"އިންތިހާބުތަކުގެ ނަތީޖާއިން ފެންނަނީ ރައީސް މުއިއްޒަށް އޮތް ބޮޑު ތާއީދު"
ނިމިދިޔަ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ (ޑަބްލިއުޑީސީ) އިންތިހާބުތަކުގެ ނަތީޖާއިން ހާމަވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރަށް ރައްޔިތުންގެ ބޮޑު އިތުބާރެއް އޮތްކަން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ވިލިމާލޭ ދާއިރާގެ މެމްބަރު މުހައްމަދު އިސްމާއިލް ވިދާޅުވެއްޖެ އެވެ.
މި އިންތިހާބުތަކުގެ ނަތީޖާއާ ގުޅޭގޮތުން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މުޙައްމަދު އިސްމާއީލް ވިދާޅުވީ މިއީ ދިވެހިރާއްޖޭގެ ރައްޔިތުންގެ ތެރެއިން ބޮޑު އިންސައްތައެއްގެ ފުރިހަމަ އިތުބާރާއި ތާއީދު މިއަދުގެ ސަރުކާރަށް އޮތްކަން ހާމަކޮށްދޭ ދަލީލެއްގެ ގޮތުގައި ފާހަގަވާ ކަމަށެވެ. އަދި މި ކާމިޔާބީއަށްޓަކައި ދިވެހި ލޮބުވެތި ރައްޔިތުންނަށް އޭނާ ވަނީ ހިތުގެ އެންމެ ފުންމިނުން ޝުކުރު އަދާކުރައްވާފަ އެވެ.
ސަރުކާރުގެ ސިޔާސަތުތަކަށް ރައްޔިތުން ދެމުންދާ ތާއީދާއެކު، ކުރިއަށް އޮތް އަމާޒަކީ 2028 ވަނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިހާބު ކަމަށްވެސް މުހައްމަދު އިސްމާއީލް ވަނީ ވިދާޅުވެފަ އެވެ.
"އަޅުގަނޑުމެން ހަމަނޭވާލާނީ 2028 ގެ ރިޔާސީ އިންތިހާބު ދިވެހި ރައްޔިތުންގެ ރައީސް ޑރ. މުއިއްޒަށް ކާމިޔާބު ކޮށްދިނުމަށްފަހު،" މުހައްމަދު އިސްމާއީލް ވިދާޅުވި އެވެ.
ނިމިގެން ދިޔަ ލޯކަލް ކައުންސިލް އިންތިޚާބުގެ ވަގުތީ ނަތީޖާތަކަށް ބަލާއިރު، އެންމެ ގިނަ ވޯޓު ލިބިފައި ވަނީ ވެރިކަން ކުރާ ޕާޓީ ޕީއެންސީ އަށެވެ. އެއީ ޖުމުލަ 275،639 ވޯޓު ލިބިގެންނެވެ. އެއީ މުޅި އިންތިޚާބުގެ 43 އިންސައްތަ ވޯޓެވެ.
Ads by BML
ރައީސް ޑރ. މުއިއްޒުގެ ވެރިކަމުގެ ފުރަތަމަ ދުވަސްވަރު ބޭއްވުނު މި އިންތިހާބުތަކަކީ ސަރުކާރުގެ މަގުބޫލުކަން ވަޒަންކޮށްލުމަށް ލިބުނު މުހިންމު ފުރުސަތެއްގެ ގޮތުގައި ސިޔާސީ މަސްރަހު ދިރާސާކުރާ ފަރާތްތަކުން ދެކެ އެވެ. މި ނަތީޖާތަކާއެކު ސަރުކާރުން ދަނީ ތަރައްގީގެ މަޝްރޫއުތަކާއި ރައްޔިތުންނަށް ފައިދާހުރި ކަންކަން ހަލުވި މިނެއްގައި ކުރިއަށް ގެންދިއުމަށް މަސައްކަތް ކުރަމުންނެވެ.
Ads by MACL
