ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ކުދި ވިޔަފާރިތަކުން 20 ކޯޓާއާ ހަމައަށް ފީ ދައްކަން ނުޖެހޭ ގޮތަށް ހަދައިފި

ކުދި ވިޔަފާރިތަކުން 20 ކޯޓާއާ ހަމައަށް ފީ ދައްކަން ނުޖެހޭ ގޮތަށް ހަދައިފި

ރާއްޖޭގައި ހިންގާ އެންމެ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުން 20 ކޯޓާއާ ހަމައަށް ފީ ދައްކަން ނުޖެހޭ ގޮތަށް ބިދޭސީން ވަޒީފާ އަދާކުރުމާ ބެހޭ ގަވާއިދަށް ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓްރީން މުހިންމު އިސްލާހެއް ގެނެސްފިއެވެ.

މި ބަދަލާއެކު ގާތްގަނޑަކަށް 30,000 އަށް ވުރެ ގިނަ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް މާލީ ބޮޑު ލުޔެއް ލިބިގެންދާނެ ކަމަށް ސަރުކާރުން ބުނެއެވެ.

މިނިސްޓްރީން ހާމަކުރި ގޮތުގައި މި ބަދަލަކީ މިދިޔަ ޑިސެމްބަރު މަހުގެ 17 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކާ އެކު ބޭއްވެވި ބައްދަލުވުމުގައި، އެ ފަރާތްތަކުން ފާޅުކުރި ކަންބޮޑުވުންތަކަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން ގެނައި ބަދަލެކެވެ. ކުރިން އޮތް ގޮތުން ނަމަ، ބިދޭސީން އެތެރެކުރުމަށް ކޯޓާއަކަށް އަހަރަކު 2,000 ރުފިޔާގެ ފީއެއް ދައްކަން ޖެހެއެވެ.

މި ލުއި ދިނުމުގައި އިންސާނީ ވަގުފާރިއަށް މަގުފަހިވިޔަ ނުދިނުމަށްޓަކައި ހަރުދަނާ ފިޔަވަޅުތަކެއް ވެސް ވަނީ އަޅާފައެވެ. އެގޮތުން، އެއް ހިއްސާދާރެއް ނުވަތަ މަސްއޫލުވެރިއެއް ނުވަތަ ޕާޓްނަރުން ހިމެނިގެން ހިންގާ އެކި ވިޔަފާރިތަކަށް މި ލުއި ތަކުރާރު ނުވާނެ ގޮތަށް ގަވާއިދުގައި ވަނީ ބަޔާންކޮށްފައެވެ. މީގެ އިތުރުން، މި ބަދަލާ ގުޅިގެން އަމަލުކުރަންޖެހޭ ގޮތުގެ ޔޫސާ ގައިޑްލައިންތައް އެކްސްޕެޓް ސިސްޓަމްގައި ޝާއިއުކުރާނެ ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.

ސަރުކާރުގެ އަމާޒަކީ ނިޒާމީ ގޮތެއްގައި ހުރި މައްސަލަތަކަށް ކުރިއަށް އޮތް ދެ އަހަރުގެ ތެރޭގައި އެދެވޭ ހައްލެއް ގެނެސް، ރާއްޖޭގެ އިގުތިސޯދުގައި ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުން އަދާކުރާ ދައުރު ފުޅާކުރުމެވެ. މިދިޔަ ބުދަ ދުވަހު ގެނައި މި އިސްލާހުގެ ދަށުން، އެކްސްޕެޓް ސިސްޓަމް މެދުވެރިކޮށް ވިޔަފާރިތަކަށް މިހާރު މި ލުއި ލިބިގެންދާނެއެވެ.