ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ތިނަދޫއަށް ބޭނުންވާ ތަރައްގީ ގެނައުމަށް ސަރުކާރަށް ބޭނުންވާ ހުރިހާ އެއްބާރުލުމެއް ދޭނަން: މޭޔަރ ސައުދު

ތިނަދޫއަށް ބޭނުންވާ ތަރައްގީ ގެނައުމަށް ސަރުކާރަށް ބޭނުންވާ ހުރިހާ އެއްބާރުލުމެއް ދޭނަން: މޭޔަރ ސައުދު

ތިނަދޫ ސިޓީއަށް ބޭނުންވާ ތަރައްގީ ހޯދުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުއާއި ސަރުކާރަށް ބޭނުންވާ ފުރިހަމަ އެއްބާރުލުން ދެއްވާނެ ކަމަށް ތިނަދޫ ސިޓީގެ މޭޔަރު ސައުދު ޢަލީ ވިދާޅުވެއްޖެ އެވެ. ސައުދު މިހެން ވިދާޅުވީ ލޯކަލް ގަވާމަންޓް މިނިސްޓަރު އާދަމް ޝަރީފް އުމަރާ އެކު މިއަދު ބޭއްވި ބައްދަލުކުރެއްވުމުގަ އެވެ.

މި ބައްދަލުކުރެއްވުމުގައި ވާހަކަދައްކަވަމުން ސައުދު ވިދާޅުވީ، ތިނަދޫއަށް ބޭނުންވާ ތަރައްގީ ގެނެސްދިނުމަށް ސަރުކާރަށް ބޭނުންވާ ހުރިހާ އެއްބާރުލުމެއް ދޭނެކަމުގެ ޔަގީންކަން މިނިސްޓަރު އާދަމް ޝަރީފަށާއި ރައީސް ޑރ. މުއިއްޒަށް އަރުވާ ކަމަށެވެ. އަދި މިހާރުވެސް ސަރުކާރުން އެ ރަށުގައި ގިނަ ކަންތައްތަކެއް ކުރައްވަމުންދާކަން މޭޔަރު ފާހަގަކުރެއްވިއެވެ.

ނިމިގެން ދިޔަ ލޯކަލް ކައުންސިލް އިންތިހާބުގައި އިތުރު ދައުރަކަށް މޭޔަރު ކަމަށް އިންތިހާބުވެވަޑައިގެންނެވި ސައުދު އިތުރަށް ވިދާޅުވީ، ތިނަދޫއަށް ތަރައްގީ ގެނައުމަކީ އެންމެ ބޮޑު އަމާޒު ކަމަށާއި، އެ ތަރައްގީ ގެނެސްދިނުމަށް ބޭނުންވާ އެއްބާރުލުން އެ ސިޓީގެ ކައުންސިލުން ފުރިހަމައަށް ދެއްވާނެ ކަމަށެވެ. "ސިޔާސީ ގޮތުން ހިޔާލު ތަފާތުވިޔަސް ހިންގާ މަޝްރޫއުތަކަށް ހުރަސް އެޅުމުގެ ނިޔަތެއް ނުގެންގުޅެން" ސައުދު ވިދާޅުވިއެވެ.

މި ބައްދަލުކުރެއްވުމުގައި މިނިސްޓަރު އާދަމް ޝަރީފް ވަނީ ތިނަދޫ ސިޓީއަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމުގައި މިނިސްޓްރީގެ ފުރިހަމަ އެއްބާރުލުން ލިބޭނެކަމުގެ ޔަގީންކަން ދެއްވާފައެވެ. މީގެ އިތުރުން ލާމަރުކަޒީ ނިޒާމު ހަރުދަނާކުރުމަށް ކައުންސިލްތަކާ ގުޅިގެން ކުރެވިދާނެ ކަންކަމާ ބެހޭގޮތުން ދެ ބޭފުޅުން ވަނީ މަޝްވަރާ ކުރައްވާފައެވެ.

މިނިސްޓަރު އާދަމް ޝަރީފް ވަނީ ނިމިގެން ދިޔަ ލޯކަލް ކައުންސިލް އިންތިހާބުގައި ސައުދު ހޯއްދެވި ކާމިޔާބީއަށް ތަހުނިޔާ ވިދާޅުވެފައެވެ. ސައުދު ވަނީ އެ އިންތިހާބުގައި ވާދަކުރައްވައި އިތުރު ދައުރަކަށް ތިނަދޫ ސިޓީގެ މޭޔަރު ކަމަށް އިންތިހާބުވެވަޑައިގެންފައެވެ.