އުމުރުން 35 އާއި 54 އަހަރާ ދެމެދުގެ އަންހެނުންނަށް ހާޓް އެޓޭކް ޖެހޭ މިންވަރު އިތުރުވަނީ
ހާޓް އެޓޭކަކީ ހަމައެކަނި އުމުރުން ދުވަސްވީ ފިރިހެނުންނަށް ދިމާވާ ކަމެއްގެ ގޮތުގައި މީގެ ކުރިން ބެލެވުނު ނަމަވެސް، ފަހުގެ ދިރާސާތަކުން ދައްކާގޮތުގައި ޒުވާން އަންހެނުންނަށް މި ނުރައްކާ މިހާރު ވަނީ އިތުރުވެފައެވެ. ހާއްސަކޮށް އުމުރުން 35 އަހަރާއި 54 އަހަރާ ދެމެދުގެ އަންހެނުންގެ މެދުގައި ހިތުގެ ބަލިތައް ޖެހޭ މިންވަރު އިތުރުވަމުންދާކަން ދިރާސާތަކުން ފާހަގަކުރެވެއެވެ.
މި އުމުރުފުރާގެ ގިނަ އަންހެނުންނަށް އުމުރުން 50 އަހަރު ފުރުމުގެ ކުރިން ލޭމަތިވުމާއި، ކޮލެސްޓްރޯލް މަތިވުން އަދި ދުންފަތުގެ އިސްތިއުމާލު ކުރުން ފަދަ ކަންކަން ދިމާވެއެވެ. މީގެ އިތުރުން މާބަނޑު ދުވަސްވަރު އަންނަ ހޯރމޯންގެ ބަދަލުތަކާއި، ދަރިމައިވުމުން ހުއްޓުވާ ގުޅަ ބޭނުންކުރުމާއި، ނަފްސާނީ ބުރަބޮޑުވުމުގެ އިތުރުން ސިއްހަތަށް ނުރަނގަޅު އާދަތަކުގެ ސަބަބުން މި ނުރައްކާ އިތުރަށް ބޮޑުވެގެންދެއެވެ.
ހިތުގެ ބައްޔަކީ އަންހެނުންނާއި ފިރިހެނުންގެ މެދުގައިވެސް މަރުވުމަށް މެދުވެރިވާ އެންމެ ބޮޑު ސަބަބެވެ. ނަމަވެސް، އަންހެނުންނަށް ހާޓް އެޓޭކް ޖެހުމުން ފެންނަ އަލާމާތްތަކަކީ ގިނަ ފަހަރަށް ނަފްސާނީ ބުރަ، ރޯގާ ނުވަތަ ބަނޑުގެ މައްސަލައެއްގެ ގޮތުގައި ބަލައި އަޅާނުލެވިދާ ކަންކަމެވެ. މޭގައި ރިއްސުމާއި، ދަތްދޮޅި، ބުރަކަށި ނުވަތަ އަތަށް ތަދުވުމާއި، އާދަޔާ ހިލާފަށް ވަރުބަލިވުން ނުވަތަ ނޭވާ ކުރުވުމަކީ ސީރިއަސްކޮށް ބަލަންޖެހޭ އަލާމާތްތަކެވެ.
Ads by BMLކަމާބެހޭ މާހިރުން ވިދާޅުވާ ގޮތުގައި ހިތުގެ މައްސަލަތަކުގެ ގާތްގަނޑަކަށް 80 އިންސައްތައަކީ ރަނގަޅު ކާނާ ކެއުމާއި، ގަވާއިދުން ކަސްރަތު ކުރުމާއި، ނަފްސާނީ ދުޅަހެޔޮކަމަށް ސަމާލުކަން ދިނުމުގެ އިތުރުން ގަވާއިދުން މެޑިކަލް ޗެކަޕް ހަދައިގެން ރައްކާތެރިވެވޭނެ ކަންކަމެވެ. އެހެންކަމުން، ހަށިގަނޑުން ފެންނަ ބަދަލުތަކަށް ސަމާލުވެ، ކުރިއާލާ ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަކީ މުސްތަގުބަލުގެ ސިއްހަތަށްޓަކައި ކޮންމެހެން މުހިންމު ކަމެކެވެ.
Ads by MACL
