އީރާނާއި ދެކޮޅަށް ކުރަމުންދާ ހަނގުރާމަ ދެ ހަފްތާއަށް މެދުކަނޑާލަން ޓްރަމްޕް ނިންމައިފި
އެމެރިކާ ސިފައިން އީރާނަށް ދެމުންދިޔަ ހަމަލާތައް މެދުކަނޑާލާފައިވާ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިއުލާން ކުރައްވައިފި އެވެ.
އީރާނުގެ ސުޕްރީމް ނޭޝަނަލް ސެކިއުރިޓީ ކައުންސިލުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މިއީ އެ ގައުމަށް ލިބުނު ކާމިޔާބީއެއް ކަމަށެވެ. އަދި އީރާނުން ހުށަހެޅި 10 ނުކުތާގެ ޕްލޭން ގަބޫލުކުރުމަށް އެމެރިކާއަށް މަޖުބޫރުވެފައިވާ ކަމަށާއި، އޭގެ ތެރޭގައި ދަތިކުރުމުގެ ފިޔަވަޅުތައް އުވާލުމާއި އީރާނުގެ ނިއުކްލިއާ މުއްސަނދިކުރުމުގެ މަސައްކަތްތައް ބަލައިގަތުން ހިމެނޭ ކަމަށް އެ ބަޔާނުގައިވެ އެވެ.
ރައީސް ޓްރަމްޕް ވިދާޅުވީ އީރާނުގެ ހުށަހެޅުމަކީ މަޝްވަރާކޮށްގެން ކުރިއަށް ދެވިދާނެ ފަދަ އަސާސެއް ކަމަށެވެ.
Ads by BMLއިރާނާއި އެމެރިކާ އަދި އެ ގައުމުތަކުގެ ބައިވެރިންނާ ދެމެދު ހަމަލާބަދަލުކުރުން ހުއްޓާލުމުގެ އެއްބަސްވުމެއް ގާއިމުކުރެވިފައިވާ ކަމަށާއި، މި އެއްބަސްވުމުގެ ދަށުން ލުބުނާނާއި އެހެނިހެން ސަރަހައްދުތަކުގައި ދެމުންދާ ހަމަލާތައް ވަގުތުން ހުއްޓާލުމަށް ނިންމާފައިވާ ކަމަށް ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފް ވެސް ވަނީ އިއުލާނު ކުރައްވައިފަ އެވެ.
ބޮޑުވަޒީރު ޝެހްބާޒް ޝަރީފް ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ދެ ގައުމުގެ އިސްވެރިން ދެއްކެވި ހިކުމަތްތެރި ނިންމެވުމަށް މަރުހަބާ ދަންނަވާ ކަމަށެވެ. އަދި މި މައްސަލަތަކަށް ދާއިމީ ހައްލެއް ހޯދުމަށްޓަކައި ކުރިއަށްގެންދާ މަޝްވަރާތަކުގެ ފަހު މަރުހަލާގައި ބައިވެރިވުމަށް އަންނަ ހުކުރު ދުވަހު، 10 އެޕްރީލް 2026 ގައި އިސްލާމްއާބާދަށް ވަޑައިގަތުމަށް ދެ ގައުމުގެ ވަފުދުތަކަށް ވަނީ ދައުވަތު އަރުވާފައެވެ.
ޝެހްބާޒް ޝަރީފް އިތުރަށް ފާހަގަކުރެއްވި ގޮތުގައި، މި ނިންމުމަކީ ދެ ފަރާތުން ވެސް ދެއްކެވި ވިސްނުންތެރިކަމާއި ކެތްތެރިކަމުގެ ނަތީޖާއެކެވެ. އަދި ސަރަހައްދީ ހަމަޖެހުމާއި ސުލްހަ ގާއިމުކުރުމަށްޓަކައި ކުރެވުނު މި މުހިންމު މަސައްކަތުގައި ދެ ގައުމުން ވެސް ވަނީ ވަރަށް ބިނާކުރަނިވި ދައުރެއް އަދާކޮށްފައެވެ.
މި އެއްބަސްވުމަކީ މެދުއިރުމަތީގެ މަސްރަހު ފިނިކުރުމަށްޓަކައި އެޅުނު ވަރަށް މުހިންމު ފިޔަވަޅެއްގެ ގޮތުގައި ބައިނަލްއަގުވާމީ މުޖުތަމައުން ދަނީ ބަލަމުންނެވެ. ހުކުރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ މަޝްވަރާތަކުގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލާނީ މިހާރު ހުރި ހުރިހާ ދެބަސްވުންތަކަކަށް ނިމުން ގެނައުމަށެވެ.
ރައީސް ޓްރަމްޕް ވަނީ ފާއިތުވި 48 ގަޑިއިރު ތެރޭގައި ތަކުރާރުކޮށް އީރާނަށް ވަރުގަދަ އިންޒާރުތައް ދެއްވާފަ އެވެ. އީރާނުގެ ކަރަންޓު އުފައްދާ މަރުކަޒުތަކާއި އުމްރާނީ ވަސީލަތްތައް ހަލާކުކޮށްލާނެ ކަމުގެ އިންޒާރު ދީފައިވެ އެވެ. އަދި އެއްބަސްވުމަކަށް ނާދެވިއްޖެ ނަމަ މުޅި އީރާން ނެތިކޮށްލާނެ ކަމަށް ޓްރަމްޕް އޭނާ ވަނީ ވިދާޅުވެފަ އެވެ.
މީގެ ރައްދުގައި އީރާނުން ބުނެފައިވަނީ، އެމެރިކާއިން ހަމަލާއެއް ދީފި ނަމަ ގަލްފުގެ އަވަށްޓެރި ގައުމުތަކުގެ އުމްރާނީ ވަސީލަތްތަކަށް ހަމަލާދީ ބަދަލުހިފާނެ ކަމަށެވެ.
Ads by MACL
