ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ބޭހުގެ ދަތިކަމަށް ދާއިމީ ހައްލެއް: މުޅި ރާއްޖެ ގުޅާލެވޭ ޑިޖިޓަލް ނިޒާމެއްގެ މަސައްކަތް ފަށައިފި

ބޭހުގެ ދަތިކަމަށް ދާއިމީ ހައްލެއް: މުޅި ރާއްޖެ ގުޅާލެވޭ ޑިޖިޓަލް ނިޒާމެއްގެ މަސައްކަތް ފަށައިފި

ރާއްޖޭގެ ރަށްތަކަށް ދިމާވެފައިވާ ބޭހުގެ ދަތިކަމަށް ދާއިމީ ހައްލެއް ހޯދުމަށްޓަކައި، މުޅި ރާއްޖޭގައި ބޭސް ހުރި މިންވަރު ވަގުތުން ބަލާލެވޭނެ ވަރުގަދަ ޑިޖިޓަލް ނިޒާމެއް ޤާއިމުކުރުމުގެ މަސައްކަތް ސަރުކާރުގެ ބޭސް ކުންފުނިން ފަށައިފިއެވެ. ޖަޒީރާ ރަށްތަކަކަށް ބެހިފައިވާ ރާއްޖޭގެ ސިއްޙީ ނިޒާމަށް ކުރިމަތިވެފައިވާ ބޭހުގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުން އަންނަނީ ތަފާތު ކޮންސެޕްޓަކަށް މަސައްކަތް ކުރަމުންނެވެ.

ސިއްޙީ ދާއިރާގައި އާންމުންގެ އެންމެ ބޮޑު ޝަކުވާއަކަށް ވެފައިވަނީ ރަށްރަށުގެ ބޭސް މަރުކަޒުތަކުން ބޭސް ހުސްވުމާއި، މާލޭގެ ފާމަސީތަކުންވެސް މުހިއްމު ބޭސްތައް ނުލިބޭ މައްސަލައެވެ. މީގެ އިތުރުން ބޭހުގެ އަގު ބޮޑުވުމާއި ކޮލިޓީއާ މެދު އުފެދޭ ސުވާލުތަކަކީވެސް ރައްޔިތުންގެ ކަންބޮޑުވުން އޮތް ކަންކަމެވެ. މި މައްސަލަތަކަށް ހައްލެއް ގެނައުމަށްޓަކައި އިދާރީ އަދި ހިންގުމުގެ ނިޒާމަށް ބޮޑެތި ބަދަލުތަކެއް ގެންނަން ޖެހޭ ކަމަށް ކަމާބެހޭ ފަރާތްތަކުން ފާހަގަކުރެއެވެ.

ޕީއެސްއެމް ނިއުސްގެ "ރާއްޖެ މިއަދު" ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ދައުލަތުގެ ބޭސް ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ޑރ. ޝާހު މާހިރު ވިދާޅުވީ، މިހާރު ދިމާވާ އެންމެ ބޮޑު ގޮންޖެހުމަކީ ރާއްޖޭގައި ބޭހުގެ ސްޓޮކް ހުރި މިންވަރު އެނގޭނެ މަރުކަޒީ ނިޒާމެއް ނެތުން ކަމަށެވެ. މީގެ ސަބަބުން ބޭސް އައު ކުރުމާއި، މުއްދަތު ހަމަވާ ބޭސްތައް ދެނެގަތުމުގެ އިތުރުން، ދާއިމީ ބަލިތަކަށް ބޭސްކުރާ މީހުންނަށް ބޭނުންވާ ތަފްސީލީ މަޢުލޫމާތު އެއްކުރުމަށް ހުރަސްތަކެއް ކުރިމަތިވާކަން އޭނާ ފާހަގަކުރެއްވިއެވެ.

"މިއާއެކު އަންނަން އެބަޖެހޭ ވަރަށް ވަރުގަދަ އިލެކްޓްރޯނިކް ނިޒާމެއް. ޑިޖިޓަލް ނިޒާމެއް މެދުވެރިކޮށް ރާއްޖޭގައި ހުރީ ކޮން ބޭހެއްތޯ، ކޮން ތަންތަނެއްގައިތޯ އެބޭސް ހުރީ ރައްޔިތުންނަށް އެނގޭ ވަރުގެ ސިސްޓަމެއް އަޅުގަނޑުމެން މިދަނީ ޤާއިމުކުރަމުން،" ޑރ. ޝާހު ވިދާޅުވިއެވެ.

ބޭހުގެ މައްސަލަތަކަށް ނިމުމެއް ގެނައުމަށް ސަރުކާރުން މިދިޔަ 2025 ވަނަ އަހަރު އުފެއްދި ބޭސް ކުންފުނިން މިހާރު ވަނީ ބޭހުގެ ފުރަތަމަ އޯޑަރު ފޮނުވާފައެވެ. އަދި ބޭހާ ގުޅޭ ޝަކުވާތަކާއި މަޢުލޫމާތު ހިއްސާކުރުމަށް ޚާއްސަ ހޮޓްލައިނެއް ޤާއިމުކޮށް، ޚިދުމަތްތައް ހަރުދަނާކުރުމުގެ މަސައްކަތް އެ ކުންފުނިން ދަނީ ބާރުސްޕީޑުގައި ކުރަމުންނެވެ.