ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ވޯލްޑް ކަޕް 2026: މުބާރާތައް ސައުދީ އަރަބިއާ ރެފްރީންގެ ޓީމެއް

ވޯލްޑް ކަޕް 2026: މުބާރާތައް ސައުދީ އަރަބިއާ ރެފްރީންގެ ޓީމެއް

އެމެރިކާ، ކެނެޑާ އަދި މެކްސިކޯގައި ބޭއްވުމަށް ހަމަޖެހިފައިވާ މި އަހަރުގެ ފީފާ ވޯލްޑް ކަޕްގައި އިންސާފު ކުރުމަށް ސައުދީ އަރަބިއްޔާގެ ރެފްރީންގެ ޓީމެއް ފީފާއިން ހޮވައިފިއެވެ.

ސައުދީ ޕްރެސް އެޖެންސީން ރިޕޯޓްކޮށްފައިވާ ގޮތުގައި މި ޓީމުގައި ހިމެނެނީ ރެފްރީ ޚާލިދު އަލް ތުރައިސް އާއި، އެސިސްޓަންޓް ރެފްރީ މުޙައްމަދު އަލް އަބަކްރީގެ އިތުރުން ވީޑިއޯ އެސިސްޓަންޓް ރެފްރީ ޢަބްދުﷲ އަލް ޝެހްރީ އެވެ.

މި ރެފްރީން ހޮވާފައިވަނީ ސަރަޙައްދީ، ބައްރުގެ އަދި ބައިނަލްއަޤްވާމީ މުބާރާތްތަކުގައި އެ ބޭފުޅުން ދައްކަވަމުންދާ މޮޅުކަމަށް ބެލުމަށްފަހުގަ އެވެ. މީގެ ތެރޭގައި މިދިޔަ އަހަރު ޗިލީގައި ބޭއްވުނު 20 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި މި ޓީމުން ދެއްކި ފާހަގަކޮށްލެވޭ މަސައްކަތްތައް ހިމެނެއެވެ.

ސައުދީ އެރޭބިއަން ފުޓްބޯލް ފެޑެރޭޝަންގެ ރައީސް ޔާސިރު އަލްމިސެހަލް ވަނީ މި ޓީމަށް މަރުޙަބާ ވިދާޅުވެ، މުބާރާތުގައި ކާމިޔާބީއަށް އެދިވަޑައިގެންފައެވެ. އަދި ދުނިޔޭގެ ފެންވަރުގައި ސައުދީގެ ރެފްރީންގެ ފެންވަރު މި ޓީމުން ވަރަށް ފުރިހަމައަށް ތަމްސީލުކޮށްދޭނެ ކަމުގެ ފުރިހަމަ އިތުބާރު އެބައޮތް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އަލްމިސެހަލް އިތުރަށް ވިދާޅުވި ގޮތުގައި، ފީފާގެ މި ނިންމުމަކީ ފަހަކަށް އައިސް ސައުދީ ރެފްރީން ދައްކަމުންދާ ރަނގަޅު ނަތީޖާތަކުގެ ސަބަބުން، އެ ޤައުމުގެ ރެފްރީންގެ ފެންވަރަށް ފީފާއިން ކުރާ އިތުބާރު ހާމަވާ ކަމެކެވެ.

މި އަހަރުގެ ވޯލްޑް ކަޕް ކުރިއަށް ދާނީ ޖޫން 11 އިން ޖުލައި 18 އަށެވެ.