ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ފަތުރުވެރިކަމަށް ހުރި ގޮންޖެހުންތައް ހައްލުކުރަން ވިޒިޓް މޯލްޑިވްސްއިން ވެބިނާއެއް ބާއްވަނީ

ފަތުރުވެރިކަމަށް ހުރި ގޮންޖެހުންތައް ހައްލުކުރަން ވިޒިޓް މޯލްޑިވްސްއިން ވެބިނާއެއް ބާއްވަނީ

ދުނިޔޭގެ އެކި ސަރަޙައްދުތަކުގައި ހިނގަމުންދާ ހަނގުރާމަތަކާ ގުޅިގެން ފަތުރުވެރިކަމުގެ ދާއިރާއަށް ކުރިމަތިވެފައިވާ ގޮންޖެހުންތައް ދެނެގަނެ، އެކަންކަމަށް ޙައްލު ހޯދުމަށް މަޝްވަރާކުރުމަށް ވިޒިޓް މޯލްޑިވްސް (އެމް.އެމް.ޕީ.އާރު.ސީ) އިން ޚާއްޞަ ވެބިނާއެއް ބާއްވަން ނިންމައިފިއެވެ.

"ދި ކޮންފްލިކްޓް ޕްލޭބުކް ފޯރ ޓްރެވެލް - އެޑެޕްޓް، ޕިވެޓް ލެޑް މޯލްޑިވްސް އެޑިޝަން" ނަމުގައި ބާއްވާ މި ވެބިނާ އޮންނާނީ އޭޕްރީލް މަހުގެ 9 ވަނަ ދުވަހުގެ މެންދުރު ރާއްޖެ ގަޑިން 1:00 ގައެވެ. މި ޙަރަކާތަކީ ޕެސިފިކް އޭޝިއާ ޓްރެވަލް އެސޯސިއޭޝަން (ޕާޓާ) އާ ގުޅިގެން ކުރިއަށްގެންދާ ޙަރަކާތެކެވެ.

މިހާރު ހިނގަމުންދާ ހަނގުރާމަތަކުގެ ސަބަބުން އެންމެ ބޮޑު ނޭދެވޭ އަސަރެއް ކުރަމުންދާ އެއް ދާއިރާއަކީ ފަތުރުވެރިކަމެވެ. ޚާއްޞަކޮށް ވައިގެ ދަތުރުފަތުރަށް ބުރޫއެރުމާއި، ދަތުރުފަތުރުގެ ޚަރަދުތައް އިންތިހާއަށް ބޮޑުވުމުގެ ސަބަބުން ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދަށް ވަނީ އޭގެ ނޭދެވޭ އަސަރު ފޯރާފައެވެ.

ތަފާސްހިސާބުތަކުން ދައްކާގޮތުގައި ހަނގުރާމައިގެ ސަބަބުން މަތިންދާބޯޓަށް އަޅާ ތެލުގެ އަގު ވަނީ 50 އިންސައްތައާއި 60 އިންސައްތައާ ދެމެދުގެ މިންވަރަކަށް އުފުލިފައެވެ. ވޯލްޑް ޓްރެވަލް އެންޑް ޓޫރިޒަމް ކައުންސިލް (ޑަބްލިޔު.ޓީ.ޓީ.ސީ) އިން އަންދާޒާކުރާ ގޮތުގައި، ފަތުރުވެރިކަމުގެ ދާއިރާއަށް ލިބޭ ގެއްލުމުގެ ސަބަބުން ދުނިޔޭގެ އިޤްތިޞާދަށް ކޮންމެ ދުވަހަކު ގާތްގަނޑަކަށް 600 މިލިއަން އެމެރިކާ ޑޮލަރުގެ ގެއްލުންވަމުންދެއެވެ.

މި ވެބިނާގައި ފަތުރުވެރިކަމުގެ ދާއިރާއަށް ކުރިމަތިވެފައިވާ މި ބޮޑު ގޮންޖެހުމުން އަރައިގަތުމަށް ކުރެވިދާނެ ކަންކަމާ ގުޅޭގޮތުން ފުޅާދާއިރާއެއްގައި މަޝްވަރާކުރެވޭނެއެވެ. ވިޒިޓް މޯލްޑިވްސްއިން ވަނީ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ހުރިހާ އިދާރާތަކަކުން މި ވެބިނާގައި ބައިވެރިވުމަށް އެދިފައެވެ.

މި ވެބިނާގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް ޚާއްޞަ ލިންކެއް މެދުވެރިކޮށް މިހާރު ރެޖިސްޓްރީ ކުރެވޭނެ ކަމަށް ވިޒިޓް މޯލްޑިވްސްއިން މަޢުލޫމާތުދެއެވެ.