"ސީފުޑް ވޮޗް ރޭޓިންގްސް" ރާއްޖެއަށް ލިބުމަކީ މަސްވެރިކަމުގެ ސިޔާސަތައް ލިބުނު ކާމިޔާބެއް: ޝިޔާމް
"ސީފުޑް ވޮޗް ރޭޓިންގްސް" ރާއްޖެއަށް ލިބުމަކީ ސަރުކާރުގެ މަސްވެރިކަމުގެ ސިޔާސަތުގެ ހަރުދަނާކަމާއި ކާމިޔާބުކަން ސާބިތުކޮށްދޭ ކަމެއް ކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
އެމެރިކާގެ މަސް ވިއްކާ ކުންފުނިތަކުންނާއި އެހެނިހެން ފަރާތްތަކުން މަސް ގަތުމުގައި ރިޢާޔަތްކުރާ މޮންޓެރޭ ބޭ އެކުއޭރިއަމް ސީފުޑް ވޮޗް ޕްރޮގްރާމުން ވަނީ ދުނިޔޭގައި ފުރަތަމަ ފަހަރަށް ވަކި ގައުމަކަށް ހާއްސަކޮށްގެން ދޭ މި ރޭޓިންގް ރާއްޖެއަށް ދީފައެވެ.
ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވަޒީރު ޝިޔާމް ވިދާޅުވީ، މިއީ ދިވެހިރާއްޖެއިން ބައިނަލްއަގުވާމީ ފެންވަރުގައި ހޯދި ތާރީހީ ކާމިޔާބީއެއް ކަމަށެވެ. އަދި މިއީ ދެމެހެއްޓެނިވި ގޮތެއްގައި މަސްވެރިކަން ކުރުމަށާއި ކަނޑުގެ ވަސީލަތްތައް ޒިންމާދާރުކަމާއެކު ބޭނުންކުރުމަށް ކުރަމުންދާ މަސައްކަތަށް ލިބުނު މުހިންމު ކުރިއެރުމެއްގެ ގޮތުގައި ވަޒީރު ސިފަކުރެއްވިއެވެ.
Ads by BMLމި ރޭޓިންގްގެ އިތުރުން، ދެމެހެއްޓެނިވި މަސްވެރިކަމުގެ ދާއިރާއިން ރާއްޖެއަށް ލިބިފައިވާ އެހެނިހެން ކާމިޔާބީތަކަށްވެސް ވަޒީރު އަލިއަޅުވާލެއްވިއެވެ. އޭގެ ތެރޭގައި ދޮށީގެ މަސްވެރިކަމާއި، އަތުނަނު ބޭނުންކޮށްގެން ކުރާ ރީނދޫއުރަހަ ކަންނެލީގެ މަސްވެރިކަމަށް އެމްއެސްސީ ސެޓިފިކޭޝަން ފުޅާވުމާއި، ފެއަރ ޓްރޭޑް ސެޓިފިކޭޝަން ހިމެނެއެވެ. މިހާރު ރާއްޖޭގެ ހުރިހާ ކަންނެލި މަސްވެރި އުޅަނދުފަހަރަކީ އެމްއެސްސީ ސެޓިފައިޑް އުޅަނދުފަހަރުކަން ވަޒީރު ފާހަގަކުރެއްވިއެވެ.
ވަޒީރު ޝިޔާމް ވިދާޅުވީ، މި ކާމިޔާބީތަކުން ދައްކުވައިދެނީ ރާއްޖޭގެ ދޮށީގެ މަސްވެރިކަމުގެ އުސޫލުތަކުގެ ވަރުގަދަކަމާއި އިތުބާރު ކަމަށެވެ. އަދި މިއީ ރާއްޖޭގެ މަސްވެރިކަމުގެ ހާއްސަ ސިފަތައް ދުނިޔޭގެ ބާޒާރުގައި ދަމަހައްޓައި، އެ މަގާމު އިތުރަށް ވަރުގަދަކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ގެންގުޅުއްވާ ތަސައްވުރުގެ ނަތީޖާ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
މަސްވެރިންނާއި، ސިނާއަތުގެ ބައިވެރިންނާއި، ސައިންސްވެރިން އަދި ފިޝަރީޒް މެނޭޖަރުންނާ ގުޅިގެން، ރާއްޖޭގެ ނޫ އިގްތިސާދު އިތުރަށް ކުރިއަރުވައި، ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިއުމަށް ސަރުކާރުން ދެމިއޮންނާނެ ކަމުގެ ޔަގީންކަން ވަޒީރު ވަނީ ދެއްވާފައެވެ.
މިއީ "ސީފުޑް ވޮޗް" ގެ ތާރީޚުގައިވެސް ވަކި ޤައުމަކަށް ޚާއްޞަކޮށްގެން ކަނޑުމަހުގެ މަސްވެރިކަމަށް ރޭޓިންގްއެއް ކަނޑައެޅި ފުރަތަމަ ފަހަރެވެ. މި ކުރިއެރުމާއެކު، އުތުރު އެމެރިކާގެ މާކެޓަށް ދިވެހި މަސް އެކްސްޕޯޓްކުރާ ފަރާތްތަކަށް އިތުރު ފުރުސަތުތައް ފަހިވެގެންދާނެ ކަމަށް މަސްވެރިކަމާ ބެހޭ ވުޒާރާއިން ލަފާކުރެއެވެ.
Ads by MACL
