ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ސީލައިފްގެ ޚިޔާނާތުގެ މައްސަލައިގައި އަންމަޓީ މިނިވަންކުރި ޙުކުމް ޕީޖީން ހައިކޯޓަށް

ސީލައިފް ގްލޯބަލް އިންކް ޕްރައިވެޓް ލިމިޓެޑުގެ ވެރިޔާ އަހުމަދު މޫސާ (އަންމަޓީ) ---
ސީލައިފް ގްލޯބަލް އިންކް ޕްރައިވެޓް ލިމިޓެޑުގެ ވެރިޔާ އަހުމަދު މޫސާ (އަންމަޓީ) ---

ސީލައިފް ގްލޯބަލް އިންކް ޕްރައިވެޓް ލިމިޓެޑްގެ ވެރިޔާ އަޙުމަދު މޫސާ (އަންމަޓީ) ގެ މައްޗަށް ދައުލަތުން އުފުލި ޚިޔާނާތުގެ ދަޢުވާތައް ސާބިތުނުވާކަމަށް ކްރިމިނަލް ކޯޓުން ކުރި ޙުކުމް ހައިކޯޓުގައި އިސްތިއުނާފުކުރަން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ނިންމައިފިއެވެ.

އަންމަޓީގެ މައްޗަށް ދައުލަތުން 42 ދަޢުވާއެއް އުފުލީ، ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާއެކު ހެދި އެއްބަސްވުމެއްގެ ދަށުން 3000 ހައުސިންގ ޔުނިޓް އެޅުމުގެ ނަމުގައި ގިނަ ބައެއްގެ އަތުން މަކަރާއި ހީލަތުން ފައިސާ ނެގުމަށްފަހު، އެ މަސައްކަތް ނުކޮށް ފައިސާއަށް ޚިޔާނާތްތެރިވެފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލައިގައެވެ. މި މައްސަލައިގައި ދައުލަތުން އޭނާގެ މައްޗަށް އުފުލާފައިވަނީ ޤާނޫނުލްޢުޤޫބާތުގެ ދަށުން ޚިޔާނާތްތެރިވުމުގެ ކުށުގެ ދަޢުވާތަކެކެވެ.

މި މައްސަލަ 30 މޭއި 2021 ގައި ކްރިމިނަލް ކޯޓަށް ހުށަހެޅުމުން، މައްސަލަ ބެއްލެވި ފަނޑިޔާރު ކަނޑައެޅުއްވީ އަންމަޓީގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށެވެ. ކޯޓުގެ ޙުކުމުގައި ބަޔާންކޮށްފައިވަނީ، އެއީ ޖިނާއީ ކުށެއްގެ ގޮތުގައި ބެލުމުގެ ބަދަލުގައި މަދަނީ ޠަބީޢަތުގެ ދަޢުވާތަކެއް ކަމަށާއި، އެކަމާ ގުޅިގެން ޙައްލު ހޯދަންޖެހޭނީ މަދަނީ ޢަދުލުގެ ނިޒާމުގެ ތެރެއިން ކަމަށެވެ.

ނަމަވެސް ކްރިމިނަލް ކޯޓުގެ ނިންމުމާ މެދު ހިތްހަމަނުޖެހުން ފާޅުކޮށް ޕީޖީ އޮފީހުން ބުނެފައިވަނީ، އަންމަޓީގެ މައްޗަށް އުފުލި ދަޢުވާތަކަކީ ޤާނޫނުލްޢުޤޫބާތުގެ 215 ވަނަ މާއްދާގެ ދަށުން ޚިޔާނާތުގެ ކުށުގެ ހުރިހާ ޢުންޞުރުތަކެއް ފުރިހަމަވާ ދަޢުވާތަކެއް ކަމަށެވެ. އަދި ދަޢުވާ ސާބިތުކުރުމަށް ހުށަހެޅި ހެކިތަކަށް ދަށު ކޯޓުން އެކަށީގެންވާ ގޮތެއްގައި ރިޢާޔަތްކޮށްފައި ނުވާކަމަށްވެސް ދައުލަތުން ފާހަގަކުރެއެވެ.

މީގެ އިތުރުން، ކްރިމިނަލް ކޯޓުގެ ޙުކުމް ބިނާކޮށްފައިވަނީ ޤާނޫނުގައި ޚިޔާނާތްތެރިވުމުގެ ކުށް ބަޔާންކޮށްފައިވާ ގޮތް ނުރަނގަޅުކޮށް މާނަކޮށްގެން ކަމަށް ދެކޭތީ، މި މައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށް ޕީޖީ އޮފީހުން ވަނީ ހާމަކޮށްފައެވެ.