ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

އެމްޑީޕީ ފެކްޝަންތަކުގެ ކޯޅުން: ލީގަލް ޑިރެކްޓަރ މައުރޫފް އާއި އިބުރޭ ވެސް މަގާމުން ވަކިކޮށްފި

އެމްޑީޕީ ފެކްޝަންތަކުގެ ކޯޅުން: ލީގަލް ޑިރެކްޓަރ މައުރޫފް އާއި އިބުރޭ ވެސް މަގާމުން ވަކިކޮށްފި

އެމްޑީޕީގެ ލީގަލް ޑިރެކްޓަރު މަގާމުގައި ހުންނެވި އަހުމަދު މައުރޫފް އާއި ޑެޕިއުޓީ ޗެއާޕާސަން އިދާރީ، އިބްރާހިމް ވަހީދު (އިބުރޭ) މަގާމުން މިއަދު ވަކިކޮށްފި އެވެ.

އެމްޑީޕީގެ ލީގަލް ޑިރެކްޓަރު މައުރޫފް މަގާމުން ވަކިކުރުން



އެ ޕާޓީގެ ވަގުތީ ޗެއާޕާސަން އަބްދުލްޣަފޫރު މޫސާ (ގަޕޯ) ސޮއި ކުރައްވައި މައުރޫފަށް ފޮނުވި ސިޓީއެއްގައި ވަނީ ލީގަލް ޑިރެކްޓަރުގެ މަގާމުން މިއަދުން ފެށިގެން މައުރޫފް ވަކިކޮށްފައިވާ ކަމަށެވެ.



މަގާމުގައި ހުންނަވައިގެން ޕާޓީއަށް ކޮށްދެއްވި މަސައްކަތްތަކަށް ޝުކުރު އަދާކުރެއްވިޔަސް މައުރޫފް އެ މަގާމުން ވަކިކުރި ސަަބަބެއް ސިޓީގައި ޣަފޫރު ވިދާޅެއް ނުވެ އެވެ.



ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ރައީސް އޮފީހުގެ ލީގަލް ޑިޕާޓްމަންޓުގައި ވެސް މަސައްކަތް ކުރެއްވި މައުރޫފް މަގާމުން ވަކިކުރައްވާފައި މިވަނީ ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި އެމްޑީޕީ އަށް ލިބުނު ކާމިޔާބީ ފާހަގަކުރަން ރޭ ބޭއްވި ޖަލްސާގައި ނަޝީދަށް ވާހަކަފުޅު ދައްކަވަން ފުރުސަތު ނުދިން މައްސަލާގައި އެ ޕާޓީގެ އެތެރޭގެ ކޯޅުން ބޮޑުވެފައިވަނިކޮށެެވެ.



އެ އައިޓަމް އުނިކުރުމުން ސޯޝަލް މީޑިއާގައި އެމްޑީޕީގެ އެކްޓިވިސްޓުން ވެސް ނުހުރުން ފާޅުކުރަމުންދަނިކޮށް މައުރޫފް ވަނީ ޕޯސްޓެއް ވެސް ކުރައްވައިފަ އެވެ.



އޭނާ ވިދާޅުވީ ބޮޑަކަމަކީ ނާކާމިޔާބީ އަށް މަގުފަހިވާ ކަމެއް ކަމަށާއި މަޑުމައިތިރިކަން އިސްކޮށް، މީހުންނަށް ޝުކުރުވެރިވުމާއި އުއްމީދު ދީ، މަގު ދައްކައިދޭންޖޭހެ ކަމަށެވެ.



އެކަމަކު މައުރޫފް ވަކިކުރީ ސީދާ އެ ޕޯސްޓާ ގުޅިގެން ކަމެއް ސާފެއް ނޫނެވެ.

