ބީއެމްއެލްގެ ސްޕޯޓްސް ސްކޮލަޝިޕް ރާޅާއަޅާ ސައްޔިދު ސަލާހުއްދީނަށް
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ދެމުން އަންނަ ސްޕޯޓްސް ސްކޮލަޝިޕް މިފަހަރު ރާޅާއެޅުންތެރިޔާ ސައްޔިދު ސަލާހުއްދީން އަށް ދީފިއެވެ. މިއީ ރާއްޖޭގެ އެތުލީޓުންގެ ހުނަރު ކުރިއަރުވައި ކުޅިވަރުގެ ދާއިރާއިން ބައިނަލްއަގުވާމީ ފެންވަރުގައި ކާމިޔާބީތައް ހޯދުމަށް މަގުފަހިކޮށްދިނުމުގެ މަގުސަދުގައި ބޭންކުން ހިންގާ ޕްރޮގްރާމެކެވެ.
މި ސްކޮލަޝިޕްގެ ދަށުން ސައްޔިދުގެ ތަމްރީނުތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ޗައިނާ، ފިލިޕީންސް އަދި އިންޑޮނޭޝިއާ ގައެވެ. މީގެ އިތުރުން، އޮސްޓްރޭލިއާގައި ބޭއްވުމަށް ހަމަޖެހިފައިވާ މުބާރާތެއްގައި ވެސް އޭނާ ބައިވެރިވާނެއެވެ.
ބީއެމްއެލް އިން މި ސްކޮލަޝިޕްގެ ދަށުން ތަމްރީނުތަކާއި މުބާރާތްތަކަށް ބޭނުންވާ ހުރިހާ ހަރަދެއްގެ އިތުރުން، ބޭނުންވާ އިކުއިޕްމެންޓް ވެސް ފޯރުކޮށްދޭނެއެވެ.
Ads by BMLމި ސްކޮލަޝިޕަށް އެތުލީޓުން ހޮވާފައިވަނީ ބީއެމްއެލް އާއި މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ (އެމްއޯސީ) އާ ދެމެދު ގާއިމުކޮށްފައިވާ އެއްބަސްވުމެއްގެ ދަށުން އެމްއޯސީންނެވެ. މިއީ ކުޅިވަރުގެ ދާއިރާއިން ފާހަގަކޮށްލެވޭ ހުނަރުވެރި އެތުލީޓުންނަށް ބޭނުންވާ ފަންނީ ތަމްރީނާއި އެހީތެރިކަން ފޯރުކޮށްދިނުމަށް ކުރިއަށްގެންދާ މުހިންމު މަސައްކަތެކެވެ.
ބީއެމްއެލް ސްޕޯޓްސް ސްކޮލަޝިޕްގެ ދަށުން މިހާތަނަށް ޖުމްލަ 8 އެތުލީޓުންނަށް ވަނީ ބައިނަލްއަގުވާމީ ފެންވަރުގެ ތަމްރީނު ހޯދުމުގެ ފުރުސަތު ފަހިކޮށްދީފައެވެ. ބޭންކުން އަންނަނީ ރާއްޖޭގެ ފުޓްބޯޅަ، ސްވިމިން، ޓެނިސް، ބާސްކެޓްބޯޅަ އަދި ސާފިން ފަދަ ކުޅިވަރުތައް ކުރިއެރުވުމަށް ގައުމީ އެސޯސިއޭޝަންތަކާ ގުޅިގެން ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.
Ads by MACL
