މެދުއިރުމަތީގެ ހަމަނުޖެހުންތަކާއި ގުޅިގެން ދައުލަތުގެ ކުންފުނިތަކުގެ ޚަރަދުތައް ކުޑަކުރަން އަންގައިފި
މެދުއިރުމަތީގައި ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން ރާއްޖޭގެ އިޤްތިސާދަށް ކުރާނެ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި، ސަރުކާރު ހިއްސާވާ ކުންފުނިތަކުން ޚަރަދު ކުޑަކުރުމުގެ ވަރުގަދަ ފިޔަވަޅުތަކެއް އެޅުމަށް ޕްރައިވެޓައިޒޭޝަން އެންޑް ކޯޕްރޮޓައިޒޭޝަން ބޯޑު (ޕީސީބީ) އިން އަންގައިފިއެވެ.
ޕީސީބީން ނެރުނު ސާކިއުލާއެއްގައި ބުނެފައިވަނީ، މެދުއިރުމަތީގެ ހަމަނުޖެހުންތަކާ ގުޅިގެން ކުރިމަތިވާނެ އިޤްތިސާދީ ހިރާސްތައް ކުޑަކުރުމަށްޓަކައި ދުރު ރާސްތާއަށް ވިސްނައި، ސަރުކާރުގެ ވިޔަފާރި ތަންތަނާއި ސަބްސިޑިއަރީ ކުންފުނިތަކުން ޚަރަދުތައް ކުޑަކުރަން ޖެހޭ ކަމަށެވެ. މިގޮތުން އެންމެ ބޮޑު އިސްކަމެއް ދީފައިވަނީ ރާއްޖެއިން ބޭރަށް ކުރާ ދަތުރުތައް ކޮންޓްރޯލް ކުރުމަށެވެ.
ޕީސީބީން އަޅަން އެންގި ފިޔަވަޅުތަކުގެ ތެރޭގައި، ރާއްޖެއިން ބޭރަށް ކޮންމެހެން ކުރަންޖެހޭ ރަސްމީ ދަތުރުތައް ފިޔަވައި އެހެން ހުރިހާ ދަތުރުތަކެއް މިވަގުތަށް ހުއްޓާލުމަށް ވަނީ އަންގާފައެވެ. އަދި ކޮންމެހެން ކުރަންޖެހޭ ދަތުރުތަކުގައިވެސް ބިޒްނަސް ކްލާހުން ދަތުރު ނުކުރުމަށާއި، ބައިނަލްއަޤްވާމީ ކަސްޓަމަރުންނާއި ސަޕްލައަރުންނާ ބައްދަލުކުރުމުގައި އޮންލައިން ވަސީލަތްތައް ބޭނުންކުރުމަށް ވަނީ އިރުޝާދު ދީފައެވެ.
Ads by BMLމީގެ އިތުރުން، ރާއްޖެއިން ބޭރަށް ކުރާ ޓްރެއިނިންގ ދަތުރުތައް ހުއްޓާލައި އޮންލައިންކޮށް އެފަދަ ޕްރޮގްރާމްތައް ކުރިއަށް ގެންދިއުމަށާއި، ފެރީގެ ޚިދުމަތް ލިބޭ ސަރަހައްދުތަކުގައި ދަތުރުކުރުމަށް ފެރީ ބޭނުންކުރުމަށް ވަނީ އަންގާފައެވެ. ކުންފުންޏަށް ސީދާގޮތުން ފައިދާވާ ބޭރުގެ މަހާސިންތާތަކާއި ފެއަރތަކުގައި ނޫނީ ބައިވެރިނުވުމަށްވެސް ޕީސީބީގެ އެންގުމުގައިވެއެވެ.
ކުންފުނިތަކުގެ ހިންގުމުގެ ޚަރަދު ކުޑަކުރުމުގެ ގޮތުން، ކަރަންޓުގެ ޚަރަދު ކުޑަކުރުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ވަނީ އަންގާފައެވެ. މިގޮތުން، ކުންފުނި ހިންގުމުގައި އިއާދަކުރަނިވި ހަކަތަ ބޭނުންކުރެވެން ހުރިނަމަ، ވީ އެންމެ ފުޅާ ދާއިރާއެއްގައި އެކަން ކުރުމަށް ޕީސީބީން ވަނީ އިލްތިމާސްކޮށްފައެވެ.
މި ފިޔަވަޅުތަކަކީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް އަންނަ ބަދަލުތަކާއި، މެދުއިރުމަތީގެ ހަނގުރާމައިގެ ސަބަބުން ސަޕްލައި ޗެއިންއަށް އަތުވެދާނެ ބުރޫތަކުން ރާއްޖޭގެ އިޤްތިސާދު ރައްކާތެރިކުރުމަށް އެޅި މުހިންމު ފިޔަވަޅުތަކެއް ކަމަށް ބެލެވެއެވެ.
Ads by MACL
