އެމްޑީޕީގެ ޖަލްސާގައި ނަޝީދަށް ވާހަކަދައްކަން ފުރުސަތު ނުދިނުމުން ޕާޓީގެ އެތެރެ ހޫނުވެއްޖެ!
މި ޖަލްސާގެ އެޖެންޑާ އެންމެ ފުރަތަމަ ތައްޔާރުކުރިއިރު، ރައީސް ނަޝީދާއި ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ޞާލިޙުގެ އިތުރުން، އިންތިޚާބުގައި ގޮނޑި ދިފާއުކުރެއްވި އެ ޕާޓީގެ ފަސް މޭޔަރުންނާއި ވަގުތީ ޗެއާޕާސަން އަބްދުލްޣަފޫރު މޫސާ ވާހަކަދައްކަވާ ގޮތަށް އޮތީ ހަމަޖެހިފަ އެވެ. ނަމަވެސް، ކުއްލި ގޮތަކަށް އެޖެންޑާއަށް ގެނައި ބަދަލާއެކު ދެ ރައީސުންގެ ނަންފުޅު ވަނީ އެޖެންޑާއިން އުނިކޮށްފަ އެވެ.
އާ އެޖެންޑާގައި މިހާރު ހިމަނާފައިވަނީ ފަސް މޭޔަރުންނާއި، ޣަފޫރުގެ އިތުރުން ޕާޓީގެ ރައީސް އަބްދުﷲ ޝާހިދު ވާހަކަދައްކަވާ ގޮތަށެވެ. ރައީސް ނަޝީދަށް ވެސް އެންގުމެއް ނެތި މި ބަދަލު ގެނައުމާ ގުޅިގެން އެމަނިކުފާނަށް ތާއީދުކުރައްވާ ގިނަ ބަޔަކު ދަނީ ނުރުހުން ފާޅުކުރަމުންނެވެ. އަދި މިރޭގެ ޖަލްސާއަށް ނުދާނެ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ވެސް ބައެއް ބޭފުޅުން ދަނީ ޝުއޫރު ފާޅުކުރަމުންނެވެ.
މިކަމާ ގުޅިގެން އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ވިދާޅުވީ، ޖަލްސާގައި ވާހަކަދެއްކުމަށް އެދުމުން ސްޕީޗް ވެސް ތައްޔާރުކުރި ފަހުން، އޭނާއާއި ރައީސް ނަޝީދަށް ފުރުސަތު ނުދޭން ނިންމިކަން އެނގުނު ކަމަށެވެ.
"ޗެއާ އަރިހު އިއްޔެ ވެސް ދެންނެވިން އަޅުގަނޑަށް ފުރުސަތު ދިނުމުން މައްސަލަ ޖެހޭނެ ނޫންހޭ. ވިދާޅުވީ ތިމަންނާގެ ނިންމުމޭ،" ފައްޔާޒު ވިދާޅުވިއެވެ.
ފައްޔާޒު އިތުރަށް ވިދާޅުވީ ޕާޓީގެ އެކުވެރިކަން ވަރުގަދަ ކުރުމަށްޓަކައި އޭނާއަށް ފުރުސަތު ނުދެއްވި ނަމަވެސް، ރައީސް ނަޝީދަށް އެ ފުރުސަތު ދިނުމަކީ ޕާޓީގެ ކުރިމަގަށް މުހިންމު ކަމެއް ކަމަށް ދެކޭ ކަމަށެވެ. މި މައްސަލައާ ގުޅިގެން އެމްޑީޕީގެ އާންމު މެންބަރުންގެ މެދުގައި ވެސް ވަނީ ބޮޑެތި ބަހުސްތަކެއް އުފެދިފައެވެ.
Ads by MACL
