ވޯލްޑް ކަޕް 2026: ބައިނަލްއަޤުވާމީ ފުޓުބޯޅައިން ރިޓަޔަކުރި ސުއަރޭޒް އަލުން އެނބުރި ގައުމީ ޓީމަށް!
2024 ވަނަ އަހަރު ބައިނަލްއަޤުވާމީ ފުޓުބޯޅައިން ރިޓަޔަ ކުރި އުރުގުއޭގެ ފުޓުބޯޅަ ލެޖެންޑް އަދި އިންޓަ މިއާމީގެ ތަރި ލުއިސް ސުއަރޭޒް މި އަހަރުގެ ފީފާ ވޯލްޑް ކަޕުގައި ވާދަކުރާ އުރުގުއޭ ގައުމީ ޓީމުން ފެނިދާނެ ކަމުގެ އިޝާރާތެއް ދީފި އެވެ.
ސުއަރޭޒް ގައުމީ ޓީމުން ރިޓަޔަކުރީ 2024 ވަނަ އަހަރުގެ ސެޕްޓެމަބަރު މަހުގަ އެވެ. އޭރު އޭނާ ބުނީ ގައުމީ ޓީމުން ރިޓަޔަ ކުރީ ޒުވާން ކުޅުންތެރިންނަށް ފުރުސަތު ދިނުމުގެ ގޮތުން ކަމަށެވެ.
އެހެން ނަމަވެސް އެ ނިންމުން ބަދަލުކޮށް އަލުން އުރުގުއޭގެ ގައުމީ ޓީމާއި ގުޅި، އަންނަ ޖޫން މަހުގެ 11 ގައި ފެށޭ ފީފާ ވޯލްޑް ކަޕް މުބާރާތުން ފެނިދާނެ ކަމުގެ އިޝާރާތެއް އޭނާ މި ވަނީ ދީފަ އެވެ.
Ads by BMLސުއަރޭޒް ބުނީ އޭނާ ފުޓުބޯޅަ ދަނޑުތަކުގައި ހަރަކާތްތެރިވާ ހާ ހިނދަކު ގައުމީ ޓީމުން ގޮވާލާ ގޮވާލުމަށް އިޖާބަ ދޭނެ ކަމަށެވެ. އަދި ގައުމަށް ރީތި ނަން ހޯދައިދުނުމަށް ޓަކައި ކުރެވެން ހުރި ކޮންމެ މަސައްކަތެއް ވެސް ކުރާން ތައްޔާރަށް ހުރި ކަމަށް އޭނާ ބުންޏެވެ.
އަލުން އެނބުރި ގައުމީ ޓީމާއި ގުޅޭނެ ކަމުގެ އިޝާރާތެއް ސުއަރޭޒް ދީފައިވާ އިރު، އުރުގުއޭގެ ތާރީޚުގައި އެންމެ ގިނަ ލަނޑު ޖަހާފައިވާ ކުޅުންތެރިއަކީ ވެސް އޭނާ އެވެ. އެގޮތުން ގައުމީ ޓީމަށް 143 މެޗު ކުޅެދީ 69 ލަނޑު ވަނީ ޖަހައިދީފަ އެވެ.
ސުއަރޭޒްގެ އެނބުރި އައުމަކީ ކޯޗު މާސެލޯ ބިއެލްސާ އަށް ނިންމަން ޖެހޭ މުހިންމު ނިންމުމަކަށް ވާނެއެވެ. ވޯލްޑް ކަޕްގެ ގްރޫޕް އެޗްގައި އުރުގުއޭ ކުޅޭ ފުރަތަމަ ދެ މެޗު އޮތީ ސުއަރޭޒް މިހާރު ކުޅެމުންދާ އިންޓަ މިއާމީގެ ބޭސްއާ ކައިރި މިއާމީގައެވެ. މީގެ ސަބަބުން ދަތުރުފަތުރުގެ ވަރުބަލިކަން ކުޑަވެ، އޭނާ ޓީމަށް ނެގުމުގެ ފުރުސަތު ބޮޑުވެގެންދެއެވެ.
އިންޓަ މިއާމީއާއެކު އެއް އަހަރުގެ ކޮންޓްރެކްޓެއް އާކޮށްފައިވާ ސުއަރޭޒް، މި ސީޒަނުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ނުކުމެ މުހިންމު ދައުރެއް އަދާކުރަމުންދެއެވެ. އެންމެ ފަހުން އޮސްޓިން އެފްސީއާ ދެކޮޅަށް ކުޅުނު މެޗުގައިވެސް އޭނާ ވަނީ ލަނޑު ޖަހައި ޓީމު ސަލާމަތްކޮށްދީފައެވެ. ނިމިދިޔަ ސީޒަނުގައި 10 ލަނޑާއި 11 އެސިސްޓް ހޯދާފައިވާ ސުއަރޭޒްގެ ތަޖުރިބާއަކީ މެޗުގެ ނަތީޖާ ބަދަލުކޮށްލުމަށް ބޭނުންތެރި ހަތިޔާރެކެވެ.
ކޯޗު ބިއެލްސާގެ އިރުޝާދުގެ ދަށުން އުރުގުއޭ ކުޅެމުންދަނީ ވަރުގަދަ ޕްރެސިންގް ގޭމެކެވެ. އުމުރުން 39 އަހަރުގައި ސުއަރޭޒަށް 90 މިނެޓު ވަންދެން އެ ފެންވަރުގައި ނުކުޅެވުނު ނަމަވެސް، އޭނާގެ ފިނިޝިންގް އަދި ޕެނަލްޓީ އޭރިއާ ތެރޭގައި ހުންނަ ހުޝިޔާރުކަމަކީ ޒުވާން ކުޅުންތެރިންނަށް ލިބޭނެ ބޮޑު އެހީއެކެވެ.
"އަހަރެން ރިޓަޔަރ ކުރީ އެހެން ކުޅުންތެރިންނަށް ފުރުސަތު ދިނުމަށް، އެކަމަކު ގައުމަށްޓަކައި ކުޅެން ދުވަހަކުވެސް ނޫނެކޭ ނުބުނާނަން" ކަމަށް ސުއަރޭޒް ވަނީ ބުނެފައެވެ.
ވޯލްޑް ކަޕް ފެށެން އެންމެ 10 ހަފުތާއަށް ވެފައިވާއިރު، ސުއަރޭޒްގެ މި އިޝާރާތާއެކު އުރުގުއޭގެ ފޯވާޑް ލައިނަށް އަންނާނެ ބަދަލަކަށް ގިނަ ބަޔަކު ދަނީ އިންތިޒާރު ކުރަމުންނެވެ.
Ads by MACL
