މޮރޮކޯ މެޗުގެ ކުރިން ސެނެގާލްގެ ކުޅުންތެރިން ޑޯޕިން ޓެސްޓަށް ފިލިކަމުގެ ސީރިއަސް ތުހުމަތުތަކެއް
2025 ވަނަ އަހަރުގެ އެފްރިކާ ކަޕް އޮފް ނޭޝަންސްގެ ފައިނަލް މެޗަށްފަހު، ސެނެގާލްގެ ކުޅުންތެރިން ޑޯޕިން ޓެސްޓު ހެދުމުން އިންކާރު ކޮށްފައިވާ ކަމަށް ބުނެ މޮރޮކޯގެ ނޫސްވެރިއަކު ބޮޑެތި ތުހުމަތުތަކެއް ފެންމަތިކޮށްފި އެވެ. މި ތުހުމަތުތައް ކުރީ މޮރޮކޯގެ މަޝްހޫރު ނޫސްވެރިއެއް ކަމަށްވާ ޔޫސުފް އަލް ތަމްސަމާނީ އެވެ.
އިތުރު ވަގުތު ކުޅެގެން 1-0 ގެ ނަތީޖާއަކުން ސެނެގާލް މޮޅުވި މި މެޗަށްފަހު، އަލް ތަމްސަމާނީ އޭނާގެ އިންސްޓަގްރާމްގައި އާންމުކުރި ވީޑިއޯއެއްގައި ބުނެފައިވަނީ އެފްރިކާ ކަޕް އޮފް ނޭޝަންސްގެ ފައިނަލަށްފަހު ސެނެގާލްގެ ކުޅުންތެރިން ވަނީ ޑޯޕިން ޓެސްޓުތައް ނުހަދަން ފިލާފައި ކަމަށެވެ. އަދި މިކަމާ ގުޅިގެން ދުނިޔޭގެ އެންޓި ޑޯޕިން އެޖެންސީ (ވާޑާ) ކޮބައިތޯ އޭނާ ވަނީ ސުވާލު އުފައްދާފަ އެވެ.
އަލް ތަމްސަމާނީ އިތުރަށް ހާމަކުރި ގޮތުގައި، ރަބާތުގެ ޕްރިންސް މޫލައި އަބްދުﷲ ސްޓޭޑިއަމްގައި ބޭއްވި އިނާމު ދިނުމުގެ ރަސްމިއްޔާތަށްފަހު އެންމެ 35 މިނެޓު ތެރޭގައި ސެނެގާލްގެ ކުޅުންތެރިން ވަނީ ސްޓޭޑިއަމް ދޫކޮށް ގޮސްފައެވެ. އޭނާ ބުނާ ގޮތުގައި އެއީ ކުޅުންތެރިން ޑޯޕިން ޓެސްޓުތައް ފުރިހަމަކުރުމަށް އެކަށީގެންވާ ވަގުތެއް ނޫނެވެ.
Ads by BMLމި މައްސަލައާ ގުޅިގެން ބްރަސަލްސްގައި ތިބި އޭނާގެ މަސްދަރުތަކުން އެފްރިކާގެ ފުޓްބޯޅަ ފެޑެރޭޝަން (ކެފް) އަދި ވާޑާއާ ގުޅުމަށް މަސައްކަތް ކުރި ނަމަވެސް، މިހާތަނަށް އެއްވެސް ޖަވާބެއް ލިބިފައި ނުވާކަމަށް އޭނާ ބުންޏެވެ. މީގެ އިތުރުން ސެނެގާލްގެ ފުޓްބޯޅަ ފެޑެރޭޝަންގެ އެތެރޭގެ މައްސަލަތަކެއް އުޅޭކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށްވެސް އޭނާ ވަނީ ފާހަގަކޮށްފައެވެ.
މި ހާދިސާއާ ގުޅިގެން އެފްރިކާގެ ފުޓްބޯޅަ އިދާރާއިން ސެނެގާލް އަތުން ތަށި އަތުލައި މޮރޮކޯއަށް ދިނުމަށް ނިންމާފައިވާ ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ. ނަމަވެސް މިކަމާ ގުޅޭގޮތުން ރަސްމީ އިދާރާތަކުން އަދި ވަކި އެއްޗެއް ހާމަކޮށްފައެއް ނުވެއެވެ.
Ads by MACL
