ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ސިމެންތި ލިބުމުގައި ދިމާވާ ދަތިތަކަށް ހައްލު ހޯދުމަށް އިތުރު މާކެޓްތަކެއް

ސިމެންތި ލިބުމުގައި ދިމާވާ ދަތިތަކަށް ހައްލު ހޯދުމަށް އިތުރު މާކެޓްތަކެއް

ރާއްޖޭގެ ބާޒާރުގައި ސިމެންތި ލިބުމުގައި ދިމާވެދާނެ ދަތިތަކަށް ދާއިމީ ހައްލެއް ހޯދުމުގެ ގޮތުން، ސިމެންތި ސަޕްލައިކޮށްދޭނެ އިތުރު ހަތަރު މާކެޓެއް މިހާރު ހަމަޖެހިފައިވާ ކަމަށް އިގްތިސާދީ ތަރައްގީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސައީދު ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅުދައްކަވަމުންނެވެ.

ވަޒީރު ސައީދު ވިދާޅުވީ، ދޭތެރެއަކުން ބާޒާރުގައި ސިމެންތި ނުލިބިގެން ދިމާވާ މައްސަލަތަކާ ގުޅިގެން، ސަރުކާރުގެ ކޮމިޓީން ގިނަ މަސައްކަތްތަކެއްކޮށް ބޮޑެތި ކުރިއެރުންތަކެއް ހޯދާފައިވާ ކަމަށެވެ. އަދި މިހާރުވެސް އެސްޓީއޯ މެދުވެރިކޮށް އާންމުކޮށް ސިމެންތި ގެންނަ މާކެޓުތަކުން މެދުކެނޑުމެއްނެތި ސިމެންތި ލިބެމުންދާކަން ވަޒީރު ފާހަގަކުރެއްވިއެވެ.

ސަރުކާރުގެ އަމާޒަކީ ކުއްލި ހާލަތެއް ދިމާވި ނަމަވެސް ސިމެންތި ލިބުމުގައި ދަތިކަމެއް ނައުންކަން ފާހަގަކުރައްވަމުން ވަޒީރު ވިދާޅުވީ، ސިމެންތި މިހާރުވެސް ގެންނަ މާކެޓުން ރާއްޖެއަށް ސިމެންތި ގެނައުމުގައި އެއްވެސް ދަތިކަމެއް ދިމާވެއްޖެ ހާލަތަކަށް ވެސް ވިސްނައިގެން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އެހެންކަމުން މިހާރުވެސް ބަދަލުގައި ބޭނުންކުރެވޭނެ އިތުރު 4 ސަޕްލަޔަރަކު މިހާރުވެސް ހަަމަޖެހިފައިވާ ކަމަށް މިނިސްޓަރ ވިދާޅުވި އެވެ.

މި މަސައްކަތަކީ ޚާރިޖީ ވުޒާރާއާއި ގުޅިގެން ކުރެވުނު މަސައްކަތެއްކަން ފާހަގަކުރައްވަމުން، ވަޒީރު ވިދާޅުވީ މީގެ ބޭނުމަކީ އިމާރާތްކުރުމުގެ ސިނާއަތަށް ބޭނުންވާ ތަކެތި ލިބުމުގައި އެއްވެސް ދަތިކަމެއް ނާންނާނެކަން ކަށަވަރުކުރުން ކަމަށެވެ. މީގެ އިތުރުން މި ދާއިރާއަށް ބޭނުންވާ އެހެނިހެން ސާމާނުވެސް ދަތިކަމެއް ނެތި ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް ސަރުކާރުން ދަނީ މަސައްކަތް ކުރަމުންނެވެ.

ފާއިތުވި ދުވަސްތަކުގައި ސިމެންތީގެ އަގަށް ވަނީ ބޮޑެތި ބަދަލުތަކެއް އައިސްފައެވެ. އެގޮތުން މި ހިނގާ އޭޕްރީލް މަހުގެ އެއްވަނަ ދުވަހު މާލޭގެ ބާޒާރުގައި ސިމެންތި ބަސްތާއެއްގެ އަގު 300 ރުފިޔާއަށްވުރެ މަތީގައި ހުރިކަން ފާހަގަކުރެވެއެވެ. އާންމުކޮށް 140 ރުފިޔާއާއި 160 ރުފިޔާއާ ދެމެދުގެ އަގެއްގައި ވިއްކަމުންދިޔަ ސިމެންތި ބަސްތާއެއްގެ އަގު، ނިމިދިޔަ މާޗު މަހު 250 ރުފިޔާއަށް އުފުލުނެވެ.

އަގުތަކަށް އައި ބަދަލުތަކަށް ބަލާއިރު، ވިލާއިން މާލެއަށް ޑެލިވަރީކޮށްދޭ އަގު 313 ރުފިޔާއަށް އަދި ތިލަފުށިން ވިއްކާ އަގު 302 ރުފިޔާއަށް އުފުލިފައިވީ ނަމަވެސް، ސަރުކާރުން ކުރަމުންދާ މަސައްކަތްތަކާއެކު މިހާރު ސިމެންތީގެ އަގު ވަނީ ދަށަށް ދާން ފަށާފައެވެ.