ފެނަކައިގެ އިތުރު 2 ވެރިއަކު ވަކިކޮށް، ޑީއެމްޑީ އާރިފް އިސްތިއުފާ ދެއްވައިފި
ފެނަކަ ކޯޕަރޭޝަންގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވި މުހައްމަދު އާރިފް މިއަދު އެ މަގާމުން އިސްތިއުފާ ދެއްވައިފި އެވެ. އާރިފް ކުއްލި ގޮތަކަށް އިސްތިއުފާ ދެއްވާފައި މިވަނީ، މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ތިން އިންތިހާބުގައި ސަރުކާރަށް ލިބުނު ދަށް ނަތީޖާއާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ސަރުކާރުގެ މަގާމުތަކަށް ބަދަލުތަކެއް ގެންނަވަން ފައްޓަވާފައިވާ ދަނޑިވަޅެއްގަ އެވެ.
އާރިފްގެ އިސްތިއުފާގެ އިތުރުން، ފެނަކައިގެ އިތުރު ދެ އިސްވެރިއަކު މިއަދު ވަނީ މަގާމުން ވަކިކޮށްފަ އެވެ. އެއީ އެ ކުންފުނީގެ ޗީފް ފައިނޭންޝަލް އޮފިސަރު (ސީއެފްއޯ) މުހައްމަދު ޖިހާދު އާއި ޗީފް ރިސޯސަސް އޮފިސަރު އަބްދުﷲ ސަނޫން އެވެ. ފެނަކައިގެ އިސް އޮފިޝަލަކު ވަނީ މި ބޭފުޅުން މަގާމުން ވަކިކުރިކަން ކަށަވަރު ކޮށްދެއްވާފަ އެވެ. ނަމަވެސް އެ ބޭފުޅުން ވަކިކުރި ސަބަބެއް ހާމަކޮށްފައެއް ނުވެ އެވެ.
ސަރުކާރުގެ ކުންފުނިތަކަށް ގެންނަވަމުންދާ ބަދަލުތަކުގެ ތެރެއިން، ފެނަކައިގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ނަޖާހު ވެސް އިއްޔެ ވަނީ މަގާމުން ވަކިކޮށްފަ އެވެ. މީގެ އިތުރުން، އެމްޕީއެލްގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ރިޝްވާން ވެސް ވަނީ ރައީސް މުއިއްޒުގެ އެދިވަޑައިގަތުމަކަށް ރޭ މަގާމުން އިސްތިއުފާ ދެއްވާފަ އެވެ.
Ads by BMLމި ބަދަލުތަކުގެ ތެރޭގައި އެގްރޯނެޓުގެ މެނޭޖިން ޑިރެކްޓަރު ހުސައިން ދީދީ އާއި އެމްޑަބްލިއުއެސްސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝާހިދު ވެސް އިއްޔެ ވަނީ މަގާމުން ވަކިކޮށްފަ އެވެ. އަދި ޚާރިޖީ ދާއިރާ އިން ޔޫއޭއީގައި ހުންނަވާ ރާއްޖޭގެ ސަފީރު މުހައްމަދު ހުސެއިން ޝަރީފް (މުންދު) އާއި ޖެނީވާގައި ހުންނަވާ ރާއްޖޭގެ ދާއިމީ މަންދޫބު ޑރ. ސަލްމާ ރަޝީދު ވެސް ވަނީ މަގާމުން ވަކިކުރައްވާފަ އެވެ.
މަގާމުން ވަކިކުރި މުހައްމަދު ހުސެއިން ޝަރީފަކީ ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ ޕީއެންސީ މެންބަރު އަސްމާ ރަޝީދުގެ ދަރިކަލުންނެވެ. އަދި ޑރ. ސަލްމާއަކީ އަސްމާގެ ކޮއްކޮއެކެވެ. މި ދެ ބޭފުޅުން މަގާމުން ވަކިކުރި ސަބަބު ސަރުކާރުން ރަސްމީކޮށް ހާމަނުކުރި ނަމަވެސް، ޕީއެންސީއަށް ވޯޓު ނުދިނުމަށް އެދިވަޑައިގެން އަސްމާ ވާހަކަ ދައްކަވާ އޯޑިއޯއެއް ދާދި ފަހުން ވަނީ ސޯޝަލް މީޑިއާގައި އާންމުވެފަ އެވެ.
Ads by MACL
