ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ފްލެޓަށް އެދޭއިރު ނުކުޅެދުންތެރިކަން ސާބިތުކޮށްދޭން އެންސްޕާ ކާޑު ފުދޭނެ: ހައުސިން މިނިސްޓްރީ

ހައުސިން މިނިސްޓަރ ޑރ. ޢަބަދުالله މުއްޠަލިބު ---
ހައުސިން މިނިސްޓަރ ޑރ. ޢަބަދުالله މުއްޠަލިބު ---

ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫއުގެ ދަށުން ފްލެޓަށް އެދި ހުށަހަޅާއިރު، ނުކުޅެދުންތެރިކަން ހުންނަ މީހެއްކަން ސާބިތުކޮށްދިނުމަށް އެންސްޕާއިން ދޫކުރާ ކާޑު ބޭނުންކުރެވޭނެކަމަށް ހައުސިން މިނިސްޓްރީން ހާމަކޮށްފިއެވެ.

މިނިސްޓްރީން މިކަން ސާފުކޮށްދީފައިވަނީ، މި ކެޓަގަރީއަށް ކުރިމަތިލާއިރު ނުކުޅެދުންތެރިކަން ކަށަވަރުކުރުމަށް ހުށަހަޅަންޖެހޭ ލިޔެކިޔުންތަކާ ގުޅޭގޮތުން އާންމުންގެ މެދުގައި އޮޅުންތަކެއް އުފެދިފައިވާތީއެވެ. އެގޮތުން، މިނިސްޓްރީގެ ރަސްމީ ސޯޝަލް މީޑިއާ އެކައުންޓްތައް މެދުވެރިކޮށް އާންމުކުރި މައުލޫމާތުގައި ބުނެފައިވަނީ، އެންސްޕާ ކާޑު ހުށަހެޅުމުން ފުދޭނެ ކަމަށާއި، އެކަމަށްޓަކައި އެންސްޕާގެ އިތުރު ލިޔުމެއް ހޯދަން ނުޖެހޭނެ ކަމަށެވެ.

އާއިލީ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ތެރެއިން ޚާއްސަ އިސްކަމެއް ދީގެން ހުޅުވާލާފައިވާ "ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ކެޓަގަރީ" އަށް ފޯމު ހުށަހެޅުމުގެ ފުރުސަތު މި މަހުގެ 30 ވަނަ ދުވަހުގެ ރޭގަނޑު 11:59 އާ ހަމައަށް ވަނީ ހުޅުވާލާފައެވެ.

މާލޭ ރައްޔިތުންނަށް ފްލެޓް ދޫކުރުމަށް އެންމެ ފުރަތަމަ އެކުލަވާލި އުސޫލުގައި އޮތްގޮތުން ނަމަ، މި ކެޓަގަރީން ކުރިމަތިލާއިރު ހަމައެކަނި ފޯމުގައި ފާހަގައެއް ޖަހާލުމުން ފުދެއެވެ. ނަމަވެސް، ފާއިތުވި ފެބްރުއަރީ މަހުގެ ތެރޭގައި އުސޫލަށް ގެނައި އިސްލާހާއެކު، މި ކެޓަގަރީއަށް ވަނީ ބޮޑެތި ލުއިތަކެއް ދީފައެވެ.

މިފަހަރުގެ ބޯހިޔާވަހިކަމުގެ މަޝްރޫއުގެ އާންމު ޝަރުތެއްގެ ގޮތުގައި މާލެ ސަރަހައްދުގައި މެދުނުކެނޑި 15 އަހަރު ދިރިއުޅެފައިވުން ކަނޑައަޅާފައިވީ ނަމަވެސް، އުސޫލަށް ގެނައި ބަދަލާއެކު ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް މާލޭގައި މެދުނުކެނޑި 5 އަހަރު ދިރިއުޅުމުން ފޯމު ހުށަހެޅޭނެއެވެ.

މީގެ އިތުރުން، ނުކުޅެދުންތެރިކަމަށް ފަރުވާ ހޯދުމަށާއި އެކަމާ ގުޅޭ ޚިދުމަތްތައް ހޯދުމަށް މާލެއަށް ދަތުރުކުރަންޖެހޭ މީހުންނާއި، އެ ބޭނުމަށް މާލެއަށް ދިރިއުޅުން ބަދަލުކޮށްފައިވާ ފަރާތްތަކަށްވެސް މި ކެޓަގަރީގެ ދަށުން ފްލެޓަށް އެދުމުގެ ފުރުސަތު ވަނީ ފަހިކޮށްދީފައެވެ.