"ތެލާއި ގޭހުގެ އަގު ބޮޑުނުކޮށް ޢާންމުންނަށް ފޯރުކޮށްދިނުމަކީ ސަރުކާރުގެ އެންމެ ބޮޑު އަމާޒު"
މެދުއިރުމަތީގައި ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލެމުން ދިޔަ ނަމަވެސް، ރާއްޖޭގައި ތެލާއި ގޭހުގެ އަގު ބޮޑުނުކޮށް ރައްޔިތުންނަށް ފޯރުކޮށްދިނުމަކީ ސަރުކާރުގެ މައިގަނޑު އަމާޒު ކަމަށް ރައީސުލްޖުމްހޫރިއްޔާ އުފައްދަވާފައިވާ ވަޒީރުންގެ ޚާއްސަ ކޮމިޓީން މިއަދު ހާމަކޮށްފި އެވެ.
މި ކޮމިޓީއަކީ ބޭރުގެ ހަމަނުޖެހުންތަކުގެ ސަބަބުން ދިވެހި ރައްޔިތުންނަށް ކުރިމަތިވެދާނެ ދަތިތަކުން ސަލާމަތްވުމަށް ފިޔަވަޅު އެޅުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެކުލަވާލައްވާފައިވާ ކޮމިޓީއެކެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މިނިސްޓަރ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނަރޖީ ތޯރިޤް އިބްރާހިމް ވިދާޅުވީ، ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ރެކޯޑް މިންވަރަށް އުފުލެމުންދާ ކަމަށެވެ. ނަމަވެސް، އެ ދަތިކަން ދިވެހި ރައްޔިތުންނަށް ތަހަންމަލުކުރަން ނުޖެހޭނެ ގޮތަށް ނުވަތަ ވީހާވެސް ކުޑަވާނެ ގޮތަށް ސަރުކާރުން އިސްކަންދީގެން ފިޔަވަޅުތައް އަޅަމުންދާ ކަމަށް ވަޒީރު ވިދާޅުވިއެވެ.
މީގެ އިތުރުން، ކަރަންޓުގެ އަގު ބޮޑުކުރުމުގެ އެއްވެސް ވިސްނުމެއް ސަރުކާރުގެ ނެތްކަން ވަޒީރު ތޯރިޤް ކަށަވަރުކޮށްދެއްވިއެވެ. އަދި ކަރަންޓް ޓެރިފް ރޭޓަށް ބަދަލު ގެނައުމާ ގުޅޭ އެއްވެސް މަޝްވަރާއެއް މިހާރު ކުރަމުން ނުދާ ކަމަށް އޭނާ ވިދާޅުވިއެވެ.
މިއީ ދުނިޔޭގެ ބާޒާރަށް އަންނަ ލޮޅުންތަކުން ރައްޔިތުން ރައްކާތެރިކުރުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތުގެ ދަށުން ނިންމާފައިވާ ނިންމުމެކެވެ.
އިޤްތިސާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވީ، ގޭސް ލިބުމުގައި އެއްވެސް ދަތިކަމެއް ކުރިމަތިނުވާނެކަން ކަށަވަރުކުރުމަށް ޚާއްސަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ. އަދި ގޭހުގެ އަގު ބޮޑުވިޔަ ނުދީ ހިފެހެއްޓުމަށް އެސްޓީއޯ އާއި ވިލާ ކުންފުންޏާ ގުޅިގެން މަސައްކަތް ކުރަމުންދާ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ސަޢީދު އިތުރަށް ހާމަކުރެއްވި ގޮތުގައި، މިރޭވެސް ގޭހުގެ އައު ޝިޕްމަންޓެއް ރާއްޖެއަށް ލިބޭނެއެވެ. "ގޭހުގެ އަގު ބޮޑުވާކަށް އަޅުގަނޑުމެން ފުރުސަތެއް، ހަމަ ކިރިޔާވެސް ފުރުސަތެއް އޮތިއްޔާ އެކަމަކަށް ފުރުސަތެއް ނުދޭނަން" ކަމަށް ވިދާޅުވެ، ވަޒީރު ވަނީ ރައްޔިތުންނަށް ޔަޤީންކަން ދެއްވާފައެވެ.
މި ނޫސްވެރިންގެ ބައްދަލުވުމުގައި ސަރުކާރުން ވަނީ ބޭރުގެ މަސްރަޙަށް އަންނަ ބަދަލުތަކަށް ވަރަށް ގާތުން ފާރަވެރިވަމުންދާ ކަމަށާއި، އަސާސީ ޚިދުމަތްތަކުގެ އަގުތައް ހިފެހެއްޓުމަށް ކުރަންޖެހޭ ހުރިހާ މަސައްކަތެއް ކުރަމުންދާނެ ކަމުގެ ޔަޤީންކަން ދީފައެވެ.
Ads by MACL
