ކުންފުނިތަކުން އިތުރަށް މީހުން ނެގުން މަނާ، ރާއްޖެއިން ބޭރަށް ދަތުރު ނުކުރެވޭނެ!
ދައުލަތް ހިއްސާވާ ކުންފުނިތަކަށް އައު މުވައްޒަފުން ނެގުން މަނާކޮށް، ކޮންމެހެން ކުރަންޖެހޭ ރަސްމީ ދަތުރެއް ފިޔަވައި ރާއްޖެއިން ބޭރަށްކުރާ ދަތުރުތައް ހުއްޓާލުމަށް ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑް (ޕީސީބީ) އިން އަންގައިފިއެވެ. މިއީ މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ރާއްޖޭގެ އިގްތިސާދަށް ކޮށްފާނެ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި، ކުންފުނިތަކުގެ ހަރަދުތައް ކުޑަކުރުމުގެ ގޮތުން ވަގުތުން އަމަލުކުރަން ފެށުމަށް އެ ބޯޑުން އެންގި ފިޔަވަޅުތަކެކެވެ.
ޕީސީބީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ، ސަރުކާރު ހިއްސާވާ ކުންފުނިތަކާއި އެ ކުންފުނިތަކުގެ ސަބްސިޑިއަރީތަކުގެ ހަރަދުތައް ކުޑަކުރުމަށް ޖުމްލަ 16 ފިޔަވަޅެއް އެޅުމަށް އަންގާފައިވާ ކަމަށެވެ. މީގެ ތެރޭގައި ހިމެނެނީ މިއަދު އެންގި އައު ކަންތައްތަކާއި، މިދިޔަ އޮކްޓޯބަރު މަހުގެ 30 ވަނަ ދުވަހު އެ ބޯޑުގެ ރައީސް މުހައްމަދު އަނަސް ސޮއިކުރައްވައި ނެރުއްވި ސަރކިއުލާގައި ހިމެނޭ 8 ފިޔަވަޅެވެ.
ވަޒީފާއާ ގުޅޭގޮތުން އެޅުމަށް އަންގާފައިވާ މުހިންމު ފިޔަވަޅުތަކަށް ބަލާއިރު، ކުންފުނީގެ އޮޕަރޭޝަންތައް ހުއްޓުމަކަށް ނައިސް ކުރިއަށް ގެންދިއުމަށް ކޮންމެހެން ނަގަންޖެހޭ މީހުން ފިޔަވައި އިތުރަށް މީހުން ވަޒީފާއަށް ނެގުމާއި، މުވައްޒަފުންނަށް މަގާމުގެ ކުރިއެރުން ދިނުން ވަނީ މިވަގުތަށް މަޑުޖައްސާލަން އަންގާފައެވެ. އަދި މުސާރައާއި އިނާޔަތްތަކަށް ކުރާ ހަރަދުތައް ބޮޑުތަނުން ކުޑަކުރުމަށާއި، ރަސްމީ ގަޑީގައި މަސައްކަތްތައް ނިންމުމަށް ބާރުއަޅައި، ކޮންމެހެން ކުރަންޖެހޭ ހާލަތެއްގައި މެނުވީ އިތުރުގަޑީގައި (އޯޓީ) މަސައްކަތް ނުކުރުވުމަށް ވަނީ އަންގާފައެވެ.
Ads by BMLދަތުރުފަތުރާ ގުޅޭގޮތުން ޕީސީބީން އެންގީ، ކޮންމެހެން ކުރަންޖެހޭ ރަސްމީ ދަތުރެއް ފިޔަވައި ރާއްޖެއިން ބޭރަށް އެއްވެސް ދަތުރެއް ނުކުރުމަށެވެ. އަދި ބޭރުގެ ކަސްޓަމަރުންނާއި ސަޕްލަޔަރުންނާއެކު އޮންލައިންކޮށް ބައްދަލުވުންތައް ކުރިއަށް ގެންދިއުމަށާއި، ރާއްޖެއިން ބޭރުން ހަދާ ޓްރެއިނިންގތައް ހުއްޓާލައި އޮންލައިންކޮށް އެފަދަ ޕްރޮގްރާމްތަކުގައި ބައިވެރިވުމަށް ވަނީ އަންގާފައެވެ. މީގެ އިތުރުން، ރަސްމީ ދަތުރުތަކުގައި ބިޒްނަސް ކްލާސް ބޭނުން ނުކުރުމަށާއި، އެހެން ފަރާތްތަކުން ޚަރަދުދޭ ދަތުރުތަކުގައިވެސް ކުންފުނިން ކުރާ ހަރަދު ވީހާވެސް ކުޑަކުރުމަށް ވަނީ އަންގާފައެވެ. ރާއްޖޭގެ އެތެރޭގެ ދަތުރުތަކުގައިވެސް، ފެރީގެ ޚިދުމަތް ލިބެން ހުންނަ ސަރަހައްދުތަކުގައި ފެރީ ބޭނުންކުރުމަށް ވަނީ އިރުޝާދުދީފައެވެ.
ކުންފުނިތަކުގެ އެހެނިހެން ހަރަދުތައް ކުޑަކުރުމަށްޓަކައި، ކޮންމެހެން ބާއްވަންޖެހޭ ހަފްލާއެއް ފިޔަވައި އިތުރު ހަފްލާތައް ނުބޭއްވުމަށާއި، ކުންފުނިތަކުގެ މެދުގައި ވަސީލަތްތައް ހިއްސާކޮށްގެން ހަރަދު ކުޑަކުރުމަށް ވަނީ އަންގާފައެވެ. ހަމައެހެންމެ، ކުންފުންޏަށް ސީދާ ފައިދާވާ ފެއާތަކުގައި ނޫނީ ބައިވެރިނުވުމަށާއި، އިޔާދަކުރަނިވި ހަކަތަ ބޭނުންކުރެވޭނެ ގޮތްތައް ހޯދައި ކަރަންޓަށް ކުރާ ހަރަދު ކުޑަކުރުމަށްވެސް ވަނީ އަންގާފައެވެ. މީގެ އިތުރުން ކުންފުނީގެ ކޭޝްފްލޯއަށް ދަތިނުވާނެހެން މާލީ ކަންކަން މެނޭޖުކުރުމާއި، ކޮންމެހެން ކުރަންޖެހޭ ހަރަދެއް ފިޔަވައި އެހެން ހަރަދުތައް ހުއްޓާލުމަށްވެސް އަންގާފައިވެއެވެ.
މެދުއިރުމަތީގެ ހަމަނުޖެހުންތަކުގެ ސަބަބުން އިގްތިސާދަށް ކުރާނެ އަސަރުތައް ދިރާސާކޮށް، އާންމު ރައްޔިތުންނަށް ކުރިމަތިވެދާނެ މާލީ ބުރަތަކަށް ވިސްނައިގެން ފިޔަވަޅުތައް އެޅުމަށް ޕީސީބީން ވަނީ ކުންފުނިތަކުގެ ބޯޑުތަކަށް އިލްތިމާސްކޮށްފައެވެ.
Ads by MACL
