ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ސަރުކާރުގެ އަމާޒަކީ ކުޅިވަރުގެ ދާއިރާ ކުރިއަރުވައި ގައުމީ ތަރައްގީއަށް މަގުފަހިކުރުން: ރައީސް

ސަރުކާރުގެ އަމާޒަކީ ކުޅިވަރުގެ ދާއިރާ ކުރިއަރުވައި ގައުމީ ތަރައްގީއަށް މަގުފަހިކުރުން: ރައީސް

ސަރުކާރުގެ އަމާޒަކީ ކުޅިވަރުގެ ދާއިރާ ކުރިއަރުވައި، މި ދާއިރާގެ ތެރެއިން ގައުމީ ތަރައްގީއަށް މަގުފަހިކުރުންކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ ތަރައްގީ އާއި ސުލްހައަށްޓަކައި ފާހަގަކުރާ ބައިނަލްއަގުވާމީ ކުޅިވަރު ދުވަހުގެ މުނާސަބަތުގައި ފޮނުއްވި މެސެޖެއްގައެވެ.

ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި ވިދާޅުވީ، ކުޅިވަރަކީ އެއްވެސް ހުރަހެއް ނެތި އެންމެން ގުޅުވައިދޭ ވަސީލަތެއް ކަމަށާއި، އެއީ ގައުމީވަންތަކަމުގެ މުހިންމު ތަނބެއް ކަމަށެވެ. އަދި ކުޅިވަރަކީ ޒުވާނުން ބާރުވެރިކުރުވައި، އިޖުތިމާއީ ބަދަހިކަން ވަރުގަދަކޮށްދޭ އެންމެ މުހިންމު އެއް ބާރުކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

"ކުޅިވަރާއި އޭގެ ރީތި އުޞޫލުތައް ބަލައިގަނެ، އަޅުގަނޑުމެންގެ ޒުވާނުންގެ ކިބައިގައި އަޚްލާޤާއި، ސާބިތުކަމާއި، ގުޅިގެން މަސައްކަތްކުރުމުގެ ރޫޙާއި، އެކަކު އަނެކަކަށް އިޙްތިރާމްކުރުމުގެ ސިފަ އަށަގަންނުވަންޖެހޭ." ޒުވާނުންގެ އަޚްލާޤާ ބެހޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވި އެވެ.

އަދި މިއީ އެކުދިންނަކީ ދުޅަހެޔޮ، މާނަހުރި ދިރިއުޅުމެއް އުޅޭ، އަދި ޤައުމީ ތަރައްޤީގައި ހިއްސާވާ ބަޔަކަށް ހެދުމަށް މަގުފަހިވާނެ ކަމެއްކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ދުޅަހެޔޮ މުޖުތަމައެއް ބިނާކުރުމަށާއި، ޒުވާނުންނަށް ކާމިޔާބީގެ މަގު ދައްކައިދިނުމަށާއި، އިގްތިސާދީ ކުރިއެރުން ހޯދައި، އެންމެން ގުޅިގެން ވަރުގަދަ މުސްތަގުބަލެއް ބިނާކުރުމަށްޓަކައި، ކުޅިވަރުގެ ދާއިރާ ކުރިއަރުވުމަށް ސަރުކާރުން ހާއްސަ އިސްކަމެއް ދީގެން މަސައްކަތް ކުރަމުން އަންނަކަމަށް ރައީސްގެ މެސެޖުގައި ބަޔާންކުރައްވާފައިވެ އެވެ.

ރައީސުލްޖުމްހޫރިއްޔާގެ މެސެޖު ނިންމަވާލެއްވީ، ކުޅިވަރުގެ ބާރުގެ ބޭނުން ހިފައިގެން ގައުމަށް ބޮޑެތި ކާމިޔާބީތައް ހޯދައިދިނުމަށާއި، ދެމެހެއްޓެނިވި ސުލްހައަކަށް މަސައްކަތްކުރުމަށް ރާއްޖޭގެ ރައްޔިތުންނަށް ގޮވާލައްވަމުންނެވެ.