ހަނގުރާމަ ހުއްޓާލަން އެއްބަސްވުމާއެކު ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ދަށަށް
އީރާނާއި އެމެރިކާއާ ދެމެދު ހަނގުރާމަ ހުއްޓާލުމަށް އެއްބަސްވިކަން އިޢުލާން ކުރުމާ ގުޅިގެން، ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގުތައް ވަރަށް ބޮޑަށް ދަށަށް ގޮސް، ހިއްސާގެ ބާޒާރުތަކަށް ދިރުން ލިބިއްޖެއެވެ. މި ނިންމުމާއެކު ބައިނަލްއަޤުވާމީ މާލީ ބާޒާރުތަކަށް ވަނީ ބޮޑެތި ބަދަލުތަކެއް އައިސްފައެވެ.
ރޮއިޓާސް ނިއުސް އެޖެންސީން ރިޕޯޓްކޮށްފައިވާ ގޮތުގައި، މި ޚަބަރާއެކު އެމެރިކާގެ ކްރޫޑް ފިއުޗާސްގެ އަގު 16 އިންސައްތަ ދަށަށް ގޮސް، ފީފާއެއްގެ އަގު 94.59 ޑޮލަރަށް ވަނީ ތިރިވެފައެވެ. އަދި ބްރެންޓް ފިއުޗާސްގެ އަގު 15 އިންސައްތަ ދަށަށް ގޮސް، ފީފާއެއްގެ އަގު ވަނީ 92.35 ޑޮލަރަށް ތިރިވެފައެވެ.
އިކޮނޮމިސްޓް އިންޓެލިޖެންސް ޔުނިޓްގެ އެލެކްސް ހޯމްސް އަލްޖަޒީރާއަށް ދެއްވި ބަސްދީގަތުމެއްގައި ވިދާޅުވީ، ބާޒާރުތަކަށް ހެޔޮ ބަދަލެއް އައި ނަމަވެސް، މި ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުން ދެމިއޮންނާނެ ކަމާމެދު އަދި މުޅިން ޔަގީންކަމެއް ނެތް ކަމަށެވެ.
"އިސްރާއީލާއި، އީރާނާއި އަދި އެހެނިހެން ފަރާތްތަކުން މި އެއްބަސްވުމަށް އަމަލުކުރާ މިންވަރަށް ވަރަށް ބޮޑަށް ސަމާލުވާން ޖެހޭނެ،" ހޯމްސް ވިދާޅުވިއެވެ.
ހޯމްސް އިތުރަށް ފާހަގަކުރެއްވި ގޮތުގައި، މަޝްވަރާތަކުގައި އަދިވެސް ހައްލުކުރަންޖެހޭ ބޮޑެތި ކަންތައްތަކެއް އެބަހުއްޓެވެ. އެހެންކަމުން ބާޒާރުތައް އަދިވެސް އޮތީ "މަޑުކޮށްގެން ބަލަން" ޖެހޭ ފަދަ ހާލަތެއްގައެވެ. އަދި ތެލުގެ އަގު މިހާރު ދަށަށް ދިޔަ ނަމަވެސް، ފެބްރުއަރީ މަހުގެ ފަހުކޮޅާ އަޅާބަލާއިރު އަދިވެސް އަގުތައް ހުރީ މަތީގައިކަން އޭނާ ފާހަގަކުރެއްވިއެވެ.
Ads by BMLއޭޝިއާގެ ބާޒާރުތަކަށް ބަލާއިރު، ޖަޕާނުގެ ނިކޭ އިންޑެކްސް 5 އިންސައްތަ މައްޗަށް ގޮސްފައިވާއިރު، ދެކުނު ކޮރެއާގެ ކޮސްޕީ އިންޑެކްސް ވަނީ 6 އިންސައްތަ މައްޗަށް ގޮސްފައެވެ. މި ބޮޑު ކުރިއެރުމާ ގުޅިގެން ބައެއް ބާޒާރުތަކުގައި ވިޔަފާރިކުރުން ވަގުތީ ގޮތުން މެދުކަނޑާލަން ވެސް ޖެހުނެވެ.
Ads by MACL
