ރައީސް ނަޝީދާއި ފައްޔާޒަށް ފުރުސަތު ނުދިނީ ރިޔާސީ އިންތިހާބުގައި ވާދަކުރާނެކަމަށް އިއުލާން ކޮށްފާނެތީ!
ރައީސް ނަޝީދާއި ފައްޔާޒަށް ޖަލްސާގައި ފުރުސަތު ނުދިނީ 2028 ގެ އިންތިހާބަށް ކުރިމަތިލާނެ ކަން އިއުލާންކޮށްފާނެތީ ކަމަށް ބުނެފިއެވެ.
ކައުންސިލް އިންތިހާބުގައި ލިބުނު ކާމިޔާބީ ފާހަގަކުރުމަށް ބާއްވާ ޚާއްޞަ ޖަލްސާގައި ކުރީގެ ރައީސް މުޙައްމަދު ނަޝީދާއި، އެމްޑީޕީގެ ރައީސް ފައްޔާޒް އިސްމާޢީލަށް ވާހަކަދެއްކުމުގެ ފުރުސަތު ދޭން ކުރިން ވަނީ ނިންމާފައެވެ.
އެހެންނަމަވެސް އެ ފުރުސަތު މިހާރު ވަނީ ބަންދުކޮށްފައިކަމަށް މައުލޫމާތު ލިބެއެވެ.
"އިތުބާރު ހުރި ފަރާތަކުން" ޖީލަށް މަޢުލޫމާތު ދެއްވަމުން ވިދާޅުވީ ފުރުސަތު ނުދިނުން އެއީ ސިޔާސީ އުކުޅެއް ކަމަށެވެ.
Ads by BMLމިކަމާ ގުޅޭގޮތުން މަޢުލޫމާތު ދިން ފަރާތުން ބުނެފައިވަނީ، މިހާރު މިއީ ރައީސް ނަޝީދު ރާއްޖޭގެ އެކި ރަށްތަކަށް ވަޑައިގެން ރައްޔިތުންނާ ވަރަށް ގާތުން ބައްދަލުކުރައްވައި، އެމަނިކުފާނަށް އޮތް ތާއީދު އަލުން އާލާވަމުންދާ ދަނޑިވަޅެއް ކަމަށެވެ.
އަދި މިފަދަ ބޮޑު ޖަލްސާއެއްގައި ރައީސް ނަޝީދު 2028 ގެ ރިޔާސީ ރޭހަށް ނިކުންނަވާނެކަން އިޢުލާން ކުރައްވައިފިނަމަ، ޕާޓީގެ އާންމު މެމްބަރުންގެ ބޮޑު ތާއީދެއް އެމަނިކުފާނަށް ލިބިގެންދާނެތީ، އެކަމަށް އޮތް ޖާގަ ހަނިކުރުމުގެ ގޮތުން ޕާޓީގެ އިސް ބައެއް ފަރާތްތަކުން އެ ދެ ބޭފުޅުންނަށް ފުރުސަތު ނުދޭން ނިންމީ ކަމަށެވެ.
ފައްޔާޒް އިސްމާޢީލަކީ ވެސް ޕާޓީގެ ތެރޭގައި ވަރުގަދަ ނުފޫޒެއް އޮތް ބޭފުޅަކަށް ވުމާއެކު، އޭނާގެ ފަރާތުން ވެސް ރިޔާސީ އިންތިހާބާ ގުޅޭ އެއްވެސް އިޝާރާތެއް ލިބިދާނެ ކަމުގެ ބިރު ޕާޓީގެ ތެރޭގައި އޮތީ އުފެދިފައެވެ. އަދި ފައްޔާޒާއި ރައީސް ނަޝީދުގެ އެކުވެރިކަން ވަނީ ވަރަށް ބޮޑަށް ބަދަހިވެފައި ކަމަށެވެ.
ޚާއްޞަކޮށް، ކުރިއަށް އޮތް ރިޔާސީ ޕްރައިމަރީއަށް އަމާޒުކޮށް މިހާރުން ފެށިގެން ކެމްޕޭންގެ ރޫހު އުފެދިގެން ދިއުމަކީ ޕާޓީގެ އެހެން ބައެއް ފަރާތްތަކުން އެދޭ ކަމެއް ނޫން ކަމަށް ވެސް މަޢުލޫމާތު ލިބެއެވެ.
މި ޖަލްސާގައި ރައީސް ނަޝީދާއި ފައްޔާޒަށް ފުރުސަތު ނުދިނުމުން ޕާޓީގެ ބައެއް އާންމު މެމްބަރުންގެ މެދުގައި ވަނީ ނުތަނަވަސްކަން އުފެދިފައެވެ.
އަދި މިއީ ޕާޓީގެ އެތެރޭގެ ޑިމޮކްރަސީއަށް އެޅުނު ހުރަހެއްގެ ގޮތުގައި ގިނަ ބަޔަކު ދަނީ ސިފަކުރަމުންނެވެ. ނަމަވެސް، މިކަމާ ގުޅޭގޮތުން ޕާޓީގެ ރަސްމީ ފަރާތަކުން އަދި އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ.
އިދިކޮޅު އެމްޑީޕީގެ ތެރޭގައި އުފެދިފައިވާ މިފަދަ ހިޔާލުތަފާތުވުންތަކުގެ ސަބަބުން ކުރިއަށް އޮތް އިންތިހާބުތަކަށް އެ ޕާޓީން ކުރާ ތައްޔާރީތަކަށް އަސަރުކޮށްފާނެ ކަމަށް ސިޔާސީ ދިރާސާކުރާ ފަރާތްތަކުން ލަފާކުރެއެވެ.
Ads by MACL
