ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

"ހުރުމަތްތެރިވެގެންވާ މައްސަރުތަކުގައި ކުރެވޭ ފާފަތަކުގެ ނުބައިކަން ބޮޑު; ފާފަކޮށް އަމިއްލަ ނަފްސަށް އަނިޔާވެރިނުވޭ"

"ހުރުމަތްތެރިވެގެންވާ މައްސަރުތަކުގައި ކުރެވޭ ފާފަތަކުގެ ނުބައިކަން ބޮޑު; ފާފަކޮށް އަމިއްލަ ނަފްސަށް އަނިޔާވެރިނުވޭ"

ފާފަވެރި އަމަލުތައް ކުރުމަކީ އަމިއްލަ ނަފްސަށް އަނިޔާވެރިވުން ކަމަށާއި، ހުރުމަތްތެރިވެގެންވާ މައްސަރުތަކުގައި ކުރެވޭ ފާފަތަކުގެ ނުބައިކަން ވަރަށްވެސް ބޮޑު ކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ބުނެފިއެވެ.

"ހުރުމަތްތެރިވެގެންވާ މައްސަރުތައް" މި މައުޟޫއަށް ރާއްޖޭގެ އެކިކަންކޮޅުތަކަށް އިއްވި ޚުތުބާގައި ވަނީ މާތްﷲ ގެ ހިކުމަތްވަންތަކަމާއި ރަހުމަތްވަންތަކަމުން، ބައެއް ވަގުތަތުތަކާއި މައްސަރުތައް ޚާއްސަކުރައްވައި މާތް ކުރައްވައިފައިވާކަން ފާހަގަކޮށްފަ އެވެ.

ޚުތުބާގައި ބުނީ އަމިއްލަ ނަފުސަށް އަނިޔާވެރިވުމަކީ، މާތް ﷲ ހަރާމް ކުރައްވައިފައިވާ ކަންކަމަށް އަރައިގަނެ ފާފަވެރި އަމަލުތައް ކުރުން ކަމަށެވެ.

ކޮންމެ ޒަމާނެއްގައި ވެސް އަދި ކޮންމެ ވަގުތެއްގައި ވެސް މި ފަދަ ކަމަކަށް އަރައިގަތުމަކީ މާތް ﷲގެ ކޯފާ ހައްގުވާނެ ކަމެއް ކަމަށް ބަޔާން ކުރަމުން، ވަކީން ޚާއްސަކޮށް ހުރުމަތްތެރި ވެގެންވާ މައްސަރެއްގައި މި ފަދަ ކަމަކަށް އަރައިގަތުމުގެ ނުބައިކަން ބޮޑުވެގެންވާ ކަމަށް ޚުތުބާގައި ބުންޏެވެ. އެއީ އެ ފަދަ އަމަލަކީ މާތް ﷲއަށް އުރެދުމާ އެކު، އެކަލާނގެ ޚާއްސަ ކުރައްވައި މަތިވެރިކުރައްވައިފައިވާ ކަންކަމުގެ ހުރުމަތްކަނޑައި، އެ ކަންކަމަށް އިހާނަތްތެރިކޮށްހިތުން ކަމުގައި ވާތީ ކަމަށްވެސް ބުނެފައިވެއެވެ.

ހުރުމަތްތެރި މައްސަރުތަކުގެ މަތިވެރިކަން


ހުރުމަތްތެރިކުރެވިގެންވާ މައްކާގެ ހަރަމުގައި ފާފައަކަށް އަރައިގަތުމުގެ ނުބައިކަމުގެ ބޮޑުކަން ބަޔާންކުރައްވައި، މާތް ﷲ ވަހީ ކުރައްވައިފައިވާ ބަސްފުޅެއްގެ މާނައިގައި ވެއެވެ.
 "އަދި އެ ތާނގައި އަނިޔާވެރިކަމާއެކު، ދީނާ ޚިލާފު ގޮތްތައް އުފައްދަންއުޅޭ މީހާއަށް، ތިމަންރަސްކަލާނގެ ވޭންދެނިވި ޢަޛާބުން ރަހަދައްކަވާހުށީމެވެ."

ހަމައެފަދައިން، ޙުރުމަތްތެރި މައްސަރުތަކުގައި ކުރެވޭ ފާފަތަކުގެ ނުބައިކަން ވެސް ބޮޑުވެގެންވެއެވެ. މި ސަބަބަށް ޓަކައި، އަލް އިމާމު ޝާފިއީ ފަދަ ގިނަ ޢިލްމުވެރީންގެ އަރިހުގައި، މި މައްސަރުތަކުގައި މީހަކު މެރުމުން ދޭން ޖެހޭ މަރުގެ ދިޔަ ބޮޑުކަން ޚުތުބާގައި ފާހަގަކުރިއެވެ.

މި ފަދަ މަތިވެރި މައްސަރަކާ ބައްދަލުވުމުން މުއުމިނު އަޅާގެ މައްޗަށް ވަނީ އަޅުކަމުގައި ހީވާގިވުންކަން ފާހަގަކޮށް ޚުތުބާގައި ބުނީ، މާތް ﷲ ހަނދުމަކޮށް، ގިނަގިނައިން ޒިކުރު ކުރުމާއި، ދުއާ ކުރުމާއި، ކީރިތި ގުރުއާން ކިޔެވުމާއި، ތަސްބީހަ އާއި ތަހުމީދާއި ތަކުބީރުކިޔުން ފަދަ ދުލުން ކުރެވޭ އަޅުކަންތައް ގިނަކުރަން ޖެހޭ ކަމަށެވެ.

އަދި ކޮންމެ މުސްލިމަކަށް ވެސް ހެޔޮ ނަސޭހަތްދިނުމާއި، ރޯދަހިފުމާއި، ޞަދަގާތް ކުރުމާއި، އަނިޔާ ލިބިފައިވާ މީހާއަށް ނަސްރުދިނުމާއި، ނިކަމެތީންނަށް އެހީތެރިވުމާއި، މުސީބާތެއް ޖެހިފައިވާ މީހާއަށް އެހީތެރިކަން ފޯރުކޮށްދިނުން ފަދަ އަމަލީ ގޮތުން ކުރެވޭ ހެޔޮކަންތައް ވެސް ގިނަކުރަން ޖެހޭ ކަމަށް ޚުތުބާގައި ބުނެފައިވެއެވެ.

ނުބައި އަމަލުތަކުން ދުރުހެލިވުމަށް އިލްތިމާސްކުރުން


މީގެ އިތުރުން މާތް ﷲއަށް އިޚުލާސްތެރިވުމާއި، އެކަލާނގެ އެއްކައުވަންތަކުރުމާއި، އެކަލާނގެއަށް ފުރިހަމައަށް އީމާންވުމާއި، އެކަލާނގެ މަތިވެރިކުރުމާއި، އެކަލާނގެ ދެކެ ލޯބިވުމާއި، އެކަލާނގެ މަތިވެރިކޮށް ގަދަރުކުރުމާއި، މާތް ﷲ ލޯބިވެވޮޑިގެންވާ އަމަލުތައް ކުރުމަށާއި، މާތްﷲ ރުހިވޮޑިނުގަންނަވާ އެންމެހައި ކަންކަމުން ހިތް ޠާހިރުކުރުމަށް ޚުތުބާގައި ވަނީ ނަސޭހަތްތެރިވެފައެވެ.

ޚުތުބާ ނިންމާލަމުން ވަނީ ޣީބަބުނުމާއި، ދޭތެރެޖެއްސުމާއި، ދޮގުހެދުމާއި، މީހުންނަށް އެއްޗެހި ގޮވުމާއި، ލައުނަތްދިނުން ފަދަ ނުބައި ފާފަތަކުން ރައްކާތެރިވެ ދުރުހެލިވުމަށް ހުރިހާ މުސްލިމުންނަށް ގޮވާލާފައެވެ. އަދި ފާއިތުވެދިޔަ ތަނުގައި އުނިވެފައިވާ ކަންކަން ރަނގަޅުކޮށް، ކުރިއަށް އޮތް ބަރަކާތްތެރި ވަގުތުތަކުގެ ބޭނުން ހެޔޮގޮތުގައި ހިފައި، މާތް الله އަށް ތަޤުވާވެރިވުމަށް އެންމެހައި މުސްލިމުންނަށް އިލްތިމާސްކޮށްފައިވެ އެވެ.