ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

މަސްވެރިކަމުގެ ސިނާއަތަށް ކުރިމަތިވާ ދަތިތަކާ ގުޅޭގޮތުން މަޝްވަރާކޮށްފި

މަސްވެރިކަމުގެ ސިނާއަތަށް ކުރިމަތިވާ ދަތިތަކާ ގުޅޭގޮތުން މަޝްވަރާކޮށްފި

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލެމުންދިއުމާ ގުޅިގެން ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތަށް ކުރިމަތިވަމުންދާ ގޮންޖެހުންތަކާއި ދަތިތަކާ ގުޅޭގޮތުން މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން މޯލްޑިވްސް ސީފުޑް ޕްރޮސެސަރސް އެންޑް އެކްސްޕޯޓަރސް އެސޯސިއޭޝަން (އެމްއެސްޕީއީއޭ) އާއެކު މުހިންމު މަޝްވަރާތަކެއް ބާއްވައިފި އެވެ.

މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމް ބައިވެރިވެވަޑައިގެންނެވި މި ބައްދަލުވުމުގައި، ބައިނަލްއަގުވާމީ ބާޒާރުގައި ތެލުގެ އަގަށް އަންނަ ބަދަލުތަކުގެ ސަބަބުން މަސް އެކްސްޕޯޓްކުރާ ކުންފުނިތަކަށާއި، މަސްވެރިކަމުގެ ސިނާއަތުގެ އޮޕަރޭޝަންތަކަށް ކުރިމަތިވާ މާލީ އަދި އިދާރީ ދަތިތަކާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި ވަނީ މަޝްވަރާކޮށްފަ އެވެ.

މަސްވެރިކަމާ ބެހޭ ވުޒާރާއިން ފާހަގަކުރެއްވި ގޮތުގައި، ތެލުގެ އަގު އުފުލުމަކީ ދިވެހި މަސްވެރިކަމުގެ އުފެއްދުންތައް ބޭރުގެ ބާޒާރުތަކަށް ފޮނުވުމުގައި ހަރަދު ބޮޑުވާ ކަމެކެވެ. އެހެންކަމުން، މިކަމަށް ލުޔެއް ހޯދައިދިނުމަށްޓަކައި ކުރެވިދާނެ ކަންކަމާ ބެހޭގޮތުން ދެފަރާތުން ވަނީ ޚިޔާލު ބަދަލުކުރައްވާފައެވެ. ސަރުކާރުގެ އަމާޒަކީ މިފަދަ ބައިނަލްއަގުވާމީ ގޮންޖެހުންތަކުގެ ތެރޭގައިވެސް މަސްވެރިކަމުގެ ސިނާއަތުގެ ކުރިއެރުމަށް ހުރަސްއެޅުނަނުދީ، ސިނާއަތުގެ ބައިވެރިންނާ ގުޅިގެން ދެމެހެއްޓެނިވި ހައްލުތަކެއް ހޯދުން ކަމަށް އެ ވުޒާރާއިން ވިދާޅުވިއެވެ.

މި ބައްދަލުވުމުގައި ވަޒީރު އަޙްމަދު ޝިޔާމް ވަނީ މި ދަތި އުނދަގޫ ދަނޑިވަޅުގައި މަސްވެރި ސިނާއަތުގައި ހަރަކާތްތެރިވާ ފަރާތްތަކުން ސަރުކާރަށް ދެއްވަމުންދާ ފުރިހަމަ އެއްބާރުލެއްވުމަށްޓަކައި ޝުކުރު އަދާކުރައްވާފައެވެ. އަދި މި ހާލަތުގެ ސަބަބުން ސިނާއަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ސަރުކާރުގެ ފަރާތުން ހާއްސަ އިސްކަމެއް ދީގެން ކުރަމުންދާ މަސައްކަތްތަކުގެ ތަފްސީލުތައްވެސް ވަޒީރު ވަނީ އެސޯސިއޭޝަނާ ހިއްސާކުރައްވާފައެވެ.

މީގެ އިތުރުން، 10 މާރިޗު 2026 ގައި އެމްއެސްޕީއީއޭ އާއެކު ބޭއްވި ބައްދަލުވުމުގައި އެ ޖަމިއްޔާއިން ހުށަހަޅާފައިވާ ކަންކަމަށް ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކުގެ އެންމެ ފަހުގެ މަޢުލޫމާތުވެސް މި ބައްދަލުވުމުގައި ވަނީ ހިއްސާކޮށްފައެވެ.