ހަނގުރާމައާއި ގުޅިގެން ފަތުރުވެރިކަމާއި ހަކަތައިގެ ސިނާޢަތަށް ކުރިމަތިވެދާނެ ގޮންޖެހުންތަކާ ގުޅޭގޮތުން މަޝްވަރާކޮށްފި
މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައާއި ގުޅިގެން ރާއްޖޭގެ ފަތުރުވެރިކަމާއި ހަކަތައިގެ ސިނާޢަތަށް ކުރިމަތިވެދާނެ ގޮންޖެހުންތަކުން އަރައިގަތުމަށްޓަކައި، މިނިސްޓަރ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް އޮނަރަބަލް ޠާރިޤް އިބްރާހީމް ކަމާބެހޭ މުހިންމު ފަރާތްތަކާ ބައްދަލުކުރައްވައި މަޝްވަރާކުރައްވައިފިއެވެ.
މި ބައްދަލުވުމުގައި މޯލްޑިވްސް އެސޯސިއޭޝަން ފޯ ޓޫރިޒަމް އިންޑަސްޓްރީ (މަޓީ) ގެ އިސް ބޭފުޅުންނާއި، ރާއްޖެއަށް ތެޔޮ އެތެރެކުރާ މައިގަނޑު ކުންފުނިތަކުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ. ބައްދަލުވުމުގެ މައިގަނޑު މަޤްޞަދަކީ ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ މަސްރަޙަށް އަންނަ ލޮޅުންތަކުން ރާއްޖެއަށް ކުރިމަތިވެދާނެ ދަތިތައް ދެނެގަނެ، އެކަންކަމަށް ދުރާލައި ތައްޔާރުވުމެވެ.
މިނިސްޓަރ ޠާރިޤް އިބްރާހީމް ވިދާޅުވީ، މެދުއިރުމަތީގެ ހަމަނުޖެހުންތަކުގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް އަންނަ ބަދަލުތަކަކީ ރާއްޖޭގެ އިޤްތިޞާދަށް އޭގެ ނޭދެވޭ އަސަރު ވަރަށް ބޮޑަށް ކުރާނެ ކަމެއް ކަމަށެވެ. އަދި މިފަދަ މަޝްވަރާތަކެއްގެ ސަބަބުން، ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކުގެ މެދުގައި ޚިޔާލު ބަދަލުކުރެވި، ކުރިމަތިވެދާނެ މައްސަލަތަކަށް ޙައްލު ހޯދުމަށް މަގުފަހިވެގެންދާނެ ކަމަށްވެސް ވަޒީރު ފާހަގަކުރެއްވިއެވެ.
Ads by BMLމީގެ އިތުރުން، މި ބައްދަލުވުމުގައި މަޓީއާއި ތެޔޮ އެތެރެކުރާ ފަރާތްތަކުން ވަނީ މިހާރު ކުރިމަތިވަމުންދާ ގޮންޖެހުންތަކާއި، މި ނާޒުކު ދަނޑިވަޅުގައި ސަރުކާރުގެ ފަރާތުން ބޭނުންވާ އެހީތެރިކަމާ ގުޅޭ މަޢުލޫމާތު ވަޒީރާ ޙިއްޞާކުރައްވާފައެވެ. މި ބައްދަލުވުމަކީ ރާއްޖޭގެ އެންމެ މުހިންމު ދެ ސިނާޢަތުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ސަރުކާރުން އިސްނަގައިގެން ކުރިއަށްގެންދިޔަ މުހިންމު މަސައްކަތެކެވެ.
Ads by MACL
