ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ވަޒީރު ޑރ ޝަހީމް އަދާލަތު ޕާޓީއަށް ވަނުމަށް ނިންމައި، ރައީސްކަމަށް ވާދަކުރަނީ

އިސްލާމިކް މިނިސްޓަރ ޑރ ޝަހީމް
އިސްލާމިކް މިނިސްޓަރ ޑރ ޝަހީމް

މި ސަރުކާރުގެ އިސްލާމިކް މިނިސްޓަރ ޑރ މުހައްމަދު ޝަހީމް އަލީ ސައީދު އަދާލަތު ޕާޓީއާއި ގުޅެން ނިންމައި  އެ ޕާޓީގެ ރައީސްކަމަށް ވާދަކުރަން ނިންމައިފިއެވެ.

ޝަހީމް މިހެން ވިދާޅުވީ ދާދިދެންމެއަކު ފޭސްބުކް މެދުވެރިކޮށް ކުރެއްވި ޕޯސްޓެއްގައެވެ.

ޝަހީމް ވިދާޅުވީ އެޕާޓީގެ ސީނިއަރ އެއް މުއައްސިސްގެ ހައިސިއްޔަތުން އަހަރުތަކެއް ވަންދެން އަޅުގަނޑު ޚިދުމަތްކުރި އަދާލަތު ޕާޓީއަށް ‎އަލުން ވަނުމަށް ނިންމައިފި ކަމަށެވެ. އަދި މިއަހަރު ފަހުކޮޅުގައި ޕާޓީގެ އާ ރައީސަކު ހޮވުމަށް ބާއްވާ އެތެރޭގެ އިންތިޚާބުގައި ވާދަކުރާނެ ކަމަށެވެ.

ޝަހީމް ވަނީ 19 ފެބްރުއަރީ 2012 އިން 05 މެއި 2015 އަށް ރައީސް މުޙައްމަދު ވަޙީދު ޙަސަން މަނިކު އަދި ރައީސް ޢަބްދުﷲ ޔާމީންގެ ވެރިކަމުގައި އިސްލާމީ ކަންތައްތަކާބެހޭ ވަޒީރުކަން ކުރައްވާފައެވެ. އަދި 2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސް ޢަބްދުﷲ ޔާމީންގެ ރަނިންމޭޓްގެ ގޮތުގައި ކުރިމަތިލެއްވިއެވެ.

އޭގެ ފަހުން އިސްލާމިކް ޔުނިވަރސިޓީ އޮފް މޯލްޑިވްސްގެ ޗާންސެލަރުގެ މަޤާމަށް ޢައްޔަންކުރެވުނެވެ. 2020 ވަނަ އަހަރު، ޝަހީމް ވެގެން ދިޔައީ އިދިކޮޅު ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސްގެ ސިޔާސީ ލަފާދޭ އިސްފަރާތެއްގެ ގޮތުގައެވެ.

އޭގެ ފަހުން ރައީސް މުޙައްމަދު މުޢިއްޒު ވަނީ ޑރ ޝަހީމް އިސްލާމީ ކަންތައްތަކާބެހޭ ވަޒީރުގެ މަޤާމަށް ޢައްޔަންކުރައްވާފައެވެ. ނަމަވެސް ރައްޔިތުންގެ މަޖިލީހުން ޝަހީމްގެ ނަން ފާސްކުރުމަށް ވޯޓަށް އެހުމުން، އޭރުގެ އެމްޑީޕީ މެޖޯރިޓީއޮތް މަޖިލީހުގެ ގިނަ މެންބަރުން ވޯޓުދެއްވީ ޝަހީމަށް ރުހުން ނުދިނުމަށެވެ. އެހެންނަމަވެސް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށްފަހު އެކުލަވާލެވުނު މަޖިލީހުގެ ފުލް މެޖޯރިޓީއާއިއެކު ޝަހީމަށް ރުހުން ލިބުނެވެ.

ދިވެހިރާއްޖެއަށް އިސްލާމީ މައުލޫމާތު ފޯރުކޮށްދިނުމާއި އިސްލާމީ އެކިއެކި ރޮނގުން ގައުމަށް ހިދުމަތް ކުރުމުގައި ޝަހީމް ވަނީ އިސްދައުރެއް އަދާކޮށްފައެވެ. އަދި އެމްޑީޕީން އެންމެ ބޮޑަށް ޖެހިލުންވެވަޑައިގަންނަވާ ފަރާތްތަކުގެ ތެރޭގައި ޝަހީމް ހިމެނިވަޑައިގަންނަވައެވެ.