ވިލިނގިލީ ބޯޓެއް ފަރަށް އަރައި އަޑިއަށް، ދިވެއްސަކު ގެއްލިގެން ހޯދަނީ
މާލެއިން ފުރައިގެން ގއ. ވިލިނގިއްޔަށް ދަތުރުކުރި ބޯޓެއް ލ. އޮޅުވެލި ކައިރީގައި އޮންނަ ފަރަކަށް އަރައި އަޑިއަށް ހިނގައްޖެ އެވެ.
ފުލުހުން ބުނީ މި ހާދިސާ މައުލޫމާތު، ރޭ ދަންވަރު 01:25 ހާއިރު ލިބިފައިވާ ކަމަށެވެ. ފަރަށް އަރާފައިވަނީ "އުދަރެސް" ނަކަމަށް ކިޔާ ބޯޓެކެވެ. ބޯޓު ފަރަށް އަރައި އަޑިއަށްދާ ކަމުގެ ރިޕޯޓު ލިބުމާއެކު، ކަމާބެހޭ ފަރާތްތަކުން ވަނީ މީހުން ސަލާމަތްކުރުމުގެ މަސައްކަތް ވަގުތުން ފަށާފަ އެވެ.
މި ހާދިސާ ހިނގިއިރު ބޯޓުގައި ޖުމުލަ 13 މީހުން ތިބި ކަމަށް މައުލޫމާތު ލިބެއެވެ. އޭގެ ތެރެއިން އެކަކު (ބިދޭސީއެއް) ވަނީ އަމިއްލައަށް ފަތާފައި ލ. އޮޅުވެއްޔަށް އަރާފައެވެ. އަދި ބޯޓުން ދަތުރުކުރި އިތުރު 11 މީހަކު ކައިރި ރިސޯޓެއްގެ ދޯންޏަކަށް ވަނީ ނަގާފަ އެވެ.މިގޮތުން ސަލާމަތްކުރެވުނު މީހުންގެ ތެރޭގައި ހިމެނެނީ ދެ ދިވެހިންނާއި 9 ބިދޭސީންނެވެ. ސަލާމަތްކުރެވުނު ޖުމުލަ 12 މީހުންގެ ހާލުވެސް ރަނގަޅު ކަމަށް މައުލޫމާތު ލިބެ އެވެ.
Ads by BMLނަމަވެސް، މި ބޯޓުން ދަތުރުކުރި އެއް ދިވެއްސަކު އަދިވެސް ފެނިފައި ނުވާތީ، އޭނާ ހޯދުމުގެ މަސައްކަތް ސިފައިންނާއި ފުލުހުން ގުޅިގެން ދަނީ ކުރަމުންނެވެ. ގެއްލިފައިވާ މީހާގެ އިތުރު މައުލޫމާތު ފުލުހުން ހާމަކޮށްފައިނުވެ އެވެ.
Ads by MACL
