ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ދައުލަތަށް ޑޮލަރުން ލިބުނު އާމްދަނީ ފުރަތަމަ ކުއާޓަރުގައި 15 އިންސައްތަ އިތުރުވެއްޖެ

ދައުލަތަށް ޑޮލަރުން ލިބުނު އާމްދަނީ ފުރަތަމަ ކުއާޓަރުގައި 15 އިންސައްތަ އިތުރުވެއްޖެ

މިއަހަރުގެ ފުރަތަމަ ތިން މަސްދުވަހުގެ ތެރޭގައި ދައުލަތަށް ޑޮލަރުން ލިބުނު އާމްދަނީ، މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު 15 އިންސައްތަ އިތުރުވެއްޖެއެވެ.

މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން އާއްމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، މިއަހަރުގެ މާރިޗު މަހުގެ ނިޔަލަށް ދައުލަތަށް ވަނީ 512.4 މިލިޔަނަށްވުރެ ގިނަ ޑޮލަރު އާމްދަނީގެ ގޮތުގައި ލިބިފައެވެ.

މީރާގެ ރިޕޯޓުގައިވާ ގޮތުން، މިދިޔަ އަހަރުގެ މާރިޗު މަހުގެ ނިޔަލަށް ޑޮލަރުން ލިބިފައިވަނީ 441.8 މިލިޔަން ޑޮލަރެވެ. ނަމަވެސް މިއަހަރުގެ މި މުއްދަތުގައި މި އަދަދު ވަނީ 512,444,534 ޑޮލަރަށް އުފުލިފައެވެ. މިއީ އިގްތިސާދީ ގޮތުން ލިބުނު ބޮޑު ކުރިއެރުމެއްގެ ގޮތުގައި ފާހަގަކުރެވެއެވެ.

ޑޮލަރުން ލިބުނު އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ފަތުރުވެރިކަމުގެ ދާއިރާއިން ނަގާ ޓީ-ޖީއެސްޓީންނެވެ. އެގޮތުން ޓީ-ޖީއެސްޓީގެ ގޮތުގައި އެކަނިވެސް 269 މިލިޔަން ޑޮލަރު ލިބިފައިވެއެވެ. މީގެ އިތުރުން މުހިންމު ދާއިރާތަކުން ލިބުނު އާމްދަނީއަށް ބަލާއިރު:

  • އިންކަމް ޓެކްސް: 56 މިލިޔަން ޑޮލަރު

  • ގްރީން ޓެކްސް: 47 މިލިޔަން ޑޮލަރު

  • އެއާޕޯޓު ޑިވެލޮޕްމަންޓު ފީ: 37 މިލިޔަން ޑޮލަރު

  • ޑިޕާޗަރ ޓެކްސް: 36 މިލިޔަން ޑޮލަރު

  • ލޭންޑު އެކިއުޒިޝަން އެންޑު ކޮންވާޝަން ފީ: 35 މިލިޔަން ޑޮލަރު

ވަކިވަކި މަސްތަކަށް ބަލާއިރު، ނިމިދިޔަ މާރިޗު މަހަކީވެސް އާމްދަނީ ރަނގަޅު މަހެކެވެ. އެ މަހު އެކަނިވެސް 208 މިލިޔަން ޑޮލަރު ދައުލަތަށް ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މާރިޗު މަހު ލިބުނު 178 މިލިޔަން ޑޮލަރާ އަޅާބަލާއިރު 16 އިންސައްތައިގެ ކުރިއެރުމެކެވެ.

މީރާގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި ވޭތުވެދިޔަ އަހަރުތަކުގައިވެސް ޑޮލަރުން ލިބޭ އާމްދަނީ އަންނަނީ މަތިވަމުންނެވެ. އެގޮތުން މިދިޔަ އަހަރުގެ ތެރޭގައި ޖުމްލަ 1.4 ބިލިޔަން ޑޮލަރު އާމްދަނީގެ ގޮތުގައި ލިބިފައިވާކަން އެ އޮތޯރިޓީގެ ރިޕޯޓުތަކުން ހާމަވެއެވެ.