ސްޕެއިންގެ ވަރުގަދަ ރައްދެއް ޓްރަމްޕަށް: ކަލޭމެނަށް ދެން އަހަރެމެން "ގުނބޯ" ނުހެއްދޭނެ
ސްޕެއިންގެ ބޮޑުވަޒީރު ޕެޑްރޯ ސަންޗޭޒް، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް އަމާޒުކުރައްވައި ވަރުގަދަ ބަހުގެ ހަމަލާތަކެއް ދެއްވައިފިއެވެ. ސަންޗޭޒް މި މޭރުމުން ވާހަކަދެއްކެވީ މީގެ 23 އަހަރު ކުރިން އެމެރިކާއިން އިރާގަށް އެރި ހާދިސާއަށް އަލިއަޅުއްވާލައްވަމުންނެވެ.
ސަންޗޭޒް ވިދާޅުވީ، މީގެ 23 އަހަރު ކުރިން، ސައްދާމް ހުސައިންގެ ނިއުކްލިއާ ހަތިޔާރުތައް ނައްތާލައި، އެ ގައުމަށް ޑިމޮކްރަސީ ގެނެސްދޭނެ ކަމަށް ބުނެ އެމެރިކާއިން ސްޕެއިން އިރާގު ހަނގުރާމައިގެ ތެރެއަށް ވައްދާފައިވާ ކަމަށެވެ. ނަމަވެސް އެ ހަނގުރާމައިގެ ނަތީޖާއަކަށްވީ އެއްވެސް ނިއުކްލިއާ ހަތިޔާރެއް ފެނިފައި ނުވުންކަން އޭނާ ފާހަގަކުރެއްވި އެވެ.
މި މޭރުމުން ވާހަކަ ކުރިއަށް ގެންދަވަމުން ސަންޗޭޒް ވަނީ ޓްރަމްޕަށް ވަރުގަދަ އިންޒާރެއް ދެއްވާފަ އެވެ. އޭނާ ވިދާޅުވީ އެމެރިކާއަށް ދެވަނަ ފަހަރަކަށް ސްޕެއިން އެގޮތަށް ގުނބޯ ނުހެއްދޭނެ ކަމަށެވެ.
"މީގެ ކުރިން، ސައްދާމް ހުސައިންގެ ނިއުކްލިއާ ހަތިޔާރުތައް ހުރިކަމަށް ބުނެ، އެ ހަތިޔާރުތައް ނައްތާލައި އެ ގައުމަށް ޑިމޮކްރަސީ ގެނެސްދޭނެ ކަމަށް ބުނެ އެމެރިކާއިން ސްޕެއިން އިރާގު ހަނގުރާމައިގެ ތެރެއަށް އޮޅުވާލައިގެން ވަނީ ވައްދާފަ. ނަމަވެސް އެ ހަނގުރާމައިގެ ނަތީޖާއަކަށްވީ އެއްވެސް ނިއުކްލިއާ ހަތިޔާރެއް އަދިއަދަށް ވެސް ފެނިފައި ނުވުން. އެހެންވީ ދެން އަހަރެމެން ގުނބޯ ހައްދަން ނޫޅެ." ޓްރަމްޕަށް ރައްދުދެއްވައި ސަންޖޭސް ވިދާޅުވި އެވެ.
މިއީ ބައިނަލްއަގުވާމީ ސިޔާސީ މަސްރަހުގައި ހިނގަމުންދާ ކަންކަމާ ގުޅިގެން، ކުރީގެ ތަޖުރިބާތަކުގެ އަލީގައި ސްޕެއިންގެ ދިފާއީ ސިޔާސަތު ހުރި ގޮތް ހާމަކޮށްދެއްވުމަށް ދެއްވި ރައްދެއް ކަމަށް ބެލެވެ އެވެ.
Ads by BMLމި ބަޔާނަކީ އެމެރިކާގެ ހާރިޖީ ސިޔާސަތުތަކާއި، ހާއްސަކޮށް މެދުއިރުމަތީގެ މައްސަލަތަކުގައި ޔޫރަޕްގެ ގައުމުތަކުން ގެންގުޅޭ ވިސްނުން ބަދަލުވަމުންދާކަން ހާމަކޮށްދޭ ކަމެއްގެ ގޮތުގައި މަސްރަހު ދިރާސާކުރާ ފަރާތްތަކުން ސިފަކުރެއެވެ.
Ads by MACL
