ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

އީރާނަށް ހަމަލާދޭން ނަތަންޔާހޫ ތަކުރާރުކޮށް ދަނީ އެދެމުން؛ އެކަމަށް އެއްބަސްވީ ހަމައެކަނި ޓްރަމްޕް

އީރާނަށް ހަމަލާދޭން ނަތަންޔާހޫ ތަކުރާރުކޮށް ދަނީ އެދެމުން؛ އެކަމަށް އެއްބަސްވީ ހަމައެކަނި ޓްރަމްޕް

އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ، އީރާނަށް އަސްކަރީ ހަމަލާތަކެއް ދިނުމަށް އެމެރިކާގެ އެކި ސަރުކާރުތަކުގައި ތަކުރާރުކޮށް އެދިވަޑައިގެންފައިވާ ކަމަށް އެމެރިކާގެ ކުރީގެ ސެކްރެޓަރީ އޮފް ސްޓޭޓް ޖޯން ކެރީ ވިދާޅުވެއްޖެއެވެ. ނަމަވެސް، ކުރީގެ ރައީސުން އެކަމަށް އިންކާރު ކުރެއްވި ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

"ދަ ބްރީފިން ވިތް ޖެން ސާކީ" އަށް ދެއްވި އިންޓަވިއުއެއްގައި ކެރީ ވިދާޅުވީ، ނަތަންޔާހޫއާއެކު ބޭއްވުނު ގިނަ މަޝްވަރާތަކެއްގައި އޭނާ ބައިވެރިވެވަޑައިގެންފައިވާ ކަމަށެވެ.

"އޭނާ (ނަތަންޔާހޫ) ބޭނުންވީ އަޅުގަނޑުމެން (އެމެރިކާއިން) އީރާނަށް ހަމަލާދޭން،" ކެރީ ވިދާޅުވިއެވެ.

ކެރީ އިތުރަށް ވިދާޅުވި ގޮތުގައި، އިޒްރޭލުގެ ލީޑަރު މި ހުށަހެޅުން ކުރީގެ ރައީސް ބަރަކް އޮބާމާއަށް ސީދާ ހުށަހެޅުއްވި އެވެ. ނަމަވެސް ރައީސް އޮބާމާ އެކަމަށް އިންކާރު ކުރެއްވި ކަމަށާއި، ހަމައެފަދައިން ރައީސް ޖޯ ބައިޑަން އާއި ރައީސް ޖޯޖް ޑަބްލިއު ބުޝް ވެސް އެކަމަށް އިންކާރު ކުރެއްވި ކަމަށް އޭނާ ވިދާޅުވިއެވެ.
"މިކަމަށް އެއްބަސްވެވަޑައިގަތް ހަމައެކަނި ރައީސަކީ، ސާފުކޮށް އެނގޭ ފަދައިން، ރައީސް ޓްރަމްޕް،" ކެރީ ފާހަގަކުރެއްވިއެވެ.

ފަހުގެ ރިޕޯޓުތަކަށް އަލިއަޅުވާލަމުން ކެރީ ވިދާޅުވީ، ނަތަންޔާހޫ ވަނީ އަސްކަރީ ފިޔަވަޅު އެޅުމަށް ބާރުއަޅައި ހަތަރު ނުކުތާއެއްގެ މައްޗަށް އެކުލެވޭ ތަފްސީލީ ކޭސްއެއް ހުށަހަޅުއްވާފައެވެ.

މި ހުށަހެޅުމުގައި، ހަމަލާއެއް ދީފިނަމަ އީރާނުގެ ލީޑަޝިޕް ނައްތާލެވޭނެ ކަމަށާއި، ވެރިކަން ބަދަލުކުރުމަށް މަގުފަހިވާނެ ކަމަށާއި، އަދި އެ ގައުމުގެ އަސްކަރިއްޔާ ސުންނާފަތި ކުރެވޭނެ ކަމަށް ދައުވާކޮށްފައިވެއެވެ.

މި މަޝްވަރާތަކާ ގުޅޭގޮތުން ނެރެފައިވާ ރިޕޯޓުތަކަކީ އިތުބާރު ކުރެވޭ ރިޕޯޓުތަކެއް ކަމަށް ގަބޫލުކުރައްވާ ކަމަށް ކެރީ ވިދާޅުވިއެވެ. އަދި ނަތަންޔާހޫ މި ވާހަކަތައް ދައްކާފައިވަނީ އިސް އޮފިޝަލުން ބައިވެރިވެވަޑައިގެންނެވި ބައްދަލުވުންތަކުގައި ކަމަށާއި، އެ ބައްދަލުވުންތަކުގައި ތަފާތު ޚިޔާލުތަކަށް ރިއާޔަތްކުރެވުނު ކަމަށް ވެސް އޭނާ އިތުރަށް ވިދާޅުވިއެވެ.