ވޯލްޑް ކަޕް 2026: އަނެއްކާ ވެސް ޓިކެޓުގެ އަގަށް ބޮޑެތި ބަދަލުތަކެއް؛ ސަޕޯޓަރުންގެ ނުރުހުން ފީފާއަށް
މި އަހަރު އެމެރިކާ، މެކްސިކޯ އަދި ކެނެޑާގައި ބޭއްވުމަށް ހަމަޖެހިފައިވާ ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ޓިކެޓުގެ އަގުތަކަށް ފީފާއިން ގެނައި ބަދަލުތަކާއެކު، ފުޓްބޯޅަ ސަޕޯޓަރުންގެ ބޮޑެތި ފާޑުކިޔުންތަކެއް އެ އިދާރާއަށް އަމާޒުވެއްޖެ އެވެ. ފާޑުކިޔާ ފަރާތްތަކުން ތުހުމަތުކުރާ ގޮތުގައި ފީފާއިން މިހާރު އިސްކަންދެނީ ކުޅިވަރުގެ މަސްލަހަތަށްވުރެ ބޮޑަށް އާމްދަނީ އިތުރުކުރުމަށެވެ.
ފީފާއިން އަލަށް ތައާރަފްކުރި "ފްރޮންޓް ރޯ 1"ގެ ކެޓަގަރީގެ ދަށުން، ޖޫން 12 ވަނަ ދުވަހު އެމެރިކާ އާއި ޕެރަގުއޭ ބައްދަލުކުރާ މެޗުގެ ޓިކެޓެއްގެ އަގު ވަނީ 4,105 ޑޮލަރަށް ބޮޑުކޮށްފަ އެވެ. މީގެ ކުރިން އެންމެ އަގުބޮޑު ކެޓަގަރީ ކަމަށްވާ ކެޓަގަރީ 1 ގެ ޓިކެޓެއްގެ އަގު ދުވަހަކު ވެސް 2,735 ޑޮލަރަށްވުރެ މައްޗަށް ގޮސްފައެއް ނުވެ އެވެ. މީގެ އިތުރުން، ރަސްމީކޮށް އިއުލާނުކުރުމެއް ނެތި ފްރޮންޓް ރޯ 2ގެ ނަމުގައި އާ ކެޓަގަރީއެއް ހިމަނާފައިވާއިރު، އޭގެ އަގުތައް އުޅެނީ 1,940 އާއި 2,330 ޑޮލަރާ ދެމެދުގަ އެވެ.
މި އަގުތަކަށް އައި ބަދަލުތައް އެންމެ ބޮޑަށް ފާހަގަކުރެވެނީ މުބާރާތުގެ ފައިނަލް މެޗުންނެވެ. މެޓްލައިފް ސްޓޭޑިއަމްގައި ޖުލައި 19 ގައި ކުޅޭ ފައިނަލް މެޗުގެ އެންމެ މަތީ ފަންތީގެ ޓިކެޓެއްގެ އަގު ވަނީ 8,680 ޑޮލަރުން 10,990 ޑޮލަރަށް އުފުލިފަ އެވެ. އަދި ކެޓަގަރީ 2 ގެ ޓިކެޓެއްގެ އަގު 7,380 ޑޮލަރަށް އަދި ކެޓަގަރީ 3 ގެ އަގު 5,785 ޑޮލަރަށް ވަނީ ބޮޑުވެފަ އެވެ. ފީފާގެ ވެބްސައިޓުން ބުނާ ގޮތުގައި ފައިނަލް މެޗުގެ ހުރިހާ ޓިކެޓެއް މިހާރު ވަނީ ވިކި ހުސްވެފަ އެވެ.
ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ވިދާޅުވެފައިވަނީ ޓިކެޓަށް އޮތް ޑިމާންޑް ބޮޑީ ދުނިޔޭގެ ސަޕޯޓަރުން ފުޓްބޯޅައަށް އޮތް ލޯތްބެއްގެ ސަބަބުން ކަމަށެވެ. ނަމަވެސް، ޓިކެޓް ގަންނަން އުޅުނު ފަރާތްތަކަށް ދިމާވި ޓެކްނިކަލް މައްސަލަތަކާއި އަގުތައް އިންތިހާއަށް ބޮޑުވުމުން ގިނަ ބަޔަކު ދަނީ ނުރުހުން ފާޅުކުރަމުންނެވެ. ފާޑުކިޔުންތައް ކުޑަކުރުމުގެ ގޮތުން ފީފާއިން ވަނީ ފޭން ޒޯން ގެ ނަމުގައި އަގުހެޔޮ ކެޓަގަރީއެއް ތައާރަފްކޮށްފަ އެވެ.
މި އަހަރުގެ ވޯލްޑް ކަޕަކީ 48 ޓީމާއެކު 104 މެޗު ކުޅޭ ފުރަތަމަ މުބާރާތެވެ. މި މުބާރާތް ކުރިއަށްދާނީ އަންނަ ޖޫން މަހުގެ 11 އިން ޖުލައި މަހުގެ 19 އަށް އެމެރިކާ، މެކްސިކޯ އަދި ކެނެޑާގެ 16 ސިޓީއެއްގަ އެވެ.
ޓިކެޓުގެ އަގުތަކާ ގުޅޭގޮތުން މީޑިއާތަކުން ސުވާލުކުރުމުން ފީފާގެ މީޑިއާ އޮފީހުން އަދި ރަސްމީ ޖަވާބެއް ދީފަ ނުވާކަމަށް ރިޕޯޓުތައް ބުނެ އެވެ.
Ads by MACL
