ކައުންސިލް އިންތިޚާބު: 16 އަތޮޅެއްގެ ޖުމުލަވޯޓުން ޕީއެންސީ ކުރި ހޯދައިފި
މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ލޯކަލް ކައުންސިލް އިންތިޚާބުގައި، ސިޓީތައް ފިޔަވައި ރަށްރަށުގެ ކައުންސިލް ރައީސުން ހޮވުމަށް ބޭއްވި ވޯޓުގެ ވަގުތީ ނަތީޖާ ދައްކާގޮތުން 16 އަތޮޅެއްގެ ޖުމުލަ ވޯޓުން ސަރުކާރު ހިންގާ ޕީއެންސީން ބޮޑު ކުރިއެރުމެއް ހޯދައި ޖުމުލަ ވޯޓުން ކުރި ހޯދާފައިވާކަން އެނގިއްޖެއެވެ.
އިލެކްޝަންސް ކޮމިޝަންގެ ވަގުތީ ނަތީޖާތަކުން އެނގޭ ގޮތުގައި، އިދިކޮޅު އެމްޑީޕީއަށް މެޖޯރިޓީ ވޯޓު ލިބިފައިވަނީ އެންމެ ތިން އަތޮޅަކުންނެވެ. އެއީ ހއ. އަތޮޅާއި، ނ. އަތޮޅު އަދި މީގެ ކުރިން ޕީއެންސީގެ ބޮޑު ތާއީދެއް އޮތް މ. އަތޮޅެވެ. މި އަތޮޅުތަކުގެ ނަތީޖާއަށް ބަލާއިރު، ހއ. އަތޮޅުން އެމްޑީޕީއަށް 5,032 ވޯޓު ލިބުނުއިރު ޕީއެންސީއަށް ލިބުނީ 4,975 ވޯޓެވެ. ނ. އަތޮޅުން އެމްޑީޕީއަށް 3,830 ވޯޓު ލިބުނުއިރު ޕީއެންސީއަށް ލިބުނީ 3,809 ވޯޓެވެ. އަދި މ. އަތޮޅުން އެމްޑީޕީން 2,160 ވޯޓު ހޯދިއިރު ޕީއެންސީއަށް ލިބިފައިވަނީ 1,863 ވޯޓެވެ.
ޕީއެންސީން ވަނީ ބައެއް ރަށްރަށުގެ ކައުންސިލް ރައީސްކަން އިންތިޚާބަކާ ނުލައި ކާމިޔާބުކޮށްފައެވެ. އޭގެ ތެރޭގައި ހއ. ބާރަށް، އދ. މަންދޫ އަދި އދ. ދިއްދޫ ފަދަ ރަށްތައް ހިމެނެއެވެ. އިންތިޚާބަކާ ނުލައި ގޮނޑި ކަށަވަރުވި ރަށްރަށުގެ ތާއީދު ވަޒަންކޮށްފައިވަނީ އެ ރަށްރަށުގެ އަންހެނުންނަށް ޚާއްޞަ ގޮނޑި ނުވަތަ އާންމު މެންބަރުން ހޮވުމަށް ބޭއްވި ވޯޓަށް ބަލައިގެންނެވެ.
Ads by BMLއަތޮޅުތަކުގެ ނަތީޖާއަށް ބަލާއިރު، ޕީއެންސީން އެންމެ ގިނަ ވޯޓު ހޯދީ ލ. އަތޮޅުންނެވެ. އެ ޕާޓީން އެ އަތޮޅުން 5,188 ވޯޓު ހޯދިއިރު، އެމްޑީޕީއަށް ލިބުނީ 4,849 ވޯޓެވެ. ދެވަނައަށް އެންމެ ގިނަ ވޯޓު ޕީއެންސީން ނެގީ އެމްޑީޕީގެ ތާއީދު ބޮޑު އަތޮޅެއްގެ ގޮތުގައި ފާހަގަކުރެވޭ ށ. އަތޮޅުންނެވެ. އެ އަތޮޅުން ޕީއެންސީން 5,146 ވޯޓު ހޯދިއިރު އެމްޑީޕީއަށް ލިބުނީ 4,731 ވޯޓެވެ. އަދި ކ. އަތޮޅުން ޕީއެންސީން ވަނީ 2,823 ވޯޓުގެ ބޮޑު ތަފާތަކުން ކުރި ހޯދާފައެވެ.
ރަށްރަށުގެ ނަތީޖާ ޕީއެންސީއަށް ބުރަވި ނަމަވެސް، ރާއްޖޭގެ ފަސް ސިޓީގެ މޭޔަރުން ހޮވުމަށް ބޭއްވި އިންތިޚާބުގައި އެމްޑީޕީން ވަނީ ބޮޑު ކާމިޔާބީއެއް ހޯދާފައެވެ. ސިޓީތަކުން އެމްޑީޕީއަށް 33,311 ވޯޓު ލިބުނުއިރު، ޕީއެންސީއަށް ލިބުނީ 20,107 ވޯޓެވެ.
މުޅި ރާއްޖޭގެ ޖުމްލަ ނަތީޖާއަށް ބަލާއިރު، ސިޓީތަކާއި ރަށްރަށުގެ ވޯޓު އެއްކޮށްލުމުން އެމްޑީޕީ އުޅެނީ ވަރަށް ކުޑަ ތަފާތަކުން ކުރީގައެވެ. އެމްޑީޕީއަށް ޖުމްލަ 84,651 ވޯޓު (%41.38) ލިބިފައިވާއިރު، ޕީއެންސީއަށް ލިބިފައިވަނީ 83,404 ވޯޓު (%40.70) އެވެ. މީގެ އިތުރުން އަމިއްލަ ގޮތުން ވާދަކުރި ކެންޑިޑޭޓުން ވަނީ ޖުމްލަ ވޯޓުގެ %16.38 ހޯދާފައެވެ.
Ads by MACL
