ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ވޯޓު އަލުން ގުނުމާއެކު އެއް ވޯޓުގެ ތަފާތުން މީދޫ ކައުންސިލްގެ ރައީސްކަން އެމްޑީއޭގެ ކެންޑިޑޭޓަށް

މީދޫގައި ބެހެއްޓި 2 ނަމްބަރު ވޯޓު ފޮށި އަލުން ގުނުމުގެ ތެރެއިން -- ފޮޓޯ: ޕީއެސްއެމް
މީދޫގައި ބެހެއްޓި 2 ނަމްބަރު ވޯޓު ފޮށި އަލުން ގުނުމުގެ ތެރެއިން -- ފޮޓޯ: ޕީއެސްއެމް

ދ. މީދޫ ކައުންސިލްގެ ރައީސް ހޮވުމަށް ބޭއްވި އިންތިޚާބުގެ ވޯޓު ފޮއްޓެއް އަލުން ގުނުމަށްފަހު، އެންމެ ވޯޓެއްގެ ތަފާތުން އެ ގޮނޑި އެމްޑީއޭގެ ކެންޑިޑޭޓް މުޙައްމަދު ޝާހިދު ކާމިޔާބު ކުރައްވައިފިއެވެ.

އިލެކްޝަންސް ކޮމިޝަނުން ކުރިން އިޢުލާންކުރި ވަގުތީ ނަތީޖާއަށް އައި މި ބަދަލާއެކު، ޝާހިދު އިންތިޚާބުވީ ޖުމްލަ 392 ވޯޓު ހޯއްދަވައިގެންނެވެ.

މީދޫގައި ބެހެއްޓި 2 ނަމްބަރު ވޯޓު ފޮށި އަލުން ގުނުމަށް ނިންމީ، އެ ފޮއްޓާ ގުޅޭގޮތުން އިލެކްޝަންސްގެ ކޮމްޕްލަޔަންސް ބިއުރޯއަށް ހުށަހެޅި ޝަކުވާއަކާ ގުޅިގެންނެވެ. އެ ބިއުރޯއިން މައްސަލަ ބެލުމަށްފަހު ވޯޓު އަލުން ގުނިއިރު، އެ ފޮށިން އެމްޑީއޭގެ ކެންޑިޑޭޓަށް 127 ވޯޓު ލިބިފައިވެއެވެ. އަދި ވާދަވެރި ޕީއެންސީގެ ކެންޑިޑޭޓަށް އެ ފޮށިން ލިބުނީ 114 ވޯޓެވެ. މި ފޮށިން 17 ވޯޓު ބާޠިލްވެފައިވާކަމަށް ރިޕޯޓްތައް ބުނެއެވެ.

މި އިންތިޚާބުގައި މީދޫ ކައުންސިލްގެ ރައީސްގެ މަޤާމަށް ތިން ފަރާތަކުން ވާދަކުރިއެވެ. އެއީ އެމްޑީއޭގެ މުޙައްމަދު ޝާހިދުގެ އިތުރުން، ޕީއެންސީގެ ފަރާތުން ސުހާ އިބްރާހީމާއި އަމިއްލަ ގޮތުން ވާދަކުރެއްވި އިބްރާހީމް ނަސީމެވެ. މުޅި ރަށުގެ ޖުމްލަ ނަތީޖާއަށް ބަލާއިރު ޕީއެންސީގެ ކެންޑިޑޭޓަށް ލިބިފައިވަނީ 391 ވޯޓެވެ. އަދި އަމިއްލަ ގޮތުން ވާދަކުރި ކެންޑިޑޭޓަށް ލިބުނީ 100 ވޯޓެވެ.

މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ލޯކަލް ކައުންސިލް އިންތިޚާބާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގެ އިތުރުން، އިންތިޚާބުތައް އެއް ދުވަހެއްގައި ބޭއްވުމާ ގުޅޭގޮތުން ނެގި ޚިޔާލު ހޯދުމުގެ ވޯޓުގެ ދާއިމީ ނަތީޖާ އަންނަ ހޮނިހިރު ދުވަހު އިޢުލާން ކުރުމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމާފައެވެ.

އިލެކްޝަންސް ކޮމިޝަނުން ފާހަގަކުރި ގޮތުގައި، މިއީ ރާއްޖޭގެ ތާރީޚުގައި ކައުންސިލް އިންތިޚާބެއްގައި އެންމެ ގިނަ ބަޔަކު ވޯޓުލީ ފަހަރެވެ. ވޯޓުލުމުގެ ޙައްޤު ލިބިފައިވާ 294،876 މީހުންގެ ތެރެއިން 73 އިންސައްތަ މީހުން މި އިންތިޚާބުގައި ވޯޓުލާފައިވާކަމަށް އެ ކޮމިޝަނުން ހާމަކުރެއެވެ.