ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ޕާޓީގެ މެންބަރުން މާޔޫސްނުވެ، ސަރުކާރު ދެމެހެއްޓުމުގައި ގަދަކޮށް ތިބުމަށް ޝުޖާއު އިލްތިމާސް ކޮށްދި

ޕާޓީގެ މެންބަރުން މާޔޫސްނުވެ، ސަރުކާރު ދެމެހެއްޓުމުގައި ގަދަކޮށް ތިބުމަށް ޝުޖާއު އިލްތިމާސް ކޮށްދި

ޕީއެންސީގެ އެއްވެސް މެންބަރަކު މާޔޫސްނުވުމަށާއި، ކޮންގްރެސް ޕާޓީގެ ޖަގަހަތައް އެކްޓިވޭޓްކޮށް ސަރުކާރު ދެމެހެއްޓުމުގައި ސާބިތުކަމާއެކު ގަދަކޮށް ތިއްބެވުމަށް ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު އިލްތިމާސް ކުރައްވައިފި އެވެ.

އެމްއެމްޓީވީގެ "ދިވެހީންގެ ނިންމުން" ކަވަރޭޖްގައި ވާހަކަފުޅު ދައްކަވަމުން ޝުޖާއު ވިދާޅުވީ، 2021 ވަނަ އަހަރުގެ ލޯކަލް ކައުންސިލް އިންތިޚާބަށްފަހު 2023 ގެ ރިޔާސީ އިންތިޚާބުގައި އެމްޑީޕީ ބަލިކުރި ފަދައިން، 2028 ވަނަ އަހަރުގެ އިންތިޚާބުގައި ވެސް އެ ޕާޓީ ބަލިކުރެވޭނެ ކަމަށެވެ.

ޝުޖާއު ފާހަގަކުރެއްވި ގޮތުގައި، މި އިންތިޚާބަށްފަހު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ކިބައިން ފެނިވަޑައިގަތީ ރައްޔިތުން ލީޑަރެއްގެ ކިބައިން ދެކެން ބޭނުންވާ ހަޤީޤީ އިޚްލާސްތެރި ސިފަތަކެވެ. ރައްޔިތުންގެ ނިންމެވުން އެމަނިކުފާނު ބަލައިގެންފައިވާ ކަމަށާއި، ރަނގަޅު ކުރަންޖެހޭ ކަންކަން ރައްޔިތުންގެ ވިންދާ އެއްގޮތަށް ބަދަލުކުރައްވާނެ ކަމުގެ ޔަޤީންކަން ރައީސް ދެއްވާފައިވާ ކަމަށް ޝުޖާއު ވިދާޅުވިއެވެ.

އިންތިޚާބުގެ ނަތީޖާއަށް އަލިއަޅުއްވާލައްވަމުން ޝުޖާއު ވިދާޅުވީ، ބޮޑެތި ސިޓީތައް ކޮންގްރެސް ޕާޓީއަށް ގެއްލުނު ނަމަވެސް، ކުރިން އެމްޑީޕީގެ ބޮޑު ތާއީދެއް އޮތް މާފުއްޓާއި، ރަސްދޫ، އުކުޅަސް، ތޮއްޑޫ، ކެންދޫ އަދި މުރައިދޫ ފަދަ ރަށްތަކުން ރައީސްގެ ސިޔާސަތުތަކަށް ވޯޓު ދީފައިވާ ކަމަށެވެ.

"ނަތީޖާއިން އެނގިގެން ގޮސްފި އިތުރު ހިތްވަރެއް ލައިފިނަމަ ކާމިޔާބު ލިބިގެންދާނެކަން،" ޝުޖާއު ވިދާޅުވިއެވެ.

ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމާ މެދު ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓުގެ ނަތީޖާއިން ދައްކައިދެނީ ރައީސް މުޢިއްޒަށް ރައްޔިތުން ކުރާ އިތުބާރު ކަމަށް ޝުޖާއު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ކުރީގެ ރައީސުންނަށް ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ވަޑައިގަންނަވަން ކެރިވަޑައިނުގެންނެވި ކަމަށާއި، މީގެ ކުރިން މުހިންމު ނިންމުންތައް ނިންމާފައިވަނީ ރައްޔިތުންގެ މަޝްވަރާއެއް ނެތި ކަމަށެވެ.

ޝުޖާއު އިތުރަށް ވިދާޅުވީ، އިދިކޮޅު ފަރާތްތަކުން އިންތިޚާބުގެ ނަތީޖާ ބޭނުންކޮށްގެން ރައްޔިތުންނަށް އޮޅުވާލަން މަސައްކަތް ކުރަމުންދާ ކަމަށެވެ. ނަމަވެސް، ރައީސް މުޢިއްޒު ރައްޔިތުންގެ އަޑު އައްސަވާނެ ކަމުގެ އިތުބާރު ރައްޔިތުންނަށް އެބައޮތް ކަމަށާއި، މި ނަތީޖާއަކީ ރައީސަށް އޮތް ތާއީދު ހާމަވެގެންދިޔަ ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.