ހައި ކޯޓުގެ އިސް ފަނޑިޔާރުކަމަށް ތިން ބޭފުޅަކު ކުރިމަތިލައިފި
ދިވެހިރާއްޖޭގެ ހައި ކޯޓުގެ އިސް ފަނޑިޔާރުކަމުގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލި ފުރުސަތުގައި އެ މަގާމަށް ތިން ބޭފުޅަކު ކުރިމަތިލައްވައިފި އެވެ.
ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ދިން މުއްދަތު ހަމަވިއިރު، އެ މަގާމަށް ކުރިމަތިލެއްވި ބޭފުޅުންގެ ތެރޭގައި މިހާރު އެ ކޯޓު ހިންގުމާ ހަވާލުވެ ހުންނެވި ފަނޑިޔާރުން ހިމެނިވަޑައިގަންނަވަ އެވެ.
އިސް ފަނޑިޔާރު ކަމަށް ކުރިމަތިލެއްވި ތިން ބޭފުޅުންނަކީ މިހާރު އެ ކޯޓު ހިންގުމާ ވަގުތީ ގޮތުން ހަވާލުވެ ހުންނެވި ފަނޑިޔާރު އަބްދުﷲ ޖަމީލް މޫސާ އާއި، ފަނޑިޔާރު އަބްދުއްރައޫފް އިބްރާހިމްގެ އިތުރުން ފަނޑިޔާރު މުހައްމަދު ޝަނީޒް އަބްދުﷲ އެވެ. މި ތިން ބޭފުޅުންނަކީ ވެސް މިހާރު ހައި ކޯޓުގައި ފަނޑިޔާރުކަން ކުރައްވަމުން ގެންދަވާ ބޭފުޅުންނެވެ.
Ads by BMLހައި ކޯޓުގެ އިސް ފަނޑިޔާރުގެ މަގާމު ހުސްވީ އެ މަގާމުގައި ކުރިން ހުންނެވި ފަނޑިޔާރު ހުސައިން ޝަހީދު ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަން ކުރެއްވުމާ ގުޅިގެންނެވެ. އެ މަގާމު ހުސްވުމުން ކޯޓު ހިންގުން ވަގުތީ ގޮތުން ހަވާލުކޮށްފައިވަނީ ފަނޑިޔާރު އަބްދުﷲ ޖަމީލް މޫސާއާ އެވެ.
ހައި ކޯޓުގެ އިސް ފަނޑިޔާރުގެ މަގާމުގެ އިތުރުން ފެމިލީ ކޯޓުގެ އިސް ގާޒީގެ މަގާމަށް ވެސް ކުރިމަތިލާން ޖޭއެސްސީން ހުޅުވާލި އެވެ. ނަމަވެސް އެ މަގާމަށް ކުރިމަތިލި ބޭފުޅުންގެ އަދަދެއް މިހާތަނަށް ސާފުވެފައެއް ނުވެ އެވެ. ޖޭއެސްސީން ބުނެފައިވާ ގޮތުގައި ހައި ކޯޓުގެ އިސް ފަނޑިޔާރުގެ މަގާމަށް އައްޔަން ކުރާނެ ބޭފުޅަކު އެ ކޮމިޝަނުން މިހާތަނަށް ކަނޑައެއް ނާޅަ އެވެ.
Ads by MACL
