ތުޅާދޫ އާއި ވިލުފުށީގެ ހައުސިން ޔުނިޓްތަކަށް ފޯމު ހުށަހެޅުމުގެ މުއްދަތު އިތުރުކޮށްފި
ބ. ތުޅާދޫ އާއި ތ. ވިލުފުށީގައި ސަރުކާރުން ބިނާކޮށްފައިވާ ޖުމްލަ 200 ހައުސިން ޔުނިޓަށް ކުރިމަތިލުމަށް ދީފައިވާ މުއްދަތު، މި މަހުގެ ނިޔަލަށް ހައުސިން މިނިސްޓްރީން މިއަދު އިތުރުކޮށްދީފި އެވެ.
މިނިސްޓްރީން ކުރިން ނިންމާފައި އޮތީ އެ ދެ ރަށުގެ ހައުސިން ޔުނިޓުތަކަށް އެދި ހުށަހެޅުމުގެ ފުރުސަތު މިއަދަށް ހަމަވާ ގޮތަށެވެ. ނަމަވެސް، މިއަދު ގެނައި ބަދަލާ އެކު، މި މަހުގެ ނިޔަލަށް "ހިޔާވަހި" ޕޯޓަލް މެދުވެރިކޮށް ފޯމު ހުށަހެޅުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފަ އެވެ. ކޮންމެ ރަށަކުން ވެސް ދޫކުރުމަށް ހަމަޖެހިފައިވަނީ 100 ހައުސިން ޔުނިޓެވެ.
ތުޅާދޫގެ ހައުސިން ޔުނިޓުތަކުގެ މައްސަލައަކީ މީގެ ކުރިން ބޮޑެތި ގާނޫނީ ހުރަސްތަކެއް ކުރިމަތިވި މައްސަލައެކެވެ. ކުރީގެ ސަރުކާރުން އެ ރަށު ކައުންސިލާ މި މަސައްކަތް ހަވާލުކޮށްފައި ވަނިކޮށް، ފޯމުތައް އިވެލުއޭޓްކޮށް އެކުލަވައިލި ވަގުތީ ލިސްޓު ބާތިލުކުރަން ތުޅާދޫ މެޖިސްޓްރޭޓް ކޯޓުން ވަނީ ހުކުމްކޮށްފަ އެވެ. އެއީ އުސޫލަށް ގެނައި ބަދަލުތަކަކީ ގާނޫނާ ހިލާފު ބަދަލުތަކެއް ކަމަށް ކަނޑައެޅުމަށް ފަހު އެވެ. އެކި ސަބަބުތަކާ ހުރެ އެތައް ދުވަހަކު ފްލެޓުތައް ހަވާލުނުކުރެވި އޮތުމަށްފަހު، ހައުސިން މިނިސްޓްރީން އެ މަސައްކަތާ އަމަލީގޮތުން ހަވާލުވީ މިދިޔަ އަހަރުގެ ފަހުކޮޅު އެވެ.
Ads by BMLމި މަޝްރޫއުގެ ދަށުން ވިލުފުށިން ދޫކުރަނީ 2،000 އަކަފޫޓުގެ ބަންޑާރަ ގޯތިތަކެއްގައި އިމާރާތްކޮށްފައިވާ ތިން ކޮޓަރީގެ ހައުސިން ޔުނިޓުތަކެކެވެ. މި ޔުނިޓުތަކުގައި ތިން ފާހާނާ އާއި، ސިޓިން ރޫމް އަދި ބަދިގެ ހިމެނެ އެވެ.
ތުޅާދޫގައި އިމާރާތްކޮށްފައިވާ 1,100 އަކަފޫޓުގެ ޔުނިޓުތަކުގައި ވެސް ތިން ކޮޓަރި އާއި ތިން ފާހާނާ ހުރެ އެވެ. މީގެ އިތުރުން ސިޓިން ރޫމާއި، ބަދިގެ އަދި ސްޓޯރޫމެއްގެ އިތުރުން ލޯންޑްރީއަށް ހާއްސަ ބައެއް ވެސް މި ޔުނިޓުތަކުގައި ވަނީ ހިމަނާފަ އެވެ.
Ads by MACL
