ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

"ޒަރޫރީ މުދަލާއި ތެޔޮ މެދުނުކެނޑި ލިބޭނެ އިންތިޒާމު ސަރުކާރުން ދަނީ ކަށަވަރުކުރަމުން"

"ޒަރޫރީ މުދަލާއި ތެޔޮ މެދުނުކެނޑި ލިބޭނެ އިންތިޒާމު ސަރުކާރުން ދަނީ ކަށަވަރުކުރަމުން"

ދުނިޔޭގެ ބާޒާރުގައި ތަކެތީގެ އަގު އުފުލި، ބައެއް ތަކެތި ލިބުމުގައި ދަތިތަކެއް ހުރި ނަމަވެސް، ރާއްޖެއަށް ބޭނުންވާ ތެލާއި އަސާސީ މުދާ ދަތިކަމެއް ނެތި ލިބޭނެ އިންތިޒާމު ސަރުކާރުން ހަމަޖައްސަމުންދާ ކަމަށް ވަޒީރުންގެ ޚާއްސަ ކޮމިޓީން ހާމަކޮށްފި އެވެ.

މެދުއިރުމަތީގެ ހަމަނުޖެހުންތަކާ ގުޅިގެން ރާއްޖެއަށް ކުރިމަތިވެދާނެ ގޮންޖެހުންތަކުން އަރައިގަތުމަށް ރައީސުލްޖުމްހޫރިއްޔާ އުފައްދަވާފައިވާ މި ކޮމިޓީގެ ފަރާތުން މިއަދު ވަނީ ނޫސްވެރިންނާ ބައްދަލުކުރައްވާފަ އެވެ.

ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް ވިދާޅުވީ، ޒަރޫރީ ބޭނުންތަކަށް ބޭނުންވާ ތަކެތި ސަޕްލައި މެދުނުކެނޑި ދެމެހެއްޓެނިވި ގޮތެއްގައި ރައްޔިތުންނަށް ފޯރުކޮށްދިނުމަށް އަޅަންޖެހޭ ހުރިހާ ފިޔަވަޅުތަކެއް ސަރުކާރުން އަޅަމުންދާ ކަމަށެވެ.

 "ނަތީޖާއެއްގެ ގޮތުން ރާއްޖެއަށް ބޭނުންވާ ތެލާއި އަސާސީ މުދާ ދަތިތަކެއް ނެތި މިހާތަނަށް ރާއްޖޭގެ ބާޒާރުން ލިބެންހުރިކަން ފާހަގަކުރަން،" ވަޒީރު ވިދާޅުވިއެވެ.

ވަޒީރު އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ކާބޯތަކެއްޗާއި، ތެލާއި، ބޭސް ފަދަ ޒަރޫރީ ސާމާނު މެދުނުކެނޑި ލިބޭނެ އިންތިޒާމް ހަމަޖެއްސުމަށް ބޭރުގެ ގިނަ ޤައުމުތަކާއެކު ރަސްމީ މުޢާމަލާތްތައް ދަނީ ކުރެވެމުންނެވެ. އަދި މި މަޝްވަރާތަކުން ރަނގަޅު ކުރިއެރުންތަކެއް ލިބެމުންދާކަންވެސް އޭނާ ފާހަގަކުރެއްވިއެވެ. މީގެ އިތުރުން، އިޤްތިޞާދީ ގެއްލުންތަކުން އަރައިގަތުމަށްޓަކައި ދައުލަތުގެ ޚަރަދުތައް ރިވިއުކޮށް، ޚަރަދު ކުޑަކުރުމުގެ ފިޔަވަޅުތައް ފިނޭންސް މިނިސްޓްރީ މެދުވެރިކޮށް އަޅަމުންދާ ކަމަށްވެސް ވިދާޅުވިއެވެ.

ފަތުރުވެރިކަމުގެ އިތުރުން ކޮންސްޓްރަކްޝަން ދާއިރާއަށް ބޭނުންވާ ސާމާނު ހޯދުމުގައި ދިމާވެދާނެ ގޮންޖެހުންތަކަށް ހައްލު ހޯދުމަށްވެސް ސަރުކާރުން ދަނީ މަސައްކަތް ކުރަމުންނެވެ. މިގޮތުން އެކުވެރި ޤައުމުތަކުގެ ކުންފުނިތަކާ ދިވެހި ކުންފުނިތައް ގުޅުވައިދީ، މުދާ ގެނައުމުގެ މަގު ފަހިކޮށްދެމުންދާ ކަމަށް ވަޒީރު ވިދާޅުވިއެވެ.

މީގެ އިތުރުން، މުދާ ބޭލުމުގައި މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އަށް ކުރިމަތިވާ ދަތިތައް ހައްލުކުރުމަށްޓަކައި އެ ކުންފުންޏާއެކު މަޝްވަރާތައް ފަށާފައިވާ ކަމަށްވެސް ވަޒީރު ޑރ. ޚަލީލް މިއަދުގެ ބައްދަލުވުމުގައި ވިދާޅުވިއެވެ.