ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ހޮރްމުޒް ކަނޑުއޮޅި ހުޅުވުމާ ގުޅޭގޮތުން ޓްރަމްޕްގެ ބަސްމަގު ކުއްލިއަކަށް ބަދަލުވެއްޖެ

ހޮރްމުޒް ކަނޑުއޮޅި ހުޅުވުމާ ގުޅޭގޮތުން ޓްރަމްޕްގެ ބަސްމަގު ކުއްލިއަކަށް ބަދަލުވެއްޖެ

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، އީރާނުގެ ހޮރްމުޒް ކަނޑުއޮޅި ހުޅުވުމާ ގުޅޭގޮތުން ގެންގުޅުއްވާ ސިޔާސަތަށް 24 ގަޑިއިރު ނުވަނީސް ބޮޑު ބަދަލެއް ގެންނަވައިފި އެވެ.

އިއްޔެގެ ވަގުތެއްގައި ޓްރަމްޕް ވަނީ ވިލާތުގެ ގައުމުތަކަށް އިންޒާރެއް ދެއްވައި، އެމެރިކާއާ ގުޅިގެން އެ ސަރަހައްދު ހުޅުވުމަށް އެހީތެރިވުމަށް ގޮވާލައްވާފައެވެ.

އެގޮތުން ޓްރަމްޕް ދެއްވި ބަޔާނުގައި ވިދާޅުވެފައިވަނީ، ހޮރްމުޒް ކަނޑުއޮޅި ހުޅުވުމުގެ މަސައްކަތަކީ އެމެރިކާއަށް އެކަނި ކުރެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި އެކަމުގައި އެމެރިކާއަށް އެހީތެރިވުމަށް ވިލާތުގެ ގައުމުތަކަށް ވަނީ ހަރުކަށި އިލްތިމާސެއް ދެއްވާފައެވެ.

ނަމަވެސް، މި ބަޔާން ދެއްވިތާ އެންމެ 16 ގަޑިއިރު ފަހުން މިއަދު ޓްރަމްޕް ވަނީ މުޅިން ތަފާތު ރޫހެއްގައި ވާހަކަދައްކަވާފައެވެ. މިއަދު އޭނާ ވިދާޅުވީ "އީރާނު މިހާރު އޮތީ ބަލިވެފައި" ކަމަށާއި، އެ ގައުމުގެ ހުރިހާ ލީޑަރުންނެއް ނެތިގޮސް، އަސްކަރިއްޔާ މުޅިން ސުންނާފަތިވެފައިވާ ކަމަށެވެ.

ޓްރަމްޕް އިތުރަށް ވިދާޅުވީ، އީރާނުގެ އަސްކަރީ ބާރު ކެނޑިފައިވާތީ، މިހާރު އެމެރިކާއަށް ވަރަށް ފަސޭހަކަމާއެކު ހޮރްމުޒް ކަނޑުއޮޅި ހުޅުވާލެވޭނެ ކަމަށެވެ. މިއީ ކުރިން ވިދާޅުވި ވާހަކަފުޅާ ދިމާ އިދިކޮޅު ވާހަކަފުޅެކެވެ.

މި ބަދަލާއެކު ބައިނަލްއަގުވާމީ މައިދާނުގައި މަސްރަހު ދިރާސާކުރާ ފަރާތްތަކުން ދަނީ ޓްރަމްޕްގެ މި ފުށުއަރާ ބަޔާންތަކަށް ފާޑުކިޔަމުންނެވެ. ވަރަށް ކުރު މުއްދަތެއްގެ ތެރޭގައި އެމެރިކާގެ ރައީސްގެ ރާގު ބަދަލުވުމުން، އީރާނާ މެދު ގެންގުޅޭ ހަގީގީ ސިޔާސަތާ މެދު ވަނީ ސުވާލު އުފެދިފައެވެ.