ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

އެމްޑީޕީގެ ލީޑަރޝިޕް އެކީގައި މަސައްކަތް ކުރެވޭނެ ގޮތެއް ހޯދިއްޖެ!

އެމްޑީޕީ އޮތީ މިވަގުތު 3 ފެކްޝަނަކަށް ބެހިފައި ---
އެމްޑީޕީ އޮތީ މިވަގުތު 3 ފެކްޝަނަކަށް ބެހިފައި ---

އިދިކޮޅު މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ އެތެރޭގައި އުފެދިފައިވާ ހިޔާލުތަފާތުވުންތަކަށް ހައްލެއް ހޯދައި، ޕާޓީގެ ހުރިހާ ލީޑަރުން އެކީގައި މަސައްކަތް ކުރެވޭނެ ގޮތްތަކެއް މިހާރު ހޯދިފައިވާ ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިއުލާނު ކުރައްވައިފި އެވެ.

އެމަނިކުފާނުގެ އުފަން ރަށް، ޅ. ހިންނަވަރުގައި މިރޭ ބޭއްވި ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ، ޕާޓީގެ އާންމު މެންބަރުން އެދޭ ފަދައިން ލީޑާޝިޕް އެކަތިގަނޑަކަށް ވެގެން މަސައްކަތް ކުރެވޭނެ މަގު މިހާރު ފަހިވެފައިވާ ކަމަށެވެ. އަދި މިކަމަށްޓަކައި ކުރަންޖެހޭ މަޝްވަރާތައް މެދުނުކެނޑި ކުރިއަށްދާ ކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވި އެވެ.

ރައީސް ސޯލިހު ވިދާޅުވި ގޮތުގައި، އެމްޑީޕީގެ މައިގަނޑު އަމާޒަކީ އެއްވެސް ލީޑަރަކު ބާކީނުކޮށް، އެންމެން ގުޅިގެން 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރުމެވެ. މިދިޔަ ދެތިން ދުވަހު ޕާޓީގެ އިސް ލީޑަރުންގެ މެދުގައި ވަރަށް ދިގުކޮށް މަޝްވަރާ ކުރެވިފައިވާ ކަމަށާއި، އެ މަޝްވަރާތަކުގައި އެމަނިކުފާނުވެސް އަމަލީގޮތުން ބައިވެރިވެވަޑައިގެންނެވި ކަމަށް ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ މި މަސައްކަތުގެ އަމާޒަކީ ލަސްވެގެން މާދަމާ ނޫނީވިއްޔާ މާދަމާ ރޭ މިކަމަށް ހައްލެއް ގެނެސް ޕާޓީގެ މެންބަރުން އެދޭ ގޮތަށް 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބަށް އަމާޒު ހިފުން،" ސޯލިހު ވިދާޅުވި އެވެ.

އެމްޑީޕީގެ ތެރޭގައި އުފެދުނު މި ނުތަނަވަސްކަން ބޮޑުވެގެން ދިޔައީ، މިދިޔަ ހޯމަ ދުވަހުގެ ރޭ ބޭއްވި ޖަލްސާގައި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ވާހަކަ ދެއްކެވުމުގެ ފުރުސަތު ނުދިނުމާ ގުޅިގެންނެވެ. އެކަމާ ހިތްހަމަނުޖެހިގެން ނަޝީދުގެ ފެކްޝަނުން ވަނީ ޕާޓީގެ ވަގުތީ ޗެއާޕާސަން އަބްދުލްޣަފޫރު މޫސާ މަގާމުން ވަކިކުރުމުގެ މަސައްކަތްވެސް ފަށާފަ އެވެ.

ނަމަވެސް، ރައީސް ސޯލިހު މިރޭ ދެއްވި ޔަގީންކަމަކީ، ޕާޓީގެ ތެރޭގައި ހިމެނޭ އެކި ފެކްޝަންތަކުގެ މެދުގައި ހުރި މައްސަލަތައް ހައްލުކޮށް، ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް އެމްޑީޕީ ނުކުންނާނީ އެކަތިގަނޑެއްގެ ގޮތުގައި ކަމެވެ.