ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ކޮލަމްބޯގައި ތާށިވެފައިވާ 80 ކޮންޓެއިނަރު އަވަސްކޮށްދޭން އެދިއްޖެ

ކޮލަމްބޯގައި ތާށިވެފައިވާ 80 ކޮންޓެއިނަރު އަވަސްކޮށްދޭން އެދިއްޖެ

އަވަށްޓެރި ސްރީލަންކާގެ ކޮލަމްބޯގައި ތާށިވެފައި ހުރި ކޮންޓެއިނަރުތަކުގެ ތެރެއިން ރާއްޖޭގެ މާކެޓަށް ދިމާވެދާނެ ގޮންޖެހުންތަކަށް ހައްލު ހޯދައިދިނުމުގެ ގޮތުން 80 ކޮންޓެއިނަރު އަވަސްކޮށްދޭން އެދިފައިވާ ކަމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުންނެވެ.

ވަޒީރު ސަޢީދު ވިދާޅުވީ ރާއްޖެއާ ކޮލަމްބޯއާ ދެމެދު ދަތުރުތައް ކުރަމުން އައި ނަމަވެސް، މިހާތަނަށް 4,200 ކޮންޓެއިނަރު ތާށިވެފައިވާ ކަމަށެވެ. މީގެ ތެރޭގައި ވަކި ބާވަތެއްގެ މުދާ މަޑުޖެހިފައި ހުރުމުގެ ސަބަބުން ރާއްޖޭގެ މާކެޓަށް ކުރިމަތިވެދާނެ ދަތިތަކަށް ރިއާޔަތްކޮށް، އެފަދަ މުދާ ރާއްޖެ ގެނައުމުގެ މަސައްކަތް ސަރުކާރުން އަވަސް ކުރައްވަމުންދާ ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.

ޚާއްސަކޮށް އަސާސީ ބާވަތްތަކުގެ ތެރެއިން ސަން ފްލާވާ ތެލާއި ކިރު ރާއްޖެއަށް ގެނައުން އަވަސް ކުރުމަށް 80 ކޮންޓެއިނަރު ދޫކޮށްދިނުމަށް ލަންކާގެ ކަމާގުޅުންހުރި އިދާރާތަކާ ގުޅިގެން މަސައްކަތް ކުރައްވަމުންދާ ކަމަށް ވަޒީރު ވިދާޅުވިއެވެ. މިއީ ބާޒާރުން އެ ވުޒާރާގައި އެދިފައިވާ ދެ ބާވަތް ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

"މިއަދު ހެނދުނު ވިދާޅުވި ދެ ޕްރޮޑަކްޓެއް އަވަސްކުރަން ބާޒާރުން އަޅުގަނޑުމެންނަށް ރެކުއެސްޓް ކޮށްފައިއެބައިނޭ. އެހެންވެ އެ ދެބާވަތްވެސް އަޅުގަނޑުމެން މިދަނީ އަވަސްކުރަމުން. އޭގެ ތެރޭގައި އެސެންޝިއަލް އައިޓަމްސްގެ ތެރޭގައި ހިމެނޭ... މާކެޓުގައި ހުހެއް ނުވޭ. އެހެންނަމަވެސް ހުސްވިޔަނުދީ އެކަން ކުރުމަށްޓަކައި އައިޓަމްސް ލިބޭނެގޮތް ހެދުމަށްޓަކައި އަޅުގަނޑުމެން މިކަން މިކުރަނީ،" ވަޒީރު ސަޢީދު ވިދާޅުވިއެވެ.

ދުނިޔޭގެ މަސްރަޙަށް އަންނަ ބަދަލުތަކާއި، ޚާއްސަކޮށް މެދުއިރުމަތީގައި ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން ދުނިޔޭގެ ދަތުރުފަތުރުގެ ދާއިރާއަށް ވަނީ ބޮޑެތި އަސަރުތަކެއް ކޮށްފައެވެ. މީގެ ސަބަބުން ދުނިޔޭގެ ބާޒާރަށް ކުރާ އަސަރު ރާއްޖެއަށް ފޯރުނަނުދިނުމަށްޓަކައި ސަރުކާރުން ދަނީ ދުރާލާ ފިޔަވަޅުތައް އަޅަމުންނެވެ.

މިގޮތުން، ރާއްޖެއަށް ބޭނުންވާ ޒަރޫރީ ސާމާނު މެދުނުކެނޑި ލިބޭނެ އިންތިޒާމުތައް ހަމަޖެއްސުމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާއާއި ކަމާގުޅުންހުރި އެހެނިހެން އިދާރާތައް ގުޅިގެން މެދުނުކެނޑި މަސައްކަތް ކުރަމުންދާނެ ކަމުގެ ޔަގީންކަން ސަރުކާރުން ވަނީ ދީފައެވެ.