އެމްޑީޕީގެ ޑެޕިއުޓީ ޗެއާޕާސަން އިބުރޭ މަގާމުން ވަކިކުރުން

އަބްދުލްޣަފޫރު މޫސާ (ގަޕޯ) ސޮއި ކުރައްވައި ވަހީދަށް ފޮނުވި ސިޓީގައި ވިދާޅުވީ އެމްޑީޕީގެ އަސާސީ ގަވާއިދުގެ 70 ވަނަ މާއްދާގައި ޕާޓީގެ ޗެއާޕާސަން ކަމަށް އިންތިހާބުވާ ފަރާތަކުން ޗެއާޕާސަންގެ މަގާމުގެ މަސްއޫލިއްޔަތު އަދާކުރުމުގައި އެހީތެރިވެދޭން ޗެއާޕާސަންގެ ނައިބް (އިދާރީ) އާއި ޗެއާޕާސަންގެ ނައިބް (މާލީ) ގައުމީ މަޖިލީހުގެ ރުމާ އެކު އައްޔަންކުރެވޭ ކަމަށެވެ.

އެ މާއްދާގައި ޗެއާޕާސަންގެ ދައުރުގެ ތެރޭގައި ޗެއާޕާސަންގެ ނައިބު ވަކިކޮށް ގައުމީ މަޖިލީހުގެ ރުހުމާ އެކު އެހެން ފަރާތެއް ޗެއާޕާސަންގެ ނައިބް ކަމަށް އައްޔަންކުރެވިދާނެ ކަމަށް ވެސް ބަޔާންކުރާ ކަމަށް ބުނެފައިވެ އެވެ.



އެެހެންވެ، އެ މާއްދާއާ ހަވާލާދީ އެ ސިޓީގައި ބުނީ ޗެއާޕާސަންގެ ނައިބްކަމުން ވަކިކުރާ ހާލަތުގައި ގައުމީ މަޖިލީހުގެ ރުހުން އޮންނަންޖެހޭ ކަމަށް ބުނެފައިނުވާތީ އެ މާއްދާގެ ދަށުން ޕާޓީގެ އިދާރީ ޑެޕިއުޓީ ޗެއާޕާސަންގެ މަގާމުން ވަހީދު ވަކިކުރީ ކަމަށެވެ.


އެކަމަކު އިބުރޭ މަގާމުން ވަކިކުރި ސީދާ ސަބަބު ސިޓީގައި ނެތެވެ.

މަގާމުން ވަކިކޮށްފައިވާ މި ދެ ބޭފުޅުންނަކީ ވެސް އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލަށް ތާއީދުކުރައްވާ ދެ ބޭފުޅުންނެވެ.



ޕާޓީން ބައެއް ބޭފުޅުން ވަކިކުރަން ފަށާފައި މިވާ ދަނޑިވަޅަކީ ކައުންސިލު އިންތިހާބުގައި އެމްޑީޕީއަށް ލިބުނު ކާމިޔާބު ފާހަގަކުރަން ބޭއްވި ޖަލްސާގައި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ވާހަކަފުޅު ދެއްކެވުމުގެ ފުރުސަތު ނުދިނުމުން އުފެދިފައިވާ ހިތްހަމަނުޖެހުންތަކެއްގެ ސަބަބުން އެތެރޭގެ ކޯޅުން ބޮޑުވެފައިވާ ދަނޑިވަޅެކެވެ. އެކަމާ ގުޅިގެން ސޯޝަލް މީޑިއާގައި ވެސް އެމްޑީޕީގެ އެކްޓިވިސްޓުން ނުރުހުން ފާޅުކޮށްފައިވެ އެވެ.



އެ މައްސަލާގަ ގަފޫރު ވިދާޅުވީ "މަަސްލަހަތު ގެއްލޭ ގޮތަށް ވާހަކަ ފެތުރީ" ނަޝީދަށް ވާހަކަފުޅު ދެއްކެވުމުގެ އެ ފުރުސަތު ދެއްވަން މަަސައްކަތް ކުރައްވަމުން ގެންދަވަނިކޮށް ކަމަށެވެ. މައުރޫފް އާއި އިބުރޭ މަގާމުން ވަކިކުުރުމާއި ގުޅިގެން އެމްޑީޕީގެ ބައެއް އިސް ބޭފުޅުން ގެންދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.