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއަށް އެ ގައުމުގެ ޕާލަމެންޓް (ކްނެސެޓް) ތެރޭގައި މެންބަރަކު ހަމަލާދީފި އެވެ. މި ހާދިސާ ހިނގާފައިވަނީ ޕާލަމެންޓުގެ ޖަލްސާއެއް ކުރިއަށް ދަނިކޮށެވެ.
މި ކަމާއި ގުޅޭ ވީޑިއޯއެއް ވެސް ސޯޝަލް މީޑިއާގައި އެބަ ދައުރުވެ އެވެ. ވީޑިއޯއިން ފެންނަ ގޮތުގައި ނަތަންޔާހޫ ޕާލަމެންޓުގެ ތެރޭގައި ވާހަކަދައްކަން ހުއްޓައި މީހަކު އައިސް އޭނާގެ ގައިގައި ހިފައިގަނެ ތަޅާފޮޅާ މަންޒަރު ފެނެ އެވެ. އަދި އެވަގުތު އެތަނަށް ބަޔަކު އައިސް ނަތަންޔާހޫއަށް ހަމަލާދިން މީހާ ދުރުކޮށް އޭނާގެ ގައިގައި ވަރަށް އަނިޔާވެރިކޮށް ތަޅާ މަންޒަރު ވެސް އެ ވީޑިއޯ އިން ފެނެ އެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި، ޕާލަމެންޓުގެ ޑެޕިއުޓީއަކު ވަނީ ނަތަންޔާހޫއާ ދެކޮޅަށް ތެދުވެ، އޭނާގެ ހަށިގަނޑަށް އަތުން ހަމަލާދީފަ އެވެ. މި ހަމަލާއާ ގުޅިގެން ޕާލަމެންޓުގެ ތެރޭގައި ބޮޑު ހަމަނުޖެހުމެއް އުފެދި، ޖަލްސާ ވަނީ މެދުކަނޑާލަން ޖެހިފަ އެވެ.
Ads by BMLމި ހާދިސާ ހިނގަން މެދުވެރިވި ސީދާ ސަބަބެއް އަދި ސާފުވެފައި ނުވި ނަމަވެސް، މިއީ އިޒްރޭލުގެ ސިޔާސީ މަޝްރަހު ނުތަނަވަސްވެފައިވާ ދަނޑިވަޅެއްގައި ހިނގި ކަމެކެވެ. ނަތަންޔާހޫގެ ސަރުކާރާ ދެކޮޅަށް އިދިކޮޅު ފަރާތްތަކުންނާއި އާންމުންގެ ބޮޑެތި ފާޑުކިޔުންތަކެއް ދަނީ އަމާޒުވަމުންނެވެ.
ކްނެސެޓްގެ ސެކިއުރިޓީ ބަލަހައްޓާ ފަރާތްތަކުން ވަނީ ވަގުތުން އެ ސަރަހައްދަށް ވަދެ، ހަމަލާދިން މެންބަރު އެ ތަނުން ދުރުކޮށްފަ އެވެ. މި ހާދިސާގައި ނަތަންޔާހޫއަށް ލިބުނު އަނިޔާގެ ތަފްސީލެއް އަދި ރަސްމީ އިދާރާތަކުން ހާމަކޮށްފައެއް ނުވެއެވެ.
Ads by MACL
