ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ފަތުރުވެރިކަމުގެ ދާއިރާއަށް ދިމާވާ ގޮންޖެހުންތަކަށް ހައްލުހޯދުމަށް 365 މިލިޔަން ޑޮލަރުގެ ލޯނު ދޫކޮށްފި

ފަތުރުވެރިކަމުގެ ދާއިރާއަށް ދިމާވާ ގޮންޖެހުންތަކަށް ހައްލުހޯދުމަށް 365 މިލިޔަން ޑޮލަރުގެ ލޯނު ދޫކޮށްފި

ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއަށް ދިމާވާ ގޮންޖެހުންތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް 2024 ވަނަ އަހަރުން ފެށިގެން މިހާތަނަށް އައު ލޯނުގެ ގޮތުގައި 365 މިލިޔަން ޑޮލަރު ދޫކޮށްފައިވާކަމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ހާމަކޮށްފިއެވެ.

ގައުމީ ބޭންކުން ބުނީ ފަތުރުވެރިކަމުގެ ދާއިރާއަށް ދިމާވާ ގޮންޖެހުންތަކުން އަރައިގަތުމަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި އެ ބޭންކުން އަބަދުވެސް ދެމިއޮންނާނެ ކަމަށެވެ.

ބީއެމްއެލްއިން ވިދާޅުވި ގޮތުގައި ފަތުރުވެރިކަމަށް ކުރިމަތިވަމުންދާ އަސަރުތައް ދެނެގަތުމަށާއި އެ ސިނާއަތަށް އެހީތެރިކަން ފޯރުކޮށްދިނުމަށް މުހިންމު ސްޓޭކް ހޯލްޑަރުންނާ ގުޅިގެން ދަނީ މަސައްކަތް ކުރަމުންނެވެ. އެގޮތުން ރިސޯޓް އޮޕަރޭޓަރުންނާއި، ގެސްޓްހައުސް ހިންގާ ފަރާތްތަކުގެ އިތުރުން ފަތުރުވެރިކަމާ ގުޅުންހުރި އެހެނިހެން ވިޔަފާރިތަކުގެ ހިންގުމަށާއި މާލީ ހާލަތަށް އަންނަ ބަދަލުތައް ދެނެގަތުމަށްޓަކައި އެ ފަރާތްތަކާއެކު މެދުނުކެނޑި މަޝްވަރާތައް ކުރިއަށްދާކަމަށް ބޭންކުން ބުނެއެވެ.

ބޭންކުގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިއަދާ ހަމައަށް ފަތުރުވެރިކަމުގެ ދާއިރާއަށް ދޫކޮށްފައިވާ ޖުމްލަ ލޯނު ޕޯޓްފޯލިއޯ ވަނީ 585 މިލިޔަން ޑޮލަރަށް އަރާފައެވެ. ދުނިޔެއަށް މިހާރު ކުރިމަތިވެފައިވާ ހާލަތާ ގުޅިގެން ފަތުރުވެރިކަމަށް ކޮށްފާނެ އަސަރުތަކާ ގުޅިގެން ބޭންކުން ނެރުނު ނޫސްބަޔާނެއްގައި ވަނީ، ރާއްޖޭގެ އިޤްތިޞާދުގެ މައި ތަނބު ކަމަށްވާ ފަތުރުވެރިކަމުގެ ސިނާއަތުގެ ހަމަޖެހުން ޤާއިމުކުރުމަށް އިސްކަންދޭނެ ކަމުގެ ޔަޤީންކަން ދީފައެވެ.

މީގެ އިތުރުން، ބޭންކުން ވަނީ ބޭރު ފައިސާ ދޫކުރުމުގެ ތަފާސްހިސާބުތައް ވެސް ހިއްސާކޮށްފައެވެ. އެގޮތުން މިދިޔަ އަހަރު ތެރޭގައި ކަސްޓަމަރުންގެ އެކިއެކި ބޭނުންތަކަށް މުޅި ޖުމްލަ 672.5 މިލިޔަން ޑޮލަރު ވިއްކާފައިވެއެވެ. މިއީ ދުވާލެއްގެ މައްޗަށް ބަލާއިރު 1.84 މިލިޔަން ޑޮލަރެވެ. މިއީ އޭގެ ކުރީ އަހަރާ އަޅާބަލާއިރު 70 އިންސައްތަ އިތުރު އަދަދެއްކަމަށް ބޭންކުން ފާހަގަކުރެއެވެ.

2025 ވަނަ އަހަރުގެ މިހާތަނަށް ބީއެމްއެލް މެދުވެރިކޮށް ވިޔަފާރިތަކަށް ޖުމްލަ 175 މިލިޔަން ޑޮލަރު ވިއްކާފައިވާއިރު، މީގެ ތެރެއިން 104 މިލިޔަން ޑޮލަރު ވިއްކާފައިވަނީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށެވެ. ބޭންކުން ވިދާޅުވީ އެ ބޭންކުގެ މަސައްކަތްތައް އަބަދުވެސް ބައްޓަންކޮށްފައިވަނީ ރާއްޖޭގެ އިގްތިސާދީ ކުރިއެރުމަށް މަގުފަހިވާނެ ގޮތުގެ މަތިން ކަމަށެވެ.