ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ގެއްލުނު އުމުރުން ދުވަސްވީ މިހާ ސަލާމަތުން ފެނިއްޖެ، އޮތީ ފިލާގަނޑެއްގެ މަތީގައި

ގެއްލުނު އުމުރުން ދުވަސްވީ މިހާ ސަލާމަތުން ފެނިއްޖެ، އޮތީ ފިލާގަނޑެއްގެ މަތީގައި

ލ. އޮޅުވެލި ކައިރީގައި އޮންނަ ފަރަކަށް އަރައި އަޑިއަށްދިޔަ "އުދަރެސް" ބޯޓުން ގެއްލުނު މީހާ, ސަލާމަތުން އޮއްވައި ފެނިފައިވާ ކަމަށް އެމްއެންޑީއެފުން މިއަދު ބުނެފިއެވެ.

ފުލުހުން މިއަދު ބުނީ، މުދާ އުފުލާ ބޯޓެއް ފަރަށް އެރި ކަމުގެ ރިޕޯޓު ރޭ ދަންވަރު 01:25 ހާއިރު ލިބިފައިވާ ކަމަށެވެ. އެ ހާދިސާ ހިނގިއިރު ބޯޓުގައި ޖުމުލަ 13 މީހުން ދަތުރުކުރަމުންދިޔަ ކަމަށާއި އޭގެ ތެރެއިން އެކަކު ގެއްލިފައިވާ ކަމަށް އޭރު ފުލުހުން ބުންޏެވެ.


އެމްއެންޑީއެފުން ވަނީ، ގެއްލިފައިވަނީ އުމުރުން ދުވަސްވީ ދިވެހި ފިރިހެނެއް ކަމަށް ބުނެފައެވެ.


އެ މުއައްސަސާއިން ދެންމެ ވަނީ، އެ މީހާ ފެނިފައިވާ ކަމަށް ބުނެފައެވެ. އެގޮތުން އޭނާ ފެނިފައިވަނީ، ފިލާގަނޑެއްގެ އެހީގައި ފެންމަތީ އޮއްވައި ކަމަށް ސިފައިން ބުންޏެވެ. އޭނާ ފެނުނީ ސަލާމަތުން އޮއްވައި ކަމަށް ބުނި ނަމަވެސް އިތުރު ތަފުސީލެއް ނުދެއެވެ.