ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

މުދަލުގެ އަގުތަކަށް އަންނަ ބަދަލުތައް ވަރަށް ގާތުން އަންނަނީ ބަލަމުން: ސަޢީދު

މިނިސްޓަރު ސައީދު މިއަދު ނޫސްވެރިންނާ ވާހަކަ ދައްކަވަނީ.
މިނިސްޓަރު ސައީދު މިއަދު ނޫސްވެރިންނާ ވާހަކަ ދައްކަވަނީ.

ރާއްޖޭގެ ބާޒާރުގައި އަސާސީ މުދަލުގެ އަގުތަކަށް އަންނަ ބަދަލުތައް ސަރުކާރުން ވަރަށް ގާތުން ބަލަމުންދާކަމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އަސާސީ ކާބޯތަކެތީގެ ބާވަތްތައް މެދުނުކެނޑި ލިބޭނެކަން ކަށަވަރުކުރުމަށްޓަކައި ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ތަފްސީލް ހާމަކުރައްވަމުން ވަޒީރު ސަޢީދު ވިދާޅުވީ، ރައްޔިތުންނަށް ބޭނުންވާ އަސާސީ ބާވަތްތައް ލިބުމުގައި އެއްވެސް ދަތިކަމެއް ކުރިމަތިވިޔަ ނުދިނުމަށްޓަކައި ޖުމްލަ 164 ބާވަތެއްގެ މުދާ މިހާރުވެސް ވަރަށް ގާތުން މޮނިޓަރ ކުރަމުން ދާ ކަމަށެވެ.

ވަޒީރު ވިދާޅުވީ، "މީގެ ތެރޭގައި ކައްކާ ގޭހާއި، ތެލާއި، ހަނޑޫ، ހަކުރު އަދި ފުށް ފަދަ ކޮންމެހެން ބޭނުންވާ ތަކެތީގެ އިތުރުން، އެހެނިހެން 26 ބާވަތެއްގެ މުދާ ދަތިވިޔަ ނުދީ ލިބޭނެކަން ކަށަވަރުކުރުމުގެ މަސައްކަތް މިދަނީ ކުރަމުން. ކޮންމެ ދުވަހަކުވެސް ވަރަށް ބޮޑަށް މޮނިޓަރ ކުރަމުން ދަން މި ބާވާތްތައް،" ކަމަށެވެ. އަދި އެހެނިހެން ބާވަތްތައްވެސް ދަތިނުވެ ލިބޭނެ އިންތިޒާމުތައް ހަމަޖައްސަމުންދާކަން އޭނާ ފާހަގަކުރެއްވިއެވެ.

ދުނިޔޭގެ މަސްރަޙުގައި ހިނގަމުންދާ ހަނގުރާމަތަކާ ގުޅިގެން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެންމެ ބޮޑު އިސްކަމެއް ދެއްވީ ރާއްޖޭގެ އިޤްތިޞާދަށާއި ރައްޔިތުންނަށް ކޮށްފާނެ ނޭދެވޭ އަސަރުތައް ދެނެގަތުމަށް ކަމަށް ވަޒީރު ވިދާޅުވިއެވެ. މި މަސައްކަތްތަކުގެ ނަތީޖާއެއްގެ ގޮތުން، ރާއްޖެއަށް ބޭނުންވާ ތެލާއި އެހެނިހެން އަސާސީ ކާބޯތަކެތި ހޯދުމުގައި ބޭރުގެ މާކެޓްތަކާއި ސަޕްލަޔަރުންނާއެކު ކާމިޔާބު މަޝްވަރާތަކެއް ކުރެވިފައިވާ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

މީގެ އިތުރުން، ރާއްޖޭގެ ކަމާބެހޭ އެޖެންސީތަކާ ބައްދަލުކޮށް، ކުރިއަށް އޮތް ތަނުގައިވެސް މި ނިޒާމު ދެމެހެއްޓުމަށްޓަކައި ކުރަންޖެހޭ ކަންކަން ރޭވިފައިވާ ކަމަށް ވަޒީރު ސަޢީދު ވިދާޅުވިއެވެ. ސަރުކާރުގެ މުހިންމު އަމާޒަކީ ދުނިޔޭގެ ބާޒާރަށް އަންނަ ލޮޅުންތަކުގެ އަސަރު ރާއްޖޭގެ ބާޒާރަށް ކުރާ މިންވަރު ކުޑަކުރުން ކަމުގައިވެސް އޭނާ ވިދާޅުވިއެވެ.