ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ރާއްޖެއަށް އެތެރެކުރާ ބޭހަކީ ކޮލިޓީ ރަނގަޅު ބޭސްކަން ކަށަވަރުކުރަން އިލެކްޓްރޯނިކް ނިޒާމެއް ގާއިމްކުރަނީ

ރާއްޖެއަށް އެތެރެކުރާ ބޭހަކީ ކޮލިޓީ ރަނގަޅު ބޭސްކަން ކަށަވަރުކުރަން އިލެކްޓްރޯނިކް ނިޒާމެއް ގާއިމްކުރަން ވަނީ ނިންމާފަ، ފޮޓޯ: ސަން
ރާއްޖެއަށް އެތެރެކުރާ ބޭހަކީ ކޮލިޓީ ރަނގަޅު ބޭސްކަން ކަށަވަރުކުރަން އިލެކްޓްރޯނިކް ނިޒާމެއް ގާއިމްކުރަން ވަނީ ނިންމާފަ، ފޮޓޯ: ސަން

ރާއްޖެއަށް ދިމާވެފައިވާ ބޭސް ނުލިބުމުގެ މައްސަލަ ހައްލުކޮށް، ބޭހާ ގުޅޭ ކަންކަން ހަރުދަނާކުރުމަށްޓަކައި އިލެކްޓްރޯނިކް ނިޒާމެއް ގާއިމްކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ދައުލަތުގެ ބޭސް ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ޑރ. ޝާހް މާހިރު ވިދާޅުވެއްޖެ އެވެ.

ދައުލަތުގެ މީޑިއާގައި ވާހަކަދައްކަވަމުން ޑރ. ޝާހް ވިދާޅުވީ، ބޭސް ނުލިބުމުގެ މައްސަލައަށް ދާއިމީ ހައްލެއް ލިބެން ޖެހޭ ކަމަށާއި، އެގޮތުން ރާއްޖެއިން ލިބެންހުރި ބޭހުގެ މައުލޫމާތުތައް އެނގޭނެ ޑިޖިޓަލް ސިސްޓަމެއް ގާއިމުކުރުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށެވެ. މިފަދަ ނިޒާމެއްގެ ސަބަބުން ބޭސް ހޯދުމުގައި މިހާރަށް ވުރެ ބޮޑަށް ފަސޭހަވެގެންދާނެ ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.

"އެ ސިސްޓަމް އައީމަ އަޅުގަނޑުމެނަށް އިނގޭނެ ރާއްޖޭގައި ހުރީ ކޮން ބޭހެއްތޯ. ކޮން ކުއަންޓިޓީއެއްގައިތޯ ހުރީ. ކޮން ފާމަސީއެއްގައިތޯ ހުރީ،" ޑރ. ޝާހް ވިދާޅުވި އެވެ.

ޑޮކްޓަރީ ބޭހާއި މެޑިކަލް ކޮންޒިއުމަބަލްސް މުޅި ރާއްޖެއަށް ފޯރުކޮށްދިނުމަށް އުފެއްދި ސަރުކާރުގެ ބޭސް ކުންފުނި، ސްޓޭޓް ފާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައި ކޯޕަރޭޝަން ލިމިޓެޑުން މިހާރު ވަނީ ބޭސް ހޯދުމަށް ގުޅާނޭ ހޮޓްލައިން 1505 އަދި ސްޓޭޓްފާމާ ޕޯޓަލް ތައާރަފު ކޮށްފަ އެވެ. މި ހޮޓްލައިން މެދުވެރިކޮށް ހަފްތާއަކު ހަތް ދުވަހު 24 ގަޑިއިރު ހިދުމަތް ލިބޭނެ ކަމަށް އެ ކުންފުނިން ބުނެ އެވެ.

ސްޓޭޓް ފާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައި ކޯޕަރޭޝަން އުފައްދާފައިވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 9 ވަނަ ދުވަހު އެވެ. މި ކުންފުނި އުފެއްދުމުގެ މައިގަނޑު މަގްސަދަކީ ޑޮކްޓަރީ ބޭހާއި، މެޑިކަލް ކޮންޒިއުމަބަލްސްގެ އިތުރުން މެޑިކަލް އިކުއިޕްމަންޓްތައް ގަނޑުކޮށް ގަނެ، ރާއްޖެއަށް އެތެރެކުރުމުގެ މަސައްކަތް ފުޅާކުރުމެވެ.

މީގެ އިތުރުން، މިތަކެތި ރާއްޖޭގެ އެކި ހިސާބުތަކަށް ފޯރުކޮށްދިނުމުގެ ނިޒާމު ހަރުދަނާކޮށް، ރައްޔިތުންނަށް ފަސޭހައިން ބޭސް ލިބޭނެ އިންތިޒާމުތައް ހަމަޖެއްސުމަކީ ވެސް އެ ކުންފުނީގެ މުހިންމު އެއް އަމާޒެވެ.