ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ޕީއެސްއައިޕީ މަޝްރޫޢުތަކަށް ކުރި ޚަރަދު 1.1 ބިލިޔަން ރުފިޔާ އިން މައްޗަށް

އައްޑޫ ބިން ހިއްކުމުގެ މަޝްރޫޢުގެ ތެރެއިން ---
އައްޑޫ ބިން ހިއްކުމުގެ މަޝްރޫޢުގެ ތެރެއިން ---

މިއަހަރުގެ މިހާތަނަށް ދައުލަތުގެ ބަޖެޓުން ޕަބްލިކް ސެކްޓަރ އިންވެސްޓުމަންޓް ޕްރޮގްރާމް (ޕީއެސްއައިޕީ) މަޝްރޫޢުތަކަށް ކުރި ޚަރަދު 1.1 ބިލިޔަން ރުފިޔާއަށް އަރައި، މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު ބޮޑު ކުރިއެރުމެއް ހޯދައިފިކަން މާލީ ވުޒާރާގެ ތަފާސް ހިސާބުތަކުން ހާމަވެއްޖެއެވެ.

މާލީ ވުޒާރާއިން އެންމެ ފަހުން އާންމުކުރި ތަފާސް ހިސާބުތަކަށް ބަލާއިރު، އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މަޝްރޫޢުތަކަށް ކުރާ ހޭދަ ވަނީ ބޮޑުތަނުން އިތުރުވެފައެވެ. މި ހިނގާ އޭޕްރީލް މަހުގެ 2 ވަނަ ދުވަހުގެ ނިޔަލަށް 1.1 ބިލިޔަން ރުފިޔާ ޕީއެސްއައިޕީއަށް ޚަރަދުކޮށްފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ޚަރަދުކުރި 951.5 މިލިޔަން ރުފިޔާއާ އަޅާބަލާއިރު 16.5 އިންސައްތައިގެ އިތުރުވުމެކެވެ. މިއަހަރުގެ ބަޖެޓުގައި ޕީއެސްއައިޕީ މަޝްރޫޢުތަކަށް ޖުމްލަ 8.3 ބިލިޔަން ރުފިޔާ ޚަރަދުވާނެ ކަމަށް ވަނީ ލަފާކޮށްފައެވެ.

ތަފާތު އެކި ދާއިރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މަޝްރޫޢުތަކުގެ ތެރެއިން ހަތަރު ދާއިރާއަކުން ވަނީ 100 މިލިޔަން ރުފިޔާއަށްވުރެ ގިނައިން ޚަރަދުކޮށްފައެވެ. އެގޮތުން އިޤްތިޞާދީ ދާއިރާގެ މަޝްރޫޢުތަކަށް 496.7 މިލިޔަން ރުފިޔާ ހޭދަކޮށްފައިވާއިރު، މީގެ ތެރެއިން އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ދަތުރުފަތުރުގެ ވަސީލަތްތައް ޤާއިމްކުރުމަށެވެ. އެ މަސައްކަތަށް އެކަނިވެސް 345.3 މިލިޔަން ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ.

މީގެ އިތުރުން، ދައުލަތުގެ އާންމު ޚިދުމަތްތަކުގެ ދާއިރާއިން 257.7 މިލިޔަން ރުފިޔާ ހޭދަކޮށްފައިވެއެވެ. މީގެ ތެރޭގައި އެންމެ ބޮޑު ހޭދައެއް ކޮށްފައިވަނީ ބިން ބެލެހެއްޓުމުގެ މަސައްކަތްތަކަށެވެ. އެއީ 253.7 މިލިޔަން ރުފިޔާއެވެ. އަދި ސަރުކާރުން މިއަހަރު ޚާއްޞަ އިސްކަމެއް ދޭ ޞިއްޙީ ދާއިރާއަށް ކުރި ޚަރަދު ވަނީ އާދަޔާޚިލާފަށް އިތުރުވެފައެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި މި ދާއިރާއަށް 7.1 މިލިޔަން ރުފިޔާ ހޭދަކުރި ނަމަވެސް، މިއަހަރު އެ އަދަދު ވަނީ 118.9 މިލިޔަން ރުފިޔާއަށް އަރާފައެވެ.

އިޖުތިމާޢީ އެހެން ދާއިރާތަކަށް ބަލާއިރު، ދީނީ ކަންކަމަށް 50.4 މިލިޔަން ރުފިޔާ އަދި ކުޅިވަރުގެ ދާއިރާއަށް 44.8 މިލިޔަން ރުފިޔާ މިއަހަރުގެ މިހާތަނަށް ވަނީ ޚަރަދުކޮށްފައެވެ.

ސަރުކާރުން ބުނެފައިވާ ގޮތުގައި، ގިނަ މަޝްރޫޢުތަކެއް މިހާރުވެސް ބާރުމިނުގައި ކުރިއަށްދާއިރު، ރަށްރަށުގެ ތަރައްޤީގެ ގިނަ މަސައްކަތްތަކެއް ހަވާލުކޮށްފައިވަނީ ކޮންޓްރެކްޓަރ ފައިނޭންސް އުސޫލުންނެވެ. އެގޮތުން މިދިޔަ އަހަރުގެ ޑިސެމްބަރު މަހު އެކަނިވެސް 213 މަޝްރޫޢެއް އެ އުސޫލުން ކުރިއަށްގެންދިއުމަށް ވަނީ ހަވާލުކޮށްފައެވެ.