ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ސީފުޑް ވޮޗުން ރާއްޖެއަށް "ބެސްޓް ޗޮއިސް" ރޭޓިންގް ދީފި، މިއީ ވަކި ޤައުމަކަށް މިފަދަ ޝަރަފެއް ލިބުނު ފުރަތަމަ ފަހަރު

މަސްވެރިކަމުގެ ސިނާޢަތަކީ ރާއްޖެއަށް ބޭރުފައިސާ އެންމެ ގިނައިން ލިބޭ ދެވަނަ ސިނާޢާތް ---
މަސްވެރިކަމުގެ ސިނާޢަތަކީ ރާއްޖެއަށް ބޭރުފައިސާ އެންމެ ގިނައިން ލިބޭ ދެވަނަ ސިނާޢާތް ---

އެމެރިކާގެ މަޝްހޫރު މޮންޓަރޭ ބޭ އެކުއޭރިއަމްގެ "ސީފުޑް ވޮޗް" ޕްރޮގްރާމުން ރާއްޖޭގެ ކަނޑުމަހުގެ މަސްވެރިކަމަށް "ބެސްޓް ޗޮއިސް" ނުވަތަ އެންމެ އިތުބާރުހުރި ރޭޓިންގް ދީފިއެވެ.

މިއީ އެ ޕްރޮގްރާމުގެ ދިގު ތާރީޚުގައި ވެސް، ވަކި ޤައުމެއްގެ ކަނޑުމަހުގެ މަސްވެރިކަމަށް ޚާއްޞަކޮށްގެން މިފަދަ ރޭޓިންގްއެއް ކަނޑައެޅި ފުރަތަމަ ފަހަރަށް ވާއިރު، މިއީ ދިވެހި މަސްވެރިކަން ދުނިޔޭގެ ފެންވަރުގައި ބަލައިގަތްކަމުގެ ތާރީޚީ ހެއްކެކެވެ.

އިންޑިއާ ކަނޑުގެ ބައެއް ސަރަޙައްދުތަކުގައި ކުރާ މަސްވެރިކަމުގެ ދެމެހެއްޓެނިވިކަމާމެދު ބައިނަލްއަޤުވާމީ މައިދާނުގައި ކަންބޮޑުވުންތަކެއް ހުރި ނަމަވެސް، ރާއްޖޭގެ މަސްވެރިކަމަކީ ތިމާވެއްޓާ ރައްޓެހި، ދެމެހެއްޓެނިވި މަސައްކަތެއްގެ ގޮތުގައި މި ވަނީ ކަނޑައަޅާފައެވެ. މިއީ ރާއްޖޭގެ މަސްވެރިންނާއި، މަސް ޕްރޮސެސްކުރާ ފަރާތްތަކުގެ އިތުރުން ސަރުކާރުން ގިނަ އަހަރުތަކެއް ވަންދެން ކުރި ބުރަ މަސައްކަތުގެ ފޮނި ނަތީޖާއެވެ.

މި ކާމިޔާބީއާ ގުޅޭގޮތުން މަސްވެރިކަމާ ބެހޭ ވުޒާރާގެ ޑިރެކްޓަރ ޖެނެރަލް ޑރ. ޙުސައިން ސިނާން ވިދާޅުވީ، މިއީ 2016 ވަނަ އަހަރުން ފެށިގެން ކުރަމުން އައި ނުވަ އަހަރުގެ ދިގު އިންތިޒާރެއްގެ ނިމުން ކަމަށެވެ. "އަޅުގަނޑުމެންގެ ބޭނުމަކީ އިންޑިއާ ކަނޑުގެ އެހެން ޤައުމުތަކާ ރާއްޖޭގެ މަސްވެރިކަން ތަފާތުކަން ސާބިތުކޮށްދިނުން. ސީފުޑް ވޮޗްގެ ޓީމާއެކު ކުރެވުނު ގިނަ މަޝްވަރާތަކުން މިއަދު މިވަނީ އެކަން ކާމިޔާބުވެފައި،" ޑރ. ސިނާން ފާހަގަކުރެއްވިއެވެ.

މި ރޭޓިންގްގެ ސަބަބުން އެމެރިކާ ފަދަ ބޮޑެތި މާކެޓުތަކުގައި ރާއްޖޭގެ މަހަށް އޮތް ޑިމާންޑް އިތުރުވެ، "ހައި-އެންޑް" ބާޒާރުތަކުން ރަނގަޅު އަގު ލިބުމަށް މަގުފަހިވާނެއެވެ. ކުރިއަށް އޮތް ބާސެލޯނާ ސީފުޑް ފެއަރގައި ވެސް ރާއްޖެ އިޝްތިހާރު ކުރާނީ މި ރޭޓިންގްގެ އެހީގައި ކަމަށާއި، މީގެ ސަބަބުން މަސްވެރިންނަށް ލިބޭ އާމްދަނީ އިތުރުވާނެ ކަމަށް ވުޒާރާއިން އުންމީދު ކުރެއެވެ.

މަސްވެރިކަމާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވި ގޮތުގައި، މިއީ ދިވެހި މަސްވެރިކަމުގެ "ލޯކަލް މޮޑެލް" ބައިނަލްއަޤުވާމީ ގޮތުން ބަލައިގަތްކަމުގެ ރަމްޒެކެވެ. މިއީ އިޤްތިސާދު ކުރިއެރުވުމަށާއި ކަނޑުގެ ވަސީލަތްތައް ރައްކާތެރިކުރުމަށް ދިވެހި މަސްވެރިން ކުރާ އިޚްލާޞްތެރި މަސައްކަތަށް ލިބުނު ފަޚުރެއް ކަމަށް ވަޒީރު ވިދާޅުވިއެވެ.

"ސީފުޑް ވޮޗް" އަކީ އެމެރިކާ ބައްރަށް މަސް އެކްސްޕޯޓްކުރާ ކުންފުނިތަކުން އެންމެ ބޮޑަށް އިތުބާރުކުރާ އެއް މިންގަނޑެވެ. އިނގިރޭސިވިލާތަށް ފަހު ރާއްޖޭގެ މަހުގެ އުފެއްދުންތަކަށް އެންމެ ބޮޑު މާކެޓެއް އޮތީ އެމެރިކާގައި ކަމަށްވާއިރު، މި އައު ރޭޓިންގްއާއެކު ރާއްޖޭގެ މަސްވެރިކަމުގެ ސިނާޢަތަށް އައު ދިރުމެއް ލިބިގެންދާނެއެވެ.