ޓްރަމްޕްގެ ނިންމެވުމަށް ނަތަންޔާހޫ ތާއީދުކޮށްފި، ނަމަވެސް ލުބުނާނު މި އެއްބަސްވުމުގައި ނުހިމެނޭނެ!
އެމެރިކާ އާއި އީރާނާ ދެމެދު އިއުލާނުކޮށްފައިވާ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމާ ގުޅޭގޮތުން އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ އޮފީހުން ރަސްމީ ބަޔާނެއް ނެރެފި އެވެ. މި ބަޔާނުގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ނިންމެވި ނިންމެވުމަށް އިސްރާއީލުން ފުރިހަމައަށް ތާއީދުކުރާކަން ވަނީ ހާމަކޮށްފަ އެވެ.
"އީރާނުން ވަގުތުން ކަނޑުއޮޅިތައް ހުޅުވާލައި، އެމެރިކާއަށާއި، އިސްރާއީލަށް އަދި ސަރަހައްދުގެ އެހެން ގައުމުތަކަށް ދޭ ހަމަލާތައް ހުއްޓާލުމަށް ޝަރުތުކޮށް، ދެ ހަފުތާގެ މުއްދަތަށް އީރާނަށް ދޭ ހަމަލާތައް މެދުކަނޑާލުމަށް ރައީސް ޓްރަމްޕް ނިންމެވި ނިންމެވުމަށް އިސްރާއީލުން ތާއީދުކުރަން." އިސްރާއީލުގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވެ އެވެ.
މީގެ އިތުރުން، އީރާނުގެ ފަރާތުން ކުރިމަތިވާ ނިއުކްލިއާ، މިސައިލް އަދި ޓެރަރިޒަމްގެ ނުރައްކާތައް އެމެރިކާއަށާއި، އިސްރާއީލަށް އަދި އަވަށްޓެރި އަރަބި ގައުމުތަކަށް ނޯންނާނެކަން ކަށަވަރުކުރުމަށް އެމެރިކާއިން ކުރާ މަސައްކަތްތަކަށް ވެސް އިސްރާއީލުން ވަނީ ތާއީދުކޮށްފަ އެވެ. ކުރިއަށް އޮތް މަޝްވަރާތަކުގައި މި ލަނޑުދަނޑިތައް ހާސިލުކުރުމަށް އެމެރިކާ ދެމިއޮންނާނެ ކަމުގެ ޔަގީންކަން އިސްރާއީލަށް ދީފައިވާ ކަމަށްވެސް އެ ބަޔާނުގައިވެ އެވެ.
ނަމަވެސް، މި އެއްބަސްވުމުގެ ދަށުން ހަމަލާތައް މެދުކަނޑާލި ނަމަވެސް، އެއީ ހަމައެކަނި އީރާނާ ގުޅޭ ކަމެއްކަމަށާއި އޭގެ ތެރޭގައި ލުބުނާން ނުހިމެނޭނެ ކަމަށް ނަތަންޔާހޫގެ އޮފީހުން ވަނީ ސާފުކޮށްދީފަ އެވެ.
"ދެ ހަފުތާގެ މުއްދަތަށް އިއުލާނުކުރި ހަނގުރާމަ ހުއްޓާލުމުގެ ތެރޭގައި ލުބުނާނު ނުހިމެނޭ" ކަމަށް އެ ބަޔާނުގައި ވަނީ ބުނެފައެވެ.
މި ނިންމުމާއެކު، ސަރަހައްދީ މަސްރަހަށް ބޮޑެތި ބަދަލުތަކެއް އަންނާނެ ކަމަށް ބެލެވޭއިރު، އިސްރާއީލުން ދަނީ އެ ގައުމުގެ ސަލާމަތީ ކަންކަން ކަށަވަރުކުރުމަށް ބައިނަލްއަގުވާމީ ފެންވަރުގައި މަސައްކަތް ކުރަމުންނެވެ.
Ads by MACL